ރާއްޖޭގެ މިފަސްގަނޑުގައި ބޭރުގެ އެއްވެސް ޤައުމެއްގެ ސިފައިންނަކަށް ނުތިބެވޭނެ ކަމަށާއި ދިވެހިންގެ ސަލާމާތާއި ރައްކާތެރިކަމާއި ދިވެހި ފަސްފަނޑު ބަލަހައްޓާނީ ދިވެހި ސަލާމަތީ ބާރުތަކުން ކަށަވަރު ކުރައްވާނެ ކަމުގެ ޔަގީންކަން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ރިޔާސީ ކެމްޕޭންގައި މުއިއްޒުގެ މެނިފެސްޓޯގެ އެންމެ މުހިންމު ސިޔާސަތު ކަމުގައިވާ ގެދޮރުވެރިކަމާއި އާރބަނައިޒޭޝަން ސިޔާސަތު ހާމަކޮށް ދެއްވުމަށް މިރޭ އެތައް ސަތޭކަ ރައްޔިތުންނާއިއެކު މަޝްހޫރު "ކޮތަރު ކޮށި" ސަރަހައްދުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ކޮންމެ ހާލަތެއްގައިވެސް އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ދިވެހިންގެ މާތް ވެގެންވާ އިސްލާމް ދީނާއި، ދިވެހިންގެ މިނިވަންކަން ދެމެހެއްޓުމަށް ކަމަށެވެ.
ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމުގައި ކުރަންޖެހޭ މަސައްކަތަކީ ބުރަ ބޮޑު މަސައްކަތެއްކަން އިހުސާސް ކުރެވޭކަމަށް މުއިއްޒު ވިދާޅުވިއެވެ. މިސަރުކާރުގެ ޚާރިޖީ ސިޔާސަތު ވަކި ޤައުމަކަށް އެކަނި ބަރޯސާ ވުމުން މިއަދު ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު އޮތީ ނާޒުކު ފައްތަރެއްގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ މިކަން ބަދަލުކޮށް ވަކި ޤައުމެއްގެ އުގަށް ނުވެއްޓި ޚާރިޖީ ސިޔާސަތު ހުރިހާ ޤައުމަކަށްވެސް ހަމަހަމަ ކަމާއިއެކު ގެންގުޅުއްވާނެކަމަށެވެ.
އަޅުގަނޑުމެންގެ ވެރިކަމެއްގައި ޚާރިޖީ ސިޔާސަތު ވަކި ޤައުމަކަށް ގޮސް ހުހެއް ނުވާނަން. ހުރިހާ ޤައުކާއިވެސް ގުޅުން ބާއްވައި، އިމުން ބޭރުވިޔަ ނުދޭނަން. ހަމަހަމަ ކަން ދަމަހައްޓާނަން. މިޤައުމުގައި އެހެން ޤައުމެއްގެ ސިފައިންނަށް ނުތިބެވޭނެ. އަޅުގަނޑުމެންގެ ކަންކަން ނިންމުމުގެ ބާރު އަޅުގަނޑުމެން ދިވެހިންނަށް ލިބެންޖެހޭނެ. އަމިއްލަ ވަންތަ ކަމާއި މިނިވަންކަން ދަމަހައްޓައި ހައްގުބަސް އިއްވާނަން.
– މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބޭރުގެ އެއްވެސް ޤައުމެއްގެ ސިފައިންނަކަށް ނުތިބެވޭނެކަމަށެވެ. ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓާނީ ދިވެހި ސަލާމަތީ ބާރުތަކުން ކަމަށް މުއިއްޒު ވިދާޅުވިއެވެ. ބޭރުގެ ޤައުމުތަކުގެ ސިފައިންނަށް ރާއްޖޭގައި ވަޒަންވެރިވެ ތިބުމަކީ ޖާގަ ދޭނެ ކަމެއް ނޫންކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވަނީ ރިޔާސީ އިންތިޚާބާއި ދިމާކޮށް ފައިސާ ބޮޑިބޮޑި ހިފައިގެން އަންނާނެކަމަށް ވިދާޅުވެފައެވެ. ވަގުތީ ފައިދާއަކަށްޓަކައި ފައިސާ ފޮއްޗަކަށް މިނިވަންކަން ވިއްކާލާނީތީ މިއީ ކޮންމެ ރައްޔިތަކު ހިތާހިތާ ކޮށްލަންޖެހޭ ސުވާލެއްކަމަށް މުއިއްޒު ވިދާޅުވިއެވެ.