ޒުވާނުން ކުށްތަކަށް ހުށަހެޅުމުގެ ކުރިން ސަލާމަތް ކުރެވޭނެ ގޮތްތަކާ އެކު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މެނިފެސްޓޯގެ ތިން ވަނަ ބައި "އަމާން މުޖުތަމައު" މިރޭ އިފުތިތާހު ކުރައްވައިފިއެވެ.
މި ސިޔާސަތު އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު އުކުޅަހުގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގަ އެމަނިކުފާނެވެ. މެނިފެސްޓޯގެ ތިން ވަނަ ބައިގައި ރައީސް ވަނީ ސަލާމަތީ ބާރުތަކުގެ އެތެރޭގެ ނިޒާމު ހަރުދަނާ ކުރުމާއި ކުޑަކުދިންނާއި ޒުވާނުން ކުށްތަކަށް އެރުމުގެ ކުރިން ސަލާމަތް ކުރެވޭނެ ކަންކަން ކުރުން ހިމަނުއްވައިފައެވެ.
އޭގެ ތެރެއިން އެއްކަމަކީ ސްކޫލް ދައުރުން ފެށިގެން ކުށުގެ ވެއްޓާ ދުރުކުރުމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރޭވުމެވެ. އަދި ޔޫތު ވަޔަލަންސާއި ފައިނޭންޝަލް ކްރައިމްސް އާއި އިންޓަނެޓް-ބޭސްޑް ކްރައިމްސް އާއި ސްކޭމް ކޯލްސް ފަދަ އިމާޖިން ކްރައިމްސް އަށް ހައްލު ހޯދުމުގައި ހުރިހާ އިދާރާއަކުން ވެސް ގުޅިގެން އަމަލުކުރާނެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ވަނީ ނިންމައިފައެވެ.
ކުށުގެ ވެއްޓަށް ހުށަހެޅިދާނެ ނުވަތަ ހުށަހެޅޭ މީހުންނާ މެދު، ހާއްސަކޮށް އުމުރުން 16 އަހަރުން ދަށުގެ ކުދިންނާއި ޒުވާނުންނަށް އެހީތެރިވުމަށް ޗައިލްޑް-ޕްރޮޓެކްޝަނާއި ފެމިލީ-ސެންޓަރޑް އެޕްރޯޗް ބޭނުން ކުރުމަށް ވެސް މެނިފެސްޓޯގައި ވަނީ ހިމަނައިފައެވެ.
ކުށުގެ ވެށިން ދުރުކުރުން:
– ގުޅުން ހުރި އިދާރާތައް އެކުލެވޭހެން އިންޓަރ-އޭޖެންސީ ކޯޑިނޭޝަން ނިޒާމު ހަރުދަނާކުރުމަށް ކްރައިމް ޕްރިވެންޝަން ކައުންސިލެއް އެކުލަވާލުން
– ސްކޫލް ދައުރުން ފެށިގެން ކުށުގެ ވެއްޓާއި ދުރުކުރުމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން
– ރާއްޖޭގެ މިއަދުގެ ހާލަތާއި ގުޅޭ ގޮތަށް ގާނޫނީ އަދި ތަންފީޒީ އޮނިގަނޑު މުރާޖައާކުރާނެ. މީގެ ތެރޭގައި ޑްރަގް ޓްރެފިކިންގް މައްސަލަތަކަށް ހައްލު ހޯދުމަށް ހާއްސަ އިސްކަމެއްދިނުން
– ގޭންގު ކުށުގައި ބައިވެރިވުމުގެ ނުރައްކާ އޮތް ފަރާތްތައް ދެނެގަނެ، ކައުންސެލިން، މެންޓަރިން އަދި ވޮކޭޝަނަލް ޓްރެއިނިން ފަދަ އިންޓަވެންޝަން ޕްރޮގްރާމްތައް ހިންގުން
ކުށުގެ ވެއްޓަށް ފާރަވެރިވުން:
– ރިއަލް ޓައިމް ރެސްޕޮންސް ސެންޓަރެއް ދިވެހި ފުލުހުންގެ ހިދުމަތުގައި ގާއިމުކުރުން
– އާބާދީ ބޮޑެތި ހުރިހާ ސަރަހައްދެއްގައި ސިޓީ ސާވެއިލަންސް ނިޒާމު ގާއިމުކުރުން
– ޑްރަގް ޓްރެފިކިންއަށް ފާރަވެރިވުމަށް ޑްރޯން ފަދަ އަންމޭންޑް ސާވެއިލަންސް އާލާތްތައް ތައާރަފްކުރުން
– ސައިބަ ޕްރޮޓެކްޝަން ހަރަކާތްތައް ފުޅާކުރުނ
– ގޭންގު ކުށްތައް ތަހުގީގު ކުރުމުގެ ގާބިލްކަން އިތުރުކުރުން
– ސްކޭމް، ފްރޯޑު އަދި އިގްތިސާދީ/މާލީ ކުށްތައް ހުއްޓުވަން ބޭނުންވާ ގާނޫނީ އަދި ތަންފީޒީ ބަދަލުތައް ގެނައުން
ކުށަށް ޒިންމާނެގުމާއެކު ފަރުވާ:
– ރުޖޫއީ އިންސާފު (ރެސްޓްރޯޓިވް ޖަސްޓިސް) ގެ ތެރެއިން ކުދިންގެ ވިސްނުން ބަދަލުކޮށް އިންސާނީ ހައްގާއި ކަރާމަތަށް ރައްކާތެރިވުމުގެ މުހިއްމުކަން ދަސްކޮށްދެވޭގޮތަށް ޕްރޮގްރާމްތައް މުރާޖައާކޮށް ތަންފީޒުކުރުން
– ކުށަށް ޒިންމާވާންޖެހޭ އުމުރުގެ މީހުން ކުށުގެ ވެއްޓަށް ހުޅަހެޅުމުން، އެ ކުށެއްގެ ޒިންމާ ނެގުމުގައި ބަންދު ނޫން އެހެނިހެން ބާވަތުގެ – – އަދަބުތައް ދިނުމުގެ އުސޫލު ހަރުދަނާކުރުން
– ޕެރޯލް، ކްލެމެންސީ އަދި ހުކުމްކުރުމުގެ އުސޫލުތައް މުރާޖައާކުރުން
– ހުރިހާ ދާއިރާއެއްގައިވެސް ކްރިޓިކަލް އިންފްރާސްޓްރަކްޗާ ގާއިމުކުރުން
– އެކި ކުށްތަކުގައި ބަންދުކުރެވޭ މީހުންގެ އިންސާނީ ކަރާމާތަށް އިސްކަންދިނުމަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކުރުން
އެމްޑީޕީގެ މެނިފެސްޓޯގައި މައިގަނޑު ފަސް ސިޔާސަތެއް ވަނީ ހިމަނާފަ އެވެ. އޭގެ ތެރެއިން ލޯންޗުކޮށްފައި ވަނީ ތިން ސިޔާސަތެވެ. އެއީ, "އުފާވެރި ދިރިއުޅުން", "އާ ޒުވާނުންގެ ޖީލު" އަދި މިރޭ ހާމަކުރި "އަމާން މުޖުތަމައު" ސިޔާސަތެވެ. ބާކީ ދެ ސިޔާސަތު ވެސް ކުރިއަށް އޮތް ދުވަސްތަކުގައި އެ ޕާޓީން ހާމަކުރާނެއެވެ.