ސަރުކާރުގެ މުވައްޒަފުންނަށް ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކު ގޭގައި ތިބެ ވަޒީފާ ހަދާ ކުރުމުގެ އުސޫލެއް ކަނޑައަޅަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެ ވަޑައިގެންފިއެވެ.
އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވާ އިންތިހާބުގެ ކެމްޕެއިނަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބ. އަތޮޅަށް ފައްޓަވާފައިވާ ދަތުރުފުޅުގައި، އެ އަތޮޅު ދަރަވަންދޫގައި ބޭއްވި ޖަލްސާގައި ވަނީ "ހެޔޮވެރިކަން" ސިޔާސަތުގެ ދަށުން ކޮށްދޭނެ ކަންތައްތައް އާއްމުކޮށްފައެވެ.
އެ ސިޔާސަތުގެ "ދައުލަތް ހިންގުމާއި ޖަވާބުދާރީ ކުރުވަނިވި ނިޒާމު ހަރުދަނާކުރުން" ބައިގައި ބުނެފައިވަނީ ރޯދަ މަހުގެ ފަހު 10 އަކީ ގިނަ ބަޔަކު ރޭ އަޅުކަމުގައި މަސްއޫލުވެގެން އުޅޭ ދުވަސްވަރެއް ކަމަށެވެ. އެހެންވެ، މުވައްޒަފުންނަށް ލުއި ފަސޭހަކޮށްދިނުމަށް ފަހު 10 ގައި "ވޯކް ފްރޮމް ހޯމް" ނުވަތަ ގޭގައި މަސައްކަތްކުރާނެ ގޮތް ތައާރަފްކޮށް، އެކަން ކަނޑައަޅާނެ ކަމަށް ބުންޏެވެ. ސަރުކާރު މުވައްޒަފުން ގޭގައި މަސައްކަތްކުރާނެ ގޮތް ހުށަހެޅުމުގެ އިތުރުން، ސިވިލް ސާވިސް ހަރުދަނާކުރަން ވެސް ހުށަހަޅާފައިވެއެވެ.
އޭގެ ތެރޭގައި ސިވިލް ސާވިސް އަކީ ވެރިކަން ހިންގުމުގެ ބާރުގެ ސިޔާސަތުތައް ހަލުވިކަމާއެކު ތަންފީޒުކުރެވޭނެ ފަދަ އެފިޝަންޓް ނިޒާމެއްގެ ގޮތަށް ބަދަލު ކުރުމަށާއި ސިވިލް ސާވިސްގެ ރެގިއުލޭޓަރީ ނިޒާމަކީ ޒަމާނީ ހިންގުމުގެ ގޮތަށް ބައްޓަންކުރެވިފައިވާ ފްލެކްސިބަލް އަސާސްތަކުގެ މައްޗަށް ގާއިމްކުރެވިފައިވާ ނިޒާމެއްގެ ގޮތަށް ބަދަލުކުރުމަށް ސިވިލް ސާވިސްގެ މޮޑެލްއަށް ގާނޫނީ އިސްލާހުތައް ގެނައުމަށް ހުށަހަޅާފައިވެއެވެ.
ދައުލަތުގެ މުއައްސަސާތަކުގެ ގަވަނަންސްގައި ހުރި ފަރަގުތައް ނައްތާލައި އޮޕަރޭޝަނަލް މިނިވަންކަމާއެކު ދައުލަތުގެ މުއައްސަސާތައް ހިންގޭނެ ޒަމާނީ އޮނިގަނޑެއް ގާއިމްކުރުމަށްޓަކައި، ޕަބްލިކް ސާވިސެއް ގާއިމްކުރުމުގެ ގޮތުން ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެންނާނެ ކަމަށް ވެސް އެމްޑީޕީގެ މެނިފެސްޓޯގައި ބުންޏެވެ.
ރައީސް ސޯލިހުގެ ދެ ވަނަ ދައުރެއް ހޯއްދަވަން ކުރައްވަމުން ގެންދަވާ ކެމްޕޭނުގައި ބ. ދަރަވަންދޫގައި މިރޭ ބޭއްވި ޖަލްސާގައި އިއުލާނު ކުރި "ހެޔޮވެރިކަން" މެނިފެސްޓޯގައި ދައުލަތުގެ ހިންގުން ވަރުގަދަ ކުރުމުގެ ވައުދުގެ ދަށުން މުވައްޒަފުންނާ ގުޅުންހުރި މުހިންމު ކަންތައްތަކެއް އެކުލަވާލާފައިވެއެވެ.
ކޮމެންޓު ފޮނުވާ