ރާއްޖޭގެ ޓެނިސް ޓީމު އުންމީދާ އެކު އަނެއްކާ ވެސް އައިއޯއައިޖީ އަށް

ރާއްޖޭގެ ޓެނިސް ޓީމު އުންމީދާ އެކު އަނެއްކާ ވެސް އައިއޯއައިޖީ އަށް

ގުޅުންހުރި

މަޑަގަސްކަރައިގައި މި މަހު ފެށުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖޭގެ ޓެނިސް ޓީމު ވާދަކުރާއިރު، 2015 ވަނަ އަހަރު ރީޔޫނިއަންގައި ބޭއްވި އައިއޯއައިޖީގައިވެސް ޓެނިސް ޓީމު ވަނީ ވާދަކޮށްފައެވެ. އެކަމަކު އޭގެ ފަހުން 2019 ވަނަ އަހަރު މޮރިޝަސްގައި ބޭއްވި އައިއޯއައިޖީގައި ޓެނިސް އިވެންޓް ހިމަނާފައެއް ނުވެ އެވެ.

މި އާއެކުވެސް ސަރަހައްދީ ފެންވަރުގައި ޓެނިހަށް މާ ބޮޑު ކާމިޔާބެއް މިހާތަނަށް ލިބިފައިނެތް ނަމަވެސް، ގައުމީ ޓެނިސް ޓީމުން މި ފަހަކަށް އައިސް އަންނަނީ އެކި މުބާރާތްތަކުގައި ރަނގަޅު ކުރިއެރުންތަކެއް ހޯދަމުންނެވެ. އެގޮތުން ޓެނިހުގައި ޒުވާން އައު ކުޅުންތެރިން މިހާރު އަންނަނީ ފިޔަޖަހަމުންނެވެ.

ރާއްޖޭގައި ޓެނިސް ކުޅޭތާ ގިނަ އަހަރުތަކެއް ވެފައިވާއިރު، ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ތެރެއިން އެންމެ ރަނގަޅު ކުޅިވަރު ވަސީލަތްތައް ގާއިމުވެފައިވާ ކުޅިވަރަކީ ޓެނިހެވެ. އެގޮތުން މި ސަރުކާރުންވެސް ޓެނިހަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާއިރު، މާލޭގައި ހުންނަ ޓެނިސް ކޮމްޕްލެކްސް މިހާރު ވަނީ އޭޓީޕީ ސްޓެންޑާޑަށް ތަރައްގީކޮށްފައެވެ.

އަދި މި އަހަރުގެ ތެރޭގައި ވަނީ ރާއްޖޭގެ ކުޅިވަރުގެ ތާރީޚުގައި މިހާތަނަށް ފަށާ އެންމެ އަގުބޮޑު މަޝްރޫއު ކަމަށްވާ ހުޅުމާލޭ ޓެނިސް ކޮމްޕްލެކްސްގެ ބިންގާވެސް އަޅާފައެވެ. މިއާއެކު ރާއްޖޭގައި ޓެނިސް އިތުރަށް ކުރިއެރުވުމަށް، އެ ކުޅިވަރުގެ ބެލެނިވެރި އެސޯސިއޭޝަނަށް އެތައް ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ސަރުކާރާ ގުޅިގެން ޓެނިސް އެސޯސިއޭޝަނުން ގިނަ މަސައްކަތްތަކެއް މި ފަހަކަށް އައިސް ކުރަމުން އަންނައިރު، ދާދި ފަހުން އެ އެސޯސިއޭޝަނުން ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓެނިހުގެ ބައިނަލްއަގުވާމީ މުބާރާތެއް ބާއްވާފައެވެ. އެގޮތުން މިދިޔަ ނޮވެމްބަރު މަހު މާލޭގައި ބޭއްވި މޯލްޑިވްސް ޓެނިސް ޗެލެންޖުގައި ދިވެހި ޒުވާން ކުޅުންތެރިން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ.

މި ފަހަކަށް އައިސް ޓެނިހުގައި އެންމެ ވިދަމުން އަންނަ އެއް ކުޅުންތެރިޔަކީ ރާއްޖޭގެ ޒުވާން ޓެނިސް ތަރި ނަބާ ނިޝާނެވެ. އެގޮތުން އޭނާގެ އުމުރުން އެންމެ 11 އަހަރުގައި ނަބާ ވަނީ ގައުމީ ޓެނިސް މުބާރާތުގެ ތިން ޑިވިޝަނެއްގެ ތަށި ހޯދައި، ޓެނިހުގެ އިތުރުން ރާއްޖޭގެ ކުޅިވަރު ތާރީޚުންވެސް ޚާއްސަ ޖާގައެއް ހޯދާފައެވެ. މީގެ އިތުރުން ސަރަހައްދީ އެކި މުބާރާތްތަކުގައި ނަބާ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާއިރު، ހަގު އުމުރުގައި ނަބާ ވަނީ ރާއްޖޭގެ އެންމެ މޮޅު ޓެނިސް ކުޅުންތެރިޔާގެ މަގާމުވެސް ހާސިލުކޮށްފައެވެ.

ނަބާގެ އިތުރުންވެސް ޓެނިސް ޓީމުގައި ޒުވާން ގިނަ ކުޅުންތެރިންތަކެއް ހިމެނޭއިރު، އެ ކުޅުންތެރިންވެސް އަންނަނީ ގިނަ ކުރިއެރުންތަކެއް ހޯދަމުންނެވެ. އެހެންކަމުން ކުރިމަގުގައި ޓެނިހުން ރާއްޖެއަށް މެޑަލް ގެނައުމަކީ ދުރު ނޫން ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

 

އެޑިޓަރުގެ ނޯޓު: މިއީ މި މަހު 25 ގައި މަޑަގަސްކަރާގައި ފެށުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ދާ ދިވެހި އެތުލީޓުންނާއި ޓީމުތައް ޕްރޮމޯޓް ކުރުމަށް އެމްއޯސީ މީޑިއާ ޓީމުން ތައްޔާރުކޮށްފައިވާ އާޓިކަލް އެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ