ވޯޓުލުމުގެ ހައްގު ލިބެނީ 282،395 މީހުންނަށް، ލިސްޓު ފައިނަލްކޮށްފި

ވޯޓުލުމުގެ ހައްގު ލިބެނީ 282،395 މީހުންނަށް، ލިސްޓު ފައިނަލްކޮށްފި

Author
މުޙައްމަދު ޝަޒައިމް
20 އޮގަސްޓް 2023 08:16
0

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ދިން މުއްދަތަށް ފަހު، ފައިނަލް ލިސްޓު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ގެޒެޓްކޮށްފިއެވެ.

އެންމެ ފަހުން ނެރުނު ލިސްޓާ އެއްގޮތަށް، ފައިނަލް ލިސްޓުގައިވާ ގޮތުން، އަންނަ މަހު ނުވަ ވަނަ ދުވަހު އޮންނަ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 282،395 މީހަކަށް ލިބެއެވެ. މީގެ ތެރެއިން 27،000 އަށް ވުރެ ގިނަ މީހުންނަކީ 18 އަހަރު ފުރުމާ އެކު މިފަހަރު އަލަށް ވޯޓު ލެވޭ ޒުވާނުންނެވެ.

ފައިނަލް ލިސްޓު ނެރުމުގެ ކުރިން އީސީގެ ނައިބު އިސްމާއިލް ހަބީބު ކުރެއްވި ޓްވީޓެއްގައި މި ލިސްޓަށް ދެން ކޯޓު އަމުރަކުން ނޫނީ ބަދަލެއް ނުގެނެވޭނެކަން ވަނީ ފާހަގަކުރައްވައިފައެވެ.

ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ، ފައިނަލް ލިސްޓު، ސަރުކާރުގެ ގެޒެޓްގައި، އަދި އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި ވަނީ ޢާންމު ކުރައްވާފައެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ ކޮންމެ ބޭފުޅަކުވެސް ވޯޓުލާން އެބޭފުޅަކު ރަޖިސްޓަރީ ވެފައި އޮތީ ކޮންތާކުތޯ، ދުރާލައި ބެއްލެވުމަށް އިލްތިމާސް ކުރައްވާފައެވެ. ވޯޓުލާމީހުންގެ ލިސްޓު ޗެކް ކުރެއްވުމަށް 1414 VR(space) ID އަށް ފޮނުވުމުން ޗެކްކޮށްލެވޭނެއެވެ.

މި އިންތިހާބުގައި 574 ވޯޓު ފޮށި ބަހައްޓާނެއެވެ. އެއީ މާލެ ސަރަހައްދުގައި އެކަނި ވެސް 176 ފޮށި ބަހައްޓަން ނިންމާފައި ވާއިރު ރާއްޖޭން ބޭރުގެ ފަސް ގައުމެއްގައި އަށް ފޮށި ބަހައްޓާނެއެވެ.

އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް، ސައްހަ ވޯޓުގެ 50 ޕަސެންޓަށް ވުރެ ގިނައިން ނުލިބިއްޖެ ނަމަ ދެ ވަނަ ބުރެއްގެ ވޯޓުލުން 30 ވަނަ ދުވަހު ބާއްވާނެއެވެ. އެ ބުރުގައި ވާދަކުރާނީ ފުރަތަމަ ބުރުން އެންމެ ގިނައިން ވޯޓު ލިބިފައިވާ ދެ ކެންޑިޑޭޓުންނެވެ.

ރާއްޖޭގެ ގާނޫނޫ އަސާސީއަށް ބަދަލު ގެނެސް މަލްޓި ޕާޓީ ސިސްޓަމް ތައާރަފުކުރި ފަހުން މީ އެންމެ ގިނަ ބަޔަކު ރައީސްކަމަށް ވާދަކުރާ ފުރަތަމަ ފަހަރެވެ. ފެހި ޤާނޫނު އަސާސީގެ ދަށުން 2008 ވަނަ އަހަރު ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބުގައި ވާދަކުރީ 6 ކެންޑިޑޭޓުންނެވެ. ނަމަވެސް މިފަހަރުގެ ރިޔާސީ އިންތިޚާބަށް 8 ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެތެރޭގައި ހިމެނެނީ ސިޔާސީ ޕާޓީގެ ޓިކެޓްގައި ރިޔާސީ ރޭހަށް ނިކުމެވަޑައިގަތް 5 ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރާ 3 ކެންޑިޑޭޓުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.