24 ރަށެއްގައި ސޯލާ ހަކަތައަށް ޚާއްސަ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ޤާއިމުކުރަނީ

24 ރަށެއްގައި ސޯލާ ހަކަތައަށް ޚާއްސަ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ޤާއިމުކުރަނީ

ވާރލްޑް ބޭންކްގެ އެހީގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ހިންގާ އެކްސެލެރޭޓިންގ ރިނިއުވަބަލް އެނާރޖީ އިންޓަގްރޭޝަން އެންޑް ސަސްޓައިނަބަލް އެނަރޖީ (އެރައިސް) ޕްރޮޖެކްޓުގެ ދަށުން 40 މެގަވޮޓް އަވަރގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ރާއްޖޭގެ 24 ރަށެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިއަދު ހެނދުނު އިސްލާމީ މަރުކަރުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި މި ޖަލްސާގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާއެވެ. އަދި ކޮންޓްރެކްޓަރުގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ ވަންގް ޕެއިޓާއޮއެވެ. މި މަޝްރޫޢުގެ ބީލަން ކާމިޔާބުކޮށްފައިވަނީ ޗައިނާ ނެޝަނަލް ޓެކްނިކަލް އިމްޕޯޓް އެންޑް އެކްސްޕޯޓް ކޯޕަރޭޝަން އާއި ގުއަޑިއަން ނަންޖިންގް އޮޓޯމޭޝަން ކޯ ލިމިޓެޑް އަދި ސީނޯ ސޯލަރ ހައިބްރިޑް (ބެއިޖިންގް) ޓެކްނޯލޮޖީ ކޯ ލިމިޓޭޑް ހިމެނޭ ގޮތަށް އުފައްދާފައިވާ ޖޮއިންވެންޗަރ ކުންފުނިންނެވެ.

އެގޮތުން އެރައިސް މަޝްރޫޢޫގެ ދަށުން މި ނިޒާމު ޤާއިމުކުރެވޭ ރަށްތަކަކީ:

އައްޑޫ ސިޓީ:

1. ހިތަދޫ
2. ފޭދޫ
3. މަރަދޫ ފޭދޫ
4. މަރަދޫ
5. ހުޅުދޫ
6. މީދޫ

އެހެނިހެން ރަށްތައް:

7. ފުވައްމުލައް ސިޓީ
8. ކުޅުދުއްފުށީ ސިޓީ
9. ގދ. ތިނަދޫ
10. ބ. އޭދަފުށީ
11. ޅ. ހިންނަވަރު
12. ޅ. ނައިފަރު
13. ގއ. ވިލިނގިލި
14. ށ. ފުނަދޫ

ލ. އަތޮޅުގެ ރަށްތަށް:

15. ފޮނަދޫ
16. ގަން
17. ދަނބިދޫ
18. އިސްދޫ
19. ކަލައިދޫ
20. މާބައިދޫ
21. މާމެންދޫ
22. ކުނަހަންދޫ
23. ހިތަދޫ
24. މާވަށް

އެރައިސް މަޝްރޫޢުގެ ދަށުން 40 މެގަވޮޓް އަވަރގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ޤާއިމުކުރުމުގެ ސަބަބުން ސޯލާ ހަކަތައިން އުފައްދާ ކަރަންޓުން އެވަގުތެއްގައި ބޭނުންކޮށް އިތުރުވާ ކަރަންޓު މި ނިޒާމުގައި ރައްކާކުރެވިގެންދާނެއެވެ. އަދި ވިއުގައަށް ފޯރުކުރާ އިއާދަކުރަނިވި ހަކަތަ، އެރަށެއްގެ ޑިމާންޑް ގެ ނިސްބަތް ޖުމުލަ %30 އަށްވުރެން މައްޗަށްދާ ހާލަތްތަކުގައި ގްރިޑް ސްޓެބިލިޓީ މައްސަލަތައް ކޮންޓްރޯލްކޮށް އާންމު ކޮށްވެސް ކަރަންޓް ކެނޑުމަށް ދިމާވާ ގިނަ ހާލަތްތަކަށް ލުޔެއް ލިބިގެންދާނެއެވެ.

އެރައިސް މަޝްރޫޢިން 40 މެގޮވޮޓް އަވަރ ގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމްތައް ގާއިމްކުރުމުގެ އިތުރުން ޖުމްލަ 36 މެގަވޮޓްގެ ސޯލާ ހަކަތައިގެ ނިޒާމްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރުމަށްވެސް ވަނީ ރާވާފައެވެ. އަދި ސޯލާ އާއި ބެޓަރީ ނިޒާމު ބަހައްޓާ ރަށްތަކުގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމަށްވެސް މަޝްރޫޢުގެ ތެރެއިން ރާވާފައިވެއެވެ.

ސަރުކާރުން ބޭރުގެ އެހީއާއެކު ހިންގާ މިފަދަ މަޝްރޫޢުތަކުގެ ބޭނުމަކީ ސަރުކާރުން ތެލަށްކުރާ ހޭދަ ކުޑަކޮށް ތިމާވެއްޓާއި ރައްޓެހިގޮތަކަށް ކަރަންޓް އުފައްދުމެވެ. ސަރުކާރުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭންގައި ވެސް ހަކަތައިގެ ދާއިރާއަށް ޚާއްސަ ލަނޑުދަނޑިތަކެއް ކަނޑައަޅާފައިވެއެވެ. އެގޮތުން ރާއްޖޭގެ ހަކަތައިގެ ދާއިރާއިން ކަނޑައަޅާފައިވާ އެންމެ ބޮޑު އަމާޒަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަކީ ނެޓްޒީރޯ އެމިޝަން ގައުމަކަށް ހެދުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *