ރިޔާސީ ކެންޑިޑޭޓުންގެ ގުރުއަތުލުން މާދަމާ ހަވީރު

ރިޔާސީ ކެންޑިޑޭޓުންގެ ގުރުއަތުލުން މާދަމާ ހަވީރު

ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ގުރުއަތުލުން މާދަމާ ހަވީރު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިންތިހާބުގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ މިދިޔަ ޖުލައި 23 ވަނަ ދުވަހު އެވެ. އެ ފުރުސަތު ހަމަވީ އިއްޔެ މެންދުރުފަހު 2:00 އަށެވެ. އިންތިހާބުގައި ފަސް ސިޔާސީ ޕާޓީއަކުން ކެންޑިޑޭޓުން ވާދަކުރައްވާއިރު އަމިއްލަ ގޮތުން ތިން ބޭފުޅަކު ވާދަކުރައްވައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އިންތިޚާބަށް ޝަރުތު ހަމަވާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުމަށް ގުރުއަތުން ނެގުން އޮންނާނީ މާދަމާ 16:30ގައި ދަރުބާރުގޭ ރަންނަ ބަންޑޭރި މާލަމުގައިކަމަށެވެ. ކެންޑިޑޭޓަށް ހާޟިރުވެވެން ނެތްނަމަ، ކެންޑިޑޭޓުގެ ބަދަލުގައި އެހެން މީހަކު ފޮނުވާނަމަ އެކަން ސިޓީއަކުން ހުށައަޅަންޖެހޭނެކަމަށް އީސީން ވިދާޅުވެއެވެ. އެހެންނަމަވެސް ކެންޑިޑޭޓް ނުވަތަ ބަދަލުގައި މީހަކު ހާޟިރު ނުވެއްޖެނަމަ އެ ކެންޑިޑޭޓުގެ ބަދަލުގައި ގުރުއަތު ނަގާނީ އިލެކްޝަންސް ކޮމިޝަނުންނެވެ.

ޕާޓީތަކުގެ ޓިކެޓްގައި ނުކުންނެވި ބޭފުޅުން:

1- ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް / މުހައްމަދު އަސްލަމް (އެމްޑީޕީ)
2- ޑރ. މުހައްމަދު މުއިއްޒު / ހުސެއިން މުހައްމަދު ލަތީފް (ޕީއެންސީ)
3- ގާސިމް އިބްރާހިމް / ޑރ. އަމީން އިބްރާހިމް (ޖުމްހޫރީ ޕާޓީ)
4- މުހައްމަދު ނާޒިމް / ޑރ. އަހުމަދު އަދީލް ނަސީރު (އެމްއެންޕީ)
5- އިލްޔާސް ލަބީބް / ހުސެއިން އަމްރު (ދަ ޑިމޮކްރެޓްސް)

އަމިއްލަ ގޮތުން ވާދަކުރައްވާ ބޭފުޅުން:

1- އަހްމަދު ފާރިސް މައުމޫން / ޑރ. އަބްދުއްސައްތާރު ޔޫސުފް
2- އުމަރު ނަސީރު / މުހައްމަދު ސަލީމް
3- ޙަސަން ޒަމީލް / މަރިޔަމް އަލީމް

މި ފަހަރުގެ އިންތިޚާބަށް ނަން ހުށައެޅުއްވި ކެންޑިޑޭޓުންގެ ތެރެއިން ގާސީމް އިބްރާހިމް މީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ 3 ވަނަ ފަހަރެވެ. މީގެކުރިން 2008 ވަނަ އަހަރާއި 2013 ވަަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައިވެސް ގާސިމް ވާދަކުރެއްވިއެވެ. ރައީސް ޞާލިޙް ދެވަނަ ދައުރެއް ހޯއްދަވަން ނުކުންނެވިއިރު އުމަރު ނަސީރު މީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ 2 ވަނަ ފަހަރެވެ. އުމަރު ވަނީ އައު ޤާނޫނު އަސާސީން 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައިވެސް ވާދަކުރައްވާފައެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު އޮންނާނީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. ދެވަނަ ބުރެއް ބާއްވާނަމަ ބާއްވާނީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުއެެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *