އަޅުގަނޑުގެ ވެރިކަމެއްގައި ބޭރުގެ ސިފައިންނަށް ރާއްޖޭގައި ނުތިބެވޭނެ: ގާސިމް

އަޅުގަނޑުގެ ވެރިކަމެއްގައި ބޭރުގެ ސިފައިންނަށް ރާއްޖޭގައި ނުތިބެވޭނެ: ގާސިމް

Author
އަހުމަދު
22 އޮގަސްޓް 2023 11:13
0

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ވެރިކަމެއްގައި ބޭރުގެ ސިފައިންނަށް ރާއްޖޭގައި ނުތިބެވޭނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އަންނަ ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހދ. އަތޮޅާއި ށ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ހިރިމަރަދޫގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ ޖޭޕީގެ ވެރިކަމެއްގައި ހދ. ހަނިމާދޫ އެއާޕޯޓު އޮންނާނީ ދިވެހި ދައުލަތުގެ ބާރުގެ ދަށުގައި ކަމަށެވެ. އަދި އެ ތަނުގައި ވެސް އިންޑިއާ ސިފައިން ތިބުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

"އެ ތަނުގައި ނުތިބެވޭނެ ބޭރު ގައުމެއްގެ ސިފައިންނަށް. މި ދަންނަވަނީ މިހާރު ވެސް. އަޅުގަނޑު ވެރިކަމަށް ގެނެސް ދެއްވައިިފި ނަމަ، ނުތިބެވޭނެ ބޭރު ގައުމުގެ ސިފައިންނަކަށް. އެއީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފަށް އެއްވެސް ވެރިއަކަށް ދެވޭނެ ހުއްދައެއް ނޫން އެއީކީ،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އިންޑިއާ ސިފައިންނަށް ރާއްޖޭގައި ނުތިބެވޭނެ ކަމަށް ވިދާޅުވަނީ އިންޑިއާ ސަރުކާރާއި އެ ގައުމުގެ ރައްޔިތުންނާ މެދުގައި އެއްވެސް ކަހަލަ ހިތްހަމަނުޖެހުމެއް އޮވެގެން ނޫން ކަމަށެވެ. އެ ވާހަކަ ދައްކަވަނީ، ދިވެހި ވެރިން ގާނޫނު އަސާސީ އާއި ގާނޫނާ ހިލާފުވާތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ގާސިމް ވަނީ ޖޭޕީ އަށް ވެރިކަން ދީފި ނަމަ، ފަސް އަހަރު ދުވަހުގެ ތެރޭގައި ހދ. އަތޮޅުގައި 10،000 އެނދު ގާއިމުކޮށްދިނުމަށް ވައުދުވެވަޑައިގެންފައެވެ. ގާސިމް ވިދާޅުވި ގޮތުގައި އޭނާގެ ވިސްނުން ހުރީ ހަމައެކަނި ރިސޯޓު ތަރައްގީ ކުރުމަށް އެކަންޏެއް ނޫނެވެ. ރަށްރަށުގައި ގެސްޓްހައުސް އަޅައި ދިނުމަށް މާލީ ގޮތުން އެހީތެރިވެ، މުޅިން ތަފާތު މޮޑެލްއެއް ތައާރަފް ކުރައްވާނެ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

"ހދ. އަތޮޅުގައި ޓޫރިޒަމް ނެތް އަތޮޅު މާތް ﷲ ގެ ވާގިފުޅާއެކު އަޅުގަނޑުމެން ކޮށްދޭނީ ވަރަށް އިހްލާސްތެރިކަމާއެކީ، ފަރުވާތެރިކަމާއެކު. މިއީ ދައްކާ ހުސް ވާހަކައެއް ނޫން. މަދުވެގެން ހަތަރު، ފަސް ރިސޯޓު ހުޅުވިގެން ދާނެ އަޅުގަނޑުގެ ވެރިކަމުގައި ﷲ ގެ ވާގިފުޅާއެކު. އަދި ރަށްރަށުގައި ގެސްޓްހައުސް އެޅިގެންދާނެ،" ގާސިމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.