މީޑިއާ މިނިވަންކުރަން ދައުލަތުގެ ބަޖެޓުގެ ވަކި ޕަސެންޓެއް އަމިއްލަ މީޑިއާތަކަށް!

މީޑިއާ މިނިވަންކުރަން ދައުލަތުގެ ބަޖެޓުގެ ވަކި ޕަސެންޓެއް އަމިއްލަ މީޑިއާތަކަށް!

Author
މުޙައްމަދު ޝަޒައިމް
22 އޮގަސްޓް 2023 10:49
0

އަމިއްލަ މީޑިއާތައް ހިންގުމަށް މާލީ އެހީތެރިކަން ދިނުމަށްޓަކައި ދައުލަތުގެ ބަޖެޓުގެ ވަކި ޕަސެންޓެއް ކަނޑައަޅަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފިއެވެ.

އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ "ހެޔޮވެރިކަން" ސިޔާސަތުގައި ވަނީ މީޑިއާގެ މިނިވަންކަން ކަށަވަރުކުރުމަށް ކުރާނެ ކަންތައްތަކެއް ހިމަނާފަ އެވެ. އެގޮތުން މީޑިއާތަކުގެ ސެލްފް ގަވާނަންސް އަދި ރެޖިސްޓްރޭޝަން މަރުހަލާގައި ހުރި މައްސަލަތައް ހައްލުކުރުމަށާއި މީޑިއާތަކާ ގުޅިގެން މީޑިއާގެ ދަފްތަރުގައި ހުރި މައްސަލަތައް ހައްލުކުރަން ހުށަހަޅާފައިވެ އެވެ.

މީޑިއާތައް މިނިވަންކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުމަކީ މީޑިއާ ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ވަކި ފަރާތަކަށް ބަރޯސާވުން ނައްތާލުމަށްޓަކައި ގާނޫނެއްގައި ކަނޑައަޅާ ވަކި ޝަރުތުތަކެއް ފުރިހަމަވާ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ކަނޑައެޅޭ އިންސައްތައެއްގެ ފައިސާ ހަމަޖެއްސުމަށެވެ. މި ފައިސާ ދޫކުރެވެނީ ހަމަހަމަކަމާއި ނުފޫޒުން އެއްކިބާވެފައިވާ ނިޒާމަކުންކަން ކަށަވަރުކުރުމަށް، ބައިނަލްއަގުވާމީ މިންގަނޑުތަކާއި އުސޫލުތަކާއި އެއްގޮތަށް އޮންނަ ރޭޓިން ނިޒާމެއް ކަނޑައަޅާނެ ކަމަށްވެސް ބުނެފައިވެއެވެ.

މީޑިއާތަކުގެ މާލީ ގާބިލުކަމަށް ވަކި ފަރާތަކަށް ބަރޯސާވުން ނައްތާލުމަށްޓަކައި ގާނޫނުގައި ކަނޑައަޅާ ވަކި ޝަރުތުތަކެއް ފުރިހަމަވާ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ކަނޑައެޅޭ އިންސައްތައެއްގެ ފައިސާ އެލޮކޭޓްކުރާނެ. މި ފައިސާ ދޫކުރެވެނީ ހަމަހަމަކަމާއި ނުފޫޒުން އެއްކިބާވެފައިވާ ނިޒާމަކުންކަން ކަށަވަރުކުރުމަށް، ބައިނަލްއަގުވާމީ މިންގަނޑުތަކާއި އުސޫލްތަކާއި އެއްގޮތަށް އޮންނަ ރޭޓިންގް ނިޒާމެއް ކަނޑައަޅާނެ.

– މެނިފެސްޓޯގައި ބުނެފައިވެއެވެ.

މީޑިއާތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ މައުލޫމާތަކީ ސައްހަ، ތެދު އަދި ޔަގީންކުރެވިފައިވާ ހަބަރުތަކާ މައުލޫމާތުތަކެއްކަން ކަށަވަރުކުރުމަށްޓަކައި، ހަރުދަނާ އިންތިޒާމުތަކެއް މީޑިއާ ކައުންސިލް މެދުވެރިކޮށް ގާއިމުކުރުމަށްވެސް ހިމަނާފައިވެއެވެ. ދިވެހި ސްޓްރީމިން ސާވިސް ތަކާއި، ޕޮޑްކާސްޓިން، އަދި އެހެނިހެން އޮންލައިން މީޑިއާ ޕްލެޓްފޯމް ތަކުގައި ކޮންޓެންޓް ތައްޔާރުކުރާ މީހުންގެ ކުރިއެރުމަށް ބެނުންވާ ގާނޫނީ ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ހިމަނާފައިވެއެވެ.

މީގެއިތުރުން ކޮމިއުނިޓީ-ބޭސްޑް ޖާނަލިޒަމް، ފްރީލާންސް ޖާނަލިޒަމް، ޑިޖިޓަލް ކޮންޓެންޓް ކްރިއޭޝަން ފަދަ ދާއިރާތަކުން ކުރިއެރުމަށް ބެނުންވާ، ތަމްރީނާއި، ތައުލީމީ ފުރުސަތު ފަހިކޮށްދޭނެ ކަމަށްވެސް ބުނެފައިވެއެވެ. ޑިޖިޓަލް ކޮންޓެންޓް ކްރިއޭޝަން، ސްޓްރީމިން ސާވިސްތަކާއި، ޕޮޑްކާސްޓިން، ޕަބްލިޝާޒް، ފިލްމް، ޑޮކިއުމަންޓްރީ ޕްރޮޑިއުސަރުން އަދި ނޮވެލިސްޓުންނަށް ބޭނުންވާ މާލީ އެހީތެރިކަން އެސްއެމްއީ ބޭންކް މެދުވެރިކޮށް ހަމަޖައްސައިދިނުމަށްވެސް ހިމަނާފައިވެއެވެ.

ދައުލަތުގެ މީޑިއާއިން ފޯރުކޮށްދޭ ހަބަރާ މައުލޫމާތުތަކަކީ ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންކުރެވޭ އަދި ފޯރުކޮށްދެވޭ ކޮންޓެންޓަށް ހަދާނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި ނޫސްވެރިކަމަށް އަލަށް ނިކުން ކުދިން ތަމްރީނުކޮށް، ކެރިއަރެއްގެ ގޮތުގައި މީޑިއާގައި މަސައްކަތްކުރުމަށް ބޭނުންވާ އެކި ތަމްރީނު ފުރުސަތުތައް ފަހިކޮށްދިނުމަށްވެސް ހުށަހަޅާފައިވެއެވެ.

ބަޖެޓުން ފައިސާ ދޭން ރައީސް ސޯލިހު ވައުދުވެވަޑައިގެންނެވިއިރު، މީޑިއާގެ ހައްގުގައި މަސައްކަތްކުރާ ދިވެހި ބައެއް ޖަމިއްޔާތަކުން މީގެ ކުރިން މިފަދަ އެހީއެއް ހަމަޖެއްސުމަށް ސަރުކާރަށް ހުށަހަޅާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.