ފުއްގިރި ކުއްޔަށްދިނީ ހުށައެޅި އަގަށްވުރެ ކުޑަކޮށް

ފުއްގިރި ކުއްޔަށްދިނީ ހުށައެޅި އަގަށްވުރެ ކުޑަކޮށް

ރ. ފުއްގިރި ކުއްޔަށް ދީފައިވަނީ އެ ރަަށަށް ހުށައެޅުނު އަގަށް ވުރެ ކުޑަ އަގެއްގައިކަމަށް އެ މައްސަލާގައި ހެކިބަސް ދިން ހެކިވެރިޔަކު ބުނެފިއެވެ.

ކޯޓުގައި މިއަދު ދައުލަތުގެ ހެކިވެރިޔެއްގެ ގޮތުގައި ހެކިބަސް ދިނީ އެމްއެމްޕީއާރްސީގެ އިދާރީ ބައެއް މަސައްކަތްތަކުގައި ބައިވެރިވެފައިވާ މުހައްމަދު ޝިފާއު ކިޔާ އެމްއެމްޕީއާރްސީގެ ކުރީގެ މުވައްޒަފެކެވެ.

ފުއްގިރީގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާ އަކީ ވެސް ފުއްގިރި ކުއްޔަށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތު ނަގައި އަދި އެ ފައިސާ ބޭނުން ކޮށްގެން މަނީ ލޯންޑާ ކުރުމުގެ އަމަލު ހިންގަވާފައި ކަމަށް ބުނެ ކުރި ދެ ދައުވާއެވެ. މިގޮތުން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން އެމެރިކާ ޑޮލަރު ޔާމީން ނަންގަވާފައިވާ ކަމަށް ތުހުމަތު ކޮށްފައިވެއެވެ.

ފުއްގިރި ކުއްޔަށް ދޫކުރީ ކުރިން އެރަށަށް ކަނޑައެޅުނު އަގަށް ނޫންކަމަށާއި އަގަށް ބަދަލު ގެނެސްފައިވަނީ ސޮއިކުރުމާއި ހަމައަށް ދިޔައިރުކަންވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ. އެހެންނަމަވެސް އެއީ ކިހާ މިންވަރެއްކަން މިވަގުތު ހަނދާން ނެތްކަމަށް އެނާ ވަނީ ބުނެފައެވެ.

ފުއްގިރި ކުއްޔަށް ދިނުމަށް ކުރިން ނިންމި އަގަވުރެ އަގު ކުޑަކުރިކަމަށް އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ޒިޔަތުވެސް މީގެކުރިން ވަނީ ވިދާޅުވެފައެވެ. ޒިޔަތު އޭރު ވިދާޅުވީ އަގު ކުޑަކުރީ ރައީސް ޔާމީން އެންގެވުމަކަށް އޭރު ނާއިބް ރައީސް އަދީބު ވިދާޅުވިކަމަށެވެ.

ފުއްގިރީގެ މައްސަލަ ދަށު ކޯޓްގައި ހިނގަމުންދާއިރު ވ. އާރަށް ކުޔަށް ދިނުމުގައި ރިޝްވަތު ނަންގަވާ މަނީލޯންޑަރިން ކުށް ސާބިތުވެ ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. އަދި އެ މައްސަލާގައި 5 މިލިއަން ޑޮލަރުން ޖޫރިމަނާ އެއްގެ ގޮތުގައި ދެއްކުމަށްވެސް ދަށުކޯޓުގެ ހުކުމްގައިވެއެވެ.

މި މައްސަލަ ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ހައިކޯޓްގައި އިސްތިއުނާފުކޮށްފައެވެ. އަދި އިސްތިއުނާފު ނިމެންދެން އަދަބު ތަންފީޒުކުރުން ފަސްކޮށްދިނުމަށާއި ޖޫރިމަނާ ދެއްކުން ފަސްކޮށްދިނުމަށް ވަނީ އެދިވަޑައިގަތެވެ. އެހެންނަމަވެސް ހައިކޯޓުން ނިންމެވީ ހަމައެކަނި ޖޫރިމަނާގެ ފައިސާ ދެއްކުން ފަސްކޮށްދިނުމަށެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ފުއްގިރި މައްސަލަ ހާދަހާ ބޮޑުވެއްޖޭ ދޯ.. ކޮބައިތަ މައްސަލައަކީ؟ ކިތައްމީހުން ފުއް މޮޑެނީ . ޢެއީކީމައްސަލައެއްނޫންތަ؟

Leave a Reply

Your email address will not be published. Required fields are marked *