ސައުދީ ވަލީ އަހުދުއާއި އީރާނުގެ ޚާރިޖީ ވަޒީރު ބައްދަލު ކުރައްވައިފި

ސައުދީ ވަލީ އަހުދުއާއި އީރާނުގެ ޚާރިޖީ ވަޒީރު ބައްދަލު ކުރައްވައިފި

އިރާނުގެ ޚާރިޖީ ވަޒީރު ހުސައިން އާމިރު އާއި ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ ސައުދީ އަރަބިއާގެ ޖިއްދާގައެވެ.

ސައުދީ ޕްރެސް އޭޖެންސީ (SPA)އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުމާއި، އަދި މުސްތަގުބަލުގައި ތަރައްގީއާއި ގުޅުންހުރި ކަންކަމުގައި ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރުމާއި ގުޅޭގޮތުން ކަމުގައެވެ. އަދި އޭގެ އިތުރުން ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައްސަލަތަކާއި ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައި ވެއެވެ.

މި ބައްދަލު ކުރެއްވުމުގައި ސައުދީ ފޮރިން މިނިސްޓަރ ޕްރިންސް ފައިސަލް ބިން ފަރުހާންވެސް ބައިވެރިވެވަޑައިގެންނެވި ކަމަށްވެސް (SPA)އިން ރިޕޯޓު ކޮށްފައި ވެއެވެ. އިރާނުގެ ޚާރިޖީ ވަޒީރު ސައުދީ އަރަބިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަނީ ސައުދީ ފޮރިން މިނިސްޓަރ ޕްރިންސް ފައިސަލް ބިން ފަރުހާންއާއި ރިޔާދުގައި ބައްދަލު ކުރައްވާފައެވެ.

ދެގައުމުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އާމިރު ވިދާޅުވީ ދެގައުމުގެ ގުޅުން މިހާރު ހުރީ ރަގަޅު މިސްރާބަށް ކަމަށާއި، އަދި އެ ގުޅުން ކުރިޔަށް ދަނީވެސް ރަގަޅު މަގުން ކަމުގައެވެ. އަދި ސައުދީ އަރަބިއާއާއި ގުޅުން ބަދަހި ކުރުމަށް އިރާން އޮތީ ކަމަރު ބަދެގެން ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ފާއިތުވި މާރޗްމަހު އިރާނާއި ސައުދީ އަރަބިއާއިންވަނީ ދެގައުމުގައި އެމްބަސީ ހުޅުވުމަށް އެއްބަސްވެ، އަދި އޭގެ އިތުރުން އިގްތިސާދީ ގޮތުންނާއި ސަލާމަތާއި ގުޅުންހުރި ކަންކަމުގައި އެއްބާރުލުން ދިނުމަށް އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.

މިއީ މި ދެގައުމުގެ ދެމެދުގައި ފާއިތުވި 20 އަހަރު ދުވަހުގެ ތެރޭގައި ސޮއިކުރި މިފަދަ ފުރަތަމަ އެއްބަސްވުމެވެ.

ސައުދީ އަރަބިއާއިން އިރާނާއެކު އޮތް ސިޔާސީ ގުޅުން ކަނޑާލީ، 2016 ވަނަ އަހަރު، ތެހެރާންގައި ހުންނަ ސައުދީ އެމްބަސީއަށާއި، މަޝްހަދުގައި ހުންނަ އެގައުމުގެ ކޮންސިއުލޭޓަށް، މުޒާހިރާ ކުރަމުންދިޔަ، އިރާން ސަރުކާރަށް ތާއީދުކުރާ މީހުން ހަމަލާ ދިނުމާއި ގުޅިގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *