ރިޔާސީ އިންތިޚާބު ދެވަނަ ބުރަކަށް ގެންގޮސްގެން އަމިއްލަ ފައިދާ ނެގުމަށް ނޫޅުއްވާ، އިންތިޚާބުގައި ވޯޓުބައިބައި ކުރަން މަސައްކަތް ކުރައްވާ ކެންޑިޑޭޓުން އެމްޑީޕީގެ ފަހަތަށް އެރުމަށް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕޭންގައި ބ.ކެންދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ބަނދަރު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ، ބ. އަތޮޅު އޮތީ ބޮޑުކޮށް މިއިންތިޚާބުގައި އެމަނިކުފާނާއި އެކުގައި ކަމަށެވެ. މިއިންތިޚާބުގައި ވާދަކުރައްވާ މަދު ކެންޑިޑޭޓަކު ފިޔަވައި ދެން ފެންނަނީ އިންތިޚާބު ދެވަނަ ބުރަކަށް ގެންދަން މަސައްކަތް ކުރާ ކެންޑިޑޭޓުންކަމަށް ވިދާޅުވިއެވެ. އެބޭފުޅުންގެ ބޭނުމަކީ ދެވަނަ ބުރަކަށް އިންތިޚާބު ގެންގޮސް ސަރުކާރަކުން ލިބޭ ބައި ބޮޑު ކުރުންކަމަށެވެ.
ބ.އަތޮޅުގެ ބޮޑު އައުލަބިއްޔަތެއް އޮތީ އަޅުގަނޑުމެންނާއިއެކު ނިމިފަ. ކެންޑިޑޭޓުންގެ ތެރެއިން މިއިންތިޚާބުގައި ސީރިއަސް ކަމާއިއެކު މަސައްކަތް ކުރަނީ މަދު ކެންޑިޑޭޓުން. އިންތިޚާބު ދެވަނަ ބުރަކަށް ގެންދަން ގިނަ ކެންޑިޑޭޓުން މަސައްކަތް ކުރަނީ.
– ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިހާތަނަށް މިސަރުކާރުން ނޫނީ ކާމިޔާބު ކަމާއިއެކު ކޯލިޝަން ވެރިކަމެއް ހިންގުނު ވެރިކަމެއް ނެތްކަމަށެވެ. އެހެންކަމުން ދެންވެސް ކޯލިޝަނަކާއިއެކު މަސައްކަތް ކުރާނަމަ އަންނަންވީ އެމްޑީޕީ ކޯލިޝަނަށް ކަމަށެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި 21 ދުވަހުން ކޯލިޝަން ރޫޅިފައިވާއިރު، ރައީސް ޔާމީންގެ ކޯލިޝަން ވެރިކަން ނިމުނީ 6 މަސް ދުވަހުންކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއިންތިޚާބު ދެވަނަބުރަކަށް ދާތަން ނުފެންނަ ކަމަށެވެ. އަދި ދެވަނަ ބުރަކަށް ދާނެކަމަށް އުންމީދު ކުރައްވާ ބޭފުޅުން ސަރުކާރުން ބައި ލިބޭނެ ގޮތަށް މަސައްކަތް ކުރުމަކީ އޭގެ އެދެވޭ ނަތީޖާ ލިބޭނެ ކަމެއް ނޫންކަމަށެވެ. ރައީސް ވިދާޅުވީ މިސަރުކާރު ދެމެހެއްޓުމަކީ ރާއްޖޭގެ ރައްޔިތުންނަށްވެސް އޮތް އެންމެ ރަނގަޅު ގޮތްކަމަށެވެ.
ކޮމެންޓު ފޮނުވާ