ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ފޯމު ބަލައިގެނެ، ދަ ޑިމޮކްރެޓްސްގެ ކެނޑިޑޭޓް އިލްޔާސް ލަބީބުގެ ފޯމުގައި މައްސަލަތަކެއް ހުރުމުން ފާސްނުކޮށް މަޑު ޖައްސާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއީލް ހަބީބް މިރޭ ވިދާޅުވީ ރައީސް ސޯލިހާއި ނާޒިމުގެ ކެންޑިޑެސީ ފޯމުގައިވާ މައުލޫމާތާއި ތަކެތި، ކޮމިޝަނުން ބަލައި ޗެކްކުރިއިރު ގާނޫނުގައިވާ ގޮތުގެ މަތީން އެ ދެ ބޭފުޅުންވެސް ޝަރުތު ހަމަވާ ބޭފުޅުން ކަމުގައި ބަލައި، ހުށަހެޅުއްވި ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފައިވާ ކަމަށެވެ.
ރައީސް ސޯލިހް ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާއިރު އެމަނިކުފާނުގެ ރަނިންމޭޓަކަށް ހަމަޖައްސަވާފައިވަނީ އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމްއެވެ.
ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ އިންތިހާބީ އެޖެންޓު ފާތިމަތު ނިއުމާގެ މައްޗަށް ހުކުމްކޮށްފައި އޮތް ސާބިތު ދަރަންޏެއް ހަލާސްކުރިކަން އެނގެން ނެތުމުން، އިލްޔާސްގެ ކެންޑިޑެސީ ފޯމު މިރޭ ފާހެއް ނުކުރެވުނެވެ. އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، އިލްޔާސްގެ ފޯމު މިރޭ ފާސް ނުކުރެވުނީ ލިޔުމެއް މަދުވެގެން ކަމަށެވެ. އެއީ ކޮން ލިޔުމެއް ކަން ވިދާޅުނުވިޔަސް، އެ މަދުވާ ލިޔުން ގެންނާނެ ކަމަށް ދަ ޑިމޮކްރެޓްސް ބުނެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އިލްޔާސްގެ ފޯމުގައި މައްސަލައެއް އުޅޭކަން ކޮމިޝަނުން މިހާރު ވަނީ ޑިމޮކްރެޓްސްއަށް އަންގައިފަ އެވެ. އަދި އެ މައްސަލަ ހައްލު ކުރަން އެ ޕާޓީން މަސައްކަތް ކުރަމުންދާ ކަމަށް އެނގިފައިވެއެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވާނީ މާދަމާގ 2:00 ގެ ނިޔަލަށެވެ. މިއަދު ފޯމު ހުށަހެޅުއްވި ބޭފުޅުންގެ އިތުރުން ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމާއި އެމްއާރްއެމްގެ ފާރިސް މައުމޫނާއި އަމިއްލަ ގޮތުން ވާދަ ކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ފޯމު އަދި ކޮމިޝަނަށް ވައްދާފައެއްނުވެއެވެ.
ކޮމެންޓު ފޮނުވާ