އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު މިއަދު ޢާންމު ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އެކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ރިޔާސީ އިންތިހާބު ގައި، 2023 ސެޕްޓެމްބަރު 9 ވަނަ ދުވަހު، ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ، ފައިނަލް ލިސްޓު، މިއަދު ސަރުކާރުގެ ގެޒެޓްގައި، އަދި އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި ޢާންމު ކުރާނެ ކަމަށެވެ.
ވޯޓުލާން އެބޭފުޅަކު ރަޖިސްޓަރީ ވެފައި އޮތީ ކޮންތާކުތޯ، ދުރާލައި ބެއްލެވުމަށް ހަބީބް ވަނީ އެދިވަޑައިގެންފައެވެ. ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކުން އަމުރު ކުރައްވައިގެން ނޫންގޮތަކަށް، ވޯޓުލާމީހުންގެ މި ފައިނަލް ލިސްޓަށް އެއްވެސް ބަދަލެއް ނާންނާނެކަމަށްވެސް ހަބީބް ވިދާޅުވިއެވެ.
މި ފައިނަލް ލިސްޓަކީ، އިސީގެ ވެބްސައިޓުގައި ދުވަހުން ދުވަހަށް ޢާންމުކުރަމުން، ސިޔާސީ ޕާޓީތަކާ ލިސްޓު ޙިއްޞާ ކުރުމުގެ އިތުރުން، ޝަކުވާއަށް ހުޅުވައި، ޝަކުވާގެ މުއްދަތުގައި ލިބުނު ޝަކުވާތަކަށްވެސް ރިޢާޔަތްކޮށްގެން، ފައިނަލް ކުރެވިފައިވާ އެންމެފަހުގެ ލިސްޓު ކަމަށް ހަބީބް ވިދާޅުވިއެވެ.
އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓުގެ ގޮތުގައި އޮންނާނީ ކެންޑިޑޭޓުން ސޮއިކޮށް ފައިނަލްކުރެވޭ ލިސްޓު ކަމުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.