ސުއޫދުގެ ހޫނު ބަހުގެ ހަމަލާތަކެއް، ޖޭއެސްސީ އަށް ޖުޑިޝަރީ ނުހިންގުނު!

ސުއޫދުގެ ހޫނު ބަހުގެ ހަމަލާތަކެއް، ޖޭއެސްސީ އަށް ޖުޑިޝަރީ ނުހިންގުނު!

Author
މުޙައްމަދު ޝަޒައިމް
17 އޮގަސްޓް 2023 04:26
0

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުޕްރީމް ކޯޓަށް މުވައްޒަފުން ހަމަނުޖައްސައި ދެއްވައި، ކޯޓުގެ މަސައްކަތައް ހުރަސް އަޅައި، ދަތި ކުރަމުން ގެންދާތީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު މިއަދު ނުރުހުން ފާޅުކުރައްވައިފިއެވެ.

ސުއޫދު މިހެން ވިދާޅުވީ ކޯޓުތަކުން ވަކިކުރި 10 އެޑްމިނިސްޓްރޭޓަރުންނަށް އަލުން ވަޒީފާ ދޭން އެންގި މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި މައްސަލާގައި މިއަދު އޮތް އަޑުއެހުމުގައި ޖޭއެސްސީ އަށް ކުރިމަތިކުރި ސުވާލުތަކުގެ ތެރޭގައެވެ.

އެންމެފަހުން ޖޭއެސްސީގެ ގާނޫނަށް ގެނައި ބަދަލާ އެކު ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ވަނީ އެ ތަނުގެ ދަށަށް ގެންގޮސްފައެވެ. އޭގެކުރިން ޑީޖޭއޭ ހިންގަމުން ދިޔައީ ސުޕްރީމް ކޯޓުގެ ދަށުންނެވެ. ކޯޓުތަކުގެ އިދާރީ ހިންގުމުގެ ކަންކަން ވެސް މިހާރު ކުރިއަށް ދަނީ ޖޭއެސްސީގެ ބެލުމުގެ ދަށުންނެވެ.

ސުޕްރީމް ކޯޓުގެ މީސް މީޑިއާ ވަސީލަތްތަކުން ދުރަށް ދައްކަމުން ގެންދިޔަ އަޑުއެހުމުގައި ފަނޑިޔާރު ސުއޫދު ވަނީ ސުޕްރީމް ކޯޓުގެ އެންމެ އިސް މުވައްޒަފު ކަމަށްވާ ސެކެޓްރީ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެވޭނީ ކޮން ދުވަހަކުންތޯ ސުވާލު ކުރައްވާފައެވެ. ފަނޑިޔާރު ސުއޫދު ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓަށް ސެކެޓްރީ ޖެނެރަލެއް ހޯދަން، ސުޕްރީމް ކޯޓުގައި އެދެމުން އަންނަތާ މިހާރު ދެއަހަރު ވެއްޖެއެވެ.

ކޮންއިރަކުންތޯ މިތަނުކުގެ (ސުޕްރީމް ކޯޓުގެ) އިދާރީ އެންމެ އިސް މުވައްޒަފުން ލިބެނީ. މިތަން މިއޮތީ ހަމަ ހުއްޓިފަ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ހިންގުން ހުއްޓިފަ މިއޮތީ. ކޮންއިރަކުންތޯ މިކަމަށް ފަރުވާއެއް ލިބެނީ. ވިދާޅުވެއްބައްލަވާ ކިހައި ދުވަހެއް ވެއްޖެތޯ މި ކޯޓުގައި އިދާރީ އިސް މުވައްޒަފުން ނެއްތާ؟

– ސުއޫދު ވިދާޅުވިއެވެ.

ކޯޓުތަކަށް އިދާރީ މުވައްޒަފުން އައްޔަންކުރުމުގެ ކަންކަން ވެސް ކުރިއަށް ދަނީ ޖޭއެސްސީގެ ދަށުންނެވެ. ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައި އޮތް މައްސަލާގައި ކޯޓުތަކުގެ އިދާރީ މުވައްޒަފުން ވަކިކޮށްފައިވަނީ ޑީޖޭއޭއިން ކަމަށް ވިޔަސް، ކޯޓުގައި ތަމްސީލް ކުރަނީ ޖޭއެސްސީންނެވެ. އެހެންވެ، އެކަމާ ގުޅޭ ގޮތުން މިއަދު ފަނޑިޔާރުން ގިނަ ސުވާލުތަކެއް އަމާޒުކުރިއެވެ.

ސުއޫދުގެ ވާހަކަ އާއި ގުޅިގެން ޖޭއެސްސީގެ ވަކީލު ވިދާޅުވީ ސުއޫދުގެ ސުވާލަށް ޖަވާބުދާރީ ވާން ދަތި ކަމަށެވެ. ވަކީލު އެހެން ވިދާޅުވުމުން ސުއޫދު ވިދާޅުވީ ސުޕްރީމް ކޯޓަށް ސެކެޓްރީ ޖެނެރަލެއް ލިބޭނެ އިރަށް ބަލަން ބޭނުންވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.