އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނެތް ބައެއް ކުންފުނިތަކުން މީހުން އުމްރާއަށް ގެންދާކަން ފާހަގަކުރެވޭތީ އެފަދަ ކުންފުނިތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނެއްގައި ވަނީ ރާއްޖެއިން އުމްރާ އަށް މީހުން ގެންދިއުމާ ބެހޭ އުސޫލާ އެއްގޮތަށް މިނިސްޓްރީގެ ހުއްދަ ލިބިގެން ނޫނީ ވިޔަފާރި އުސޫލުން އެއްވެސް ކުންފުންޏަކުން އެއްވެސް ބަޔަކު އުމްރާ އަށް ގެންދިއުމަކީ މަނާ ކަމެއް ކަމަށްވެސް ހަނދާންކޮށްދީފައިވެއެވެ.
ރާއްޖެއިން އުމްރާ އަށް މީހުން ގެންދިއުމާ ބެހޭ އުސޫލުގައިވާ ގޮތުން މީހުން އުމްރާއަށް ގެންދިއުމަށް ކުންފުންޏަކަށް ހުއްދަ ދެނީ ދެ އަހަރުގެ މުއްދަތަކަށެވެ. ނަމަވެސް މިގޮތަށް ހުއްދަ ދޭ ކުންފުނިތަކުން ހުއްދައިގެ މުއްދަތުގެ ތެރެއަށް ނުވަންނަ އުމްރާ ދަތުރުތަކަށް މީހުން އަތުން އެޑްްވާންސްކޮށް ފައިސާ ނެގުމަކީ އުސޫލާ ހިލާފު ކަމެއް ކަމަށްވެސް ބަޔާނުގައިވެއެެވެ. އިސްލާމިކް މިނިސްޓްރީން އެދިފައިވަނީ ހުއްދަ ނެތް ކުންފުންޏަކަށް އެއްވެސް ފަރާތަކުން ފައިސާ ނުދެއްކުމަށެވެ.
ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލާ ހިލާފަށް އަމަލުކުރާ ފަރާތްތަކުގެ މައްސަލަ ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް މިނިސްޓްރީން އަޅަމުންދާނެ ކަމުގައި ދެންނެވީމެވެ.
– ބަޔާނުގައި ވެއެވެ.
އިސްލާމިކް މިނިސްޓްރީން އިތުރަށް ބުނީ އުސޫލާ ހިލާފަށް އެއްވެސް ފަރާތަކުން އަމަލުކޮށްގެން ދިމާވާ ކަމެއްގެ ޒިންމާ އެ މިނިސްޓްރީން ނުނަގާނެ ކަމަަށެވެ. އުމްރާއަށް ގެންދިއުމަށް ހުއްދަ ދީފައިވާ ކުންފުނިތަކުގެ ލިސްޓު އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވެއެެވެ.