ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ޖެނުއަރީން ފެށިގެން 40 ޕަސެންޓަށް ބޮޑުކުރަނީ

ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ޖެނުއަރީން ފެށިގެން 40 ޕަސެންޓަށް ބޮޑުކުރަނީ

Author
މުޙައްމަދު ޝަޒައިމް
21 އޮގަސްޓް 2023 10:46
0

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ފާސްކުރާނީ މިހާރު މުސާރަ ބޮޑުނުކޮށް ހުރި ހުރިހާ ދާއިރާއަކަށް ބަޖެޓްގައި ފައިސާ ހިމަނާފައި ކަމަށާއި އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެ ހުރިހާ މުވައްޒަފުންނަށް ބޮޑުކުރި މުސާރަ ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރާނެ ތާރީހް ރައީސް މިރޭ އިއުލާން ކުރެއްވީ ބ. ތުޅާދޫގައި ބޭއްވި އެމަނިކުފާނުގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. މުސާރަ އެއްހަމަކުރުމުގެ މަސައްކަތްކުރާއިރު، ދައުލަތުގެ ހުރިހާ އިދާރާއެއްގައި މަސައްކަތްކުރާ 48،000 އަށްވުރެ ގިނަ މުވައްޒަފުންގެ މުސާރަ ބޮޑުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ ހުރިހާ މުވައްޒަފުންގެ މުސާރަ، 40 ޕަސެންޓަށް ބޮޑުވާނެ ކަމަށެވެ. އެކަމުގެ ބައެއް ތަފްސީލުތައް ވެސް ރައީސް ވަނީ ދެއްވައިފައެވެ. ރައީސް މިރޭ ވިދާޅުވީ ސިފައިން، ފުލުހުން، އިމިގްރޭޝަން، ކަސްޓަމްސް، ކަރެކްޝަންސް އަދި އިމާމުންނާއި މުދިމުންގެ އިތުރު ޝަރުއީ ދާއިރާގެ ހުރިހާ މުވައްޒަފުންނާއި ލޯކަލް ކައުންސިލްތަކުގެ މުވައްޒަފުން ހިމެނޭ ގޮތަށް ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުންގެ މުސާރަ ޖެނުއަރީން ފެށިގެން ބޮޑުކޮށްދޭނެ ކަމަށެވެ.

އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އަމާޒަކީ ދެން މި ފާސްކުރާ ބަޖެޓާއެކީގައި، އަންނަ ޖެނުއަރީ މަހުން ފެށިގެން މި ހުރިހާ ދާއިރާއެއްގައި މަސައްކަތްކުރާ އެންމެންގެ މުސާރަ ހެޔޮ ބަދަލެއް ގެނައުން.

– ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ކޮންސްޓަބަލް ރޭންކުގެ ފުލުހަކަށް 11،000ރ. އިން 15،400ރ. އަށް އިތުރުވާނެ ކަމަށެވެ. ސިފައިންގެ ޕްރައިވެޓް ރޭންކުގެ މީހަކަށް 11،500ރ. މިހާރު ލިބޭއިރު، އަލަށް ގެންނަ ބަދަލުތަކާއެކު 16،300ރ. އަށް ބޮޑުވާނެ ކަމަށް ވިދާޅުވިއެވެ. ލޯކަލް ކައުންސިލް އިދާރާގައި، 7200ރ. ގެ މުސާރައެއް ލިބޭ މުވައްޒަފުންނަށް، 10،500ރ. އަށް މުސާރަ އިތުރުވާނެއެވެ.

ސިވިލް ސާވިސްގެ މިނިސްޓްރީއެއްގެ ޑައިރެކްޓަރަކަށް މުސާރައަކަށް މިހާރު ލިބެނީ 16،000ރ. އެވެ. އެކަމަކު، ރައީސް ވިދާޅުވި ގޮތުގައި، އަންނަ ޖެނުއަރީން ފެށިގެން އެ ރޭންކުގެ މުވައްޒަފުންގެ މުސާރަ 23،200ރ. އަށް ބަދަލުވާނެ ކަމަށެވެ.

މުސާރަ އެއްހަމަކުރުމުގެ މަސައްކަތްކުރާއިރު، ދައުލަތުގެ ހުރިހާ އިދާރާއެއްގައި މަސައްކަތްކުރާ 48،000 އަށްވުރެ ގިނަ މުވައްޒަފުންގެ މުސާރަ ބޮޑުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާގެ މުސާރަތައް ބޮޑުކޮށް މިހާރު ވަނީ ބޮޑުކުރި މުސާރަ ދޭން ފަށާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މުވައްޒަފެއް
ތިވަރު މާލަހެއް ނޫންތޯ؟ ޔަޤީންކަމެއްނެތޭ!
ާ ާަައަލިފުޅުބެ
ސާބަސް. ދަރަނި ނަގަނަގާފައި ތަޅާބުރުވާ، ގައުމުއިދަޖައްސާ،ރައްޔިތުން ސަލާމަތް ނުވާވަރު ކޮއްފާނޫނީ ފައިބައިގެން ނުދާނެ.