އިދިކޮޅު ލީޑަރ، ރައީސް ޔާމިނަށް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ވާދަ ނުކުރެވޭނެކަމަށް ސުޕްރިމް ކޯޓުން މިއަދު ކުރި ހުކުމަށްފަހު، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު ބޯއިކޮޓު ކުރުމަށް ރައީސް ޔާމިން އެންގުމަށް ތަބާ ނުވުމަށް، ޕީޕީއެމް/ޕީއެންސީގެ ސެނެޓްގެ މެޖޯރިޓީން ނިންމާފައި ވަނިކޮށް، ޕީޕީއެމްގެ ސްޓޭމްޕާއި ލެޓަރހެޑްގެ ބޭނުން އެއްވެސް ފަރާތަކަށް ބޭނުން ނުކުރެވޭ ގޮތް ހަދާފައިވާކަމަށް "ޚަބަރު އޮންލައިން"އަށް މައުލޫމާތު ލިބިއްޖެއެވެ.
ޕީޕީއެމްގެ ސްޓޭމްޕާއި ލެޓަރހެޑް އެއްވެސް ފަރާތަކަށް ބޭނުން ނުކުރެވޭގޮތް ހަދާފައިވާއިރު، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު ބޯއިކޮޓް ކުރުމަށް ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅާމެދު ޕާޓީގެ ގިނަ އަދަދެއްގެ އެކްޓިވިސްޓުންނާ، ސްޓިއަރިން ކޮމިޓީތަކާއި އަދި ދާއިރާގެ ރައީސުންވެސް ގެންދަވަނީ ނުރުހުން ފާޅު ކުރަމުންނެވެ. އަދި ޕީޕީއެމްގެ މައި އޮފީސްތެރޭގައި ވަނީ މާރާމާރީވެސް މިމައްސަލައާއި ގުޅިގެން ހިނގާފައެވެ.
ޕީޕީއެމްގެ ލެޓަހެޑާއި ސްޓޭމްޕް އެއްވެސް ފަރާތަކަށް ބޭނުން ނުކުރެވޭ ގޮތް ހަދާފައިވަނީ ކޮންފަރާތެއްގެ އެންގުމަކަށް ކަމެއް އަދި ސާފުވާގޮތް ވަނީ ނުވެފައެވެ.
"ޚަބަރު އޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަނުކޮށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިންތިޚާބު ބޮއިކޮޓް ކުރުމަށް ރައީސް ޔާމީން އެންގެވި ނަމަވެސް، އިދިކޮޅު ޕްރޮގްރެސިވް ޖޮއިންޓް ސެނެޓުން އިންތިޚާބުގައި ވާދަކުރަން ނިންމި ނިންމުން ބަލައި ނުގަންނަން ރައީސް ޔާމީން ވަނީ ނިންމަވާފައެވެ. އަދި ރައީސް ޔާމިންގެ މި އެންގެވުމާއި ގުޅޭގޮތުން ދެ ޕާޓީގެ ލީޑަރޝިޕުން މިޙާރު ދަނީ ބައްދަލު ކުރަމުންނެވެ.
އަންނަމަހު އޮންނަ ރިޔާސީ އިންތިޚާބުގައި، ކުރީގެ ރައީސް ޔާމީނަށް ވާދަނުކުރެވޭނެކަމަށް ސުޕްރީމް ކޯޓުން ނިންމެވި ނިންމެވުމާއި ގުޅިގެން، އެމަނިކުފާނު ވަނީ އިންތިޚާބު ބޮއިކޮޓްކުރެއްވުމަށް ޕީޕީއެމް ލީޑަރޝިޕްގައި އެދިވަޑައިގެންފައެވެ. އެގޮތުން ރައީސް ޔާމީން އެދިވަޑައިގަތީ އެމަނިކުފާނުގެ އިންތިޚާބީ ހައްޤު ނިގުޅައިގަނެފައިވާކަމަށް ސެނެޓަށް ޤަބޫލުކުރެވޭނަމަ އިންތިޚާބު ބޮއިކޮޓްކުރުމަށެވެ.
ޕީޕީއެމް ޕީއެންސީގެ ސެނެޓުން ބޭއްވި ކުއްލި ބައްދަލުވުމުގައި ވަނީ އިންތިޚާބު ބޮއިކޮޓް ކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގާފައެވެ. އެ ބައްދަލުވުމުގައި 126 ސެންޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އިންތިޚާބު ބޮއިކޯޓްކުރަން ނުފެންނަކަމަށް 67 މެންބަރަކު ވޯޓު ދިނެވެ. ބޮއިކޮޓްކުރަން ފެންނަކަމަށް ވޯޓު ދެއްވީ 46 މެންބަރުންނެވެ. އިންތިޚާބު ބޮއިކޮޓް ނުކުރުމަށް ގޮވާލާ ވޯޓު ދެއްވި ބޭފުޅުންގެ ތެރޭގައި ރައީސް ޔާމީންގެ ވަރަށް އަރިސް ބޭފުޅުންވެސް ހިމެނިވަޑައިގަންނަވައެވެ.
ކޮމެންޓު ފޮނުވާ