މިދައުރުގެ ތެރޭގައި މިހާތަނަށް 20،000 އަށް ވުރެ ގިނަ ވަޒީފާ އުފެދިފައިވާ ކަަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ނ.ލަންދޫގައި އޮތް ބަނދަރު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިދައުރުގައި ވަޒީފާއަށް ޒުވާނުން އަހުލުވެރިކުރުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށެވެ. ރައީސް ވިދާޅުވީ 800 އަށް ވުރެ ގިނަ ޒުވާނުން ވަޒީފާއަށް އަހުލުވެރިކުރެވިއްޖެ ކަމަށެވެ.
ރައީސް ވިދާޅުވީ ޕެންޝަން އޮފީހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން 20،000 އަށްވުރެ ގިނަ ވަޒީފާ މި ދައުރުގައި އުފެއްދިއްޖެ ކަމަށެވެ. ހަމައެކަނި ތައުލީމީ ދާއިރާއަށް ބެލިކަމުގައިވީ ނަމަވެސް ކުރިން އޮތް ދަތިތައް މިހާރު ހައްލުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުން 18000ށްވުރެ ގިނަ ދަރިވަރުން ހިލޭ ޑިގްރީއަށް ކިޔަވަމުންދާ ކަމަށް ވިދާޅުވިއެވެ.
ޕެންޝަން އޮފީހުގެ ތަފާސްހިސާބުތަކުން ލިޔެކިޔުން ދައްކާގޮތުން، 20،000 އަށްވުރެ ގިނަ ވަޒީފާ މި ދައުރުގެ ތެރޭގައި އުފެދިއްޖެ، މިއީ ހަގީގަތެއް.
– ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ޒުވާނުން ވަޒީފާއަށް އަހަލުވެރި ކުރުމަށްޓަަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަަމަށް ރައީސް ވަނީ ވިދާޅުވެފައެެވެ. އެގޮތުން ސްކިލް ފޯ ރެޒިލިއަންޓް ވޯކް ފޯސް އިން 2915 ފުރުސަތު ހޯދާ، ޒުވާނުން ވަޒީފާގެ ބާޒާރަށް ނެރެވިއްޖެ ކަަމަށް ރައީސް ވިދާޅުވިއެވެ. އަދި އެޕްރެންޓެންޝިޕް ޕްރޮގްރާމްގެ ދަށުން 500 އަށްވުރެ ގިނަ ފުރުސަތާއި، ޕޮލިޓެކްނިކް އިން 1،200 އަށްވުރެ ގިނަ ފުރުސަތު، އޭގެ އިތުރުން 800 އަށް ވުރެ ގިނަ ޒުވާނުން ވަޒީފާއަށް އަހުލުވެރި ކުރެވިއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ޒުވާނުންނަކީ މާދަމާ ވެރިން ކަމަށް ގަބޫލުކުރެވޭނަމަ މިއަދު ޒުވާނުންނަށް ފުރުސަތާއި ބަސް ބުނުމުގެ ފުރުސަތުވެސް ލިބެން ޖެހޭ ކަމަށެެވެ. އަދި ސިޔާސަތުތައް ކަނޑައެޅުމުގައި ބައިވެރި ކުރަން ޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ