ކުރީގެ ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަކީ ކުރާނެ ކަމެއް ނޫންކަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕޭނުގައި އަރިއަތޮޅަށް ކުރައްވާ ދަތުރުގައި އއ.ރަސްދޫގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ އިދިކޮޅު ޕީޕީއެމްގެ މެމްބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް ޔާމީން ޖަލުގައި އޮންނެވުން ކަމަށެވެ. މިކަމަކީ ޝަރުއީ މަރުހަލާގެ ތެރެއިން އިންސާފުވެރި ކަމާއިއެކު ކުރިއަށްދާ ޝަރީއަތަކަށްވާއިރު ޝަރީއަތް ހިނގާގޮތަށް ފާޑުކިޔައި ނުފޫޒު ފޯރުމަކީ ކުރައްވާނެ ކަމެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރައީސް ޔާމީންގެ މައްސަލާގައި އެމަނިކުފާނަށް ކަމެއް ކޮށްދެވެން އޮންނަނީ ޝަރީއަތް ނިމުމުން ކަމަށެވެ. އޭގެ ކުރިން ޝަރީއަތަށް ނުފޫޒު ފޯރުވައި، ޖުޑީޝަރީގެ ތެރެއަށް އަތް ނުބާނާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ޔާމީން ޖަލުގައި އިންނެވުމަކީ ޕީޕީއެމް މެމްބަރުންގެ އެންމެބޮޑު ކަންބޮޑުވުން. އެކަމާއި އެންމެންވެސް ކަންބޮޑުވޭ. ޝަރީއަތެއްގެ މެދު ތެރޭގައި އޮއްވާ ގޮތް ނިންމުމުގެ ބާރެއް އަޅުގަނޑަކަށް ނޯވޭ. ޝަރުއީ މަރުހަލާ ނިންމުމަށްފަހު ކޮންދެވެން އޮތް ކަމެއް ކޮށްދިނުމުގެ ބާރު އޮންނާނީ އޭގެ ފަހުން. ޖުޑީޝަރީގެ ތެރެއަށް އަތްބާނައިގެން ނުފޫޒު ފޯރުވުމަށް މަސައްކަތް ނުކުރާނަން.
– ރައީސް ޞާލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރައީސް ޔާމީންގެ މައްސަލާގައި މީގެ ސްޕްރީމް ކޯޓުން އެމަނިކުފާނު މިނިވަން ކުރަންވެސް ނިންމި ކަމަށެވެ. އެދުވަހު ޕީޕީއެމްގެ މެމްބަރުންނަށް ސްޕްރީމް ކޯޓަކާއި، އެނޫން ކޯޓުތައްވެސް މިނިވަންކަމަށް ގަބޫލު ކުރިކަމަށެވެ. ނަމަވެސް މިހާރު އަނެއްކާވެސް ގޯސްވެފައިވާކަމަށެވެ. ރައީސް ވަނީ އެމްޑީޕީގެ ތެރޭގައި ހިނގި ހިޔާލު ތަފާތުވުންތަކުގެ ތެރޭގައި ފެޔަށް ޖެހިފައިވާ މެމްބަރުންނަށް އިލްތިމާސް ކުރައްވާފައެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ގޮތެއް ނިންމަވާއިރު އޭގެ ސަބަބުން ވާދަވެރި ޕީޕީއެމްއަށް ފުރުސަތު ލިބިއްޖެނަމަ އެއީ ވިސްނަން ޖެހޭ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.
ލިބުނު އަނިޔާއާއި ވޭނާއި ހުރަސްތައް އަދި ހަނދާނުން ފިލައިގެން ދާ ވަރު ނުވޭ. ސިޔާސީ ޚިޔާލު ތަފާތުވުން ދުރުކޮށް، ޤައުމަށާއި، ރަށާއި ތިމާއަށް ވާނެ ގޮތަކާއި ގުޅޭ ކަމަކަށްވުމުން އެކަމަށް ވިސްނާފައިދޭ ވޯޓަކަށް ވާންޖެހޭ.
– ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ މިޖަލްސާގައި ރަސްދޫ ރައްޔިތުން އެދޭ ކަންކަން ހާސިލްކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ރަސްދޫއަކީ ޑިމޮކްރަސީއަށް އެމްޑީޕީ ކުރި ދަތުރުގައި މުހިންމު ދައުރެއް އަދާކުރި ރައްޔިތަކު ދިރިއުޅޭ ރަށަކަށް ވުމުން މިފަހަރުވެސް މިވެރިކަން ދެެމެހެއްޓުމުގައި ރަސްދޫ ރައްޔިތުންގެ ދައުރު އޮންނާނެކަމަށް ޔަގީން ކުރައްވާ ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.