ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ބޮއިކޮޓް ކުރުމަށް އިދިކޮޅު ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީނަށް ވާދަނުކުރެވޭ ހާލަތުގައި ކެނޑިޑޭޓަކު ނެރުމުގެ ބަދަލުގައި އިންތިޚާބު ބޮއިކޮޓް ކުރެއްވުމަށް ރައީސް ޔާމީން ދެއްވި އިރުޝާދާއިއެކު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޖޮއިންޓް ސެނެޓް ހޫނުވެ، ޕީޕީއެމް އޮފީސްތެރޭގައި މާރާމާރީ ހިންގަން ފެށުމުން އަމަން ގާއިމް ކުރުމަށް ފުލުހުން ވަދެއްޖެއެވެ.
މިއަދު ހުކުމަށްފަހު ރައީސް ޔާމިން ފޮނުއްވި ނޯޓާއި ގުޅިގެން، އިންތިޚާބު ބޮއިކޮޓް ކުރުމާއި ގުޅޭގޮތުން ބޭއްވި ބައްދަލުވުން ފަށައި، އިންތިޚާބު ބޮއިކޮޓް ކުރަން ވޯޓަށް އަހަން އުޅުނު ހިސާބުން ވަނީ ޚިޔާލް ތަފާތުވުން އުފެދި އެކަކު އަނެކަކަށް ޒުވާބުކޮށް ގަޔަށް ބޮލަށް އަރާ ހިސާބަށް ގޮސްފައެވެ.
އެނގިފައިވާ ގޮތުގައި އެ ބައްދަލުވުން ހޫނުވީ ޔާމީނުގެ ހުށަހެޅުއްވުމާ މެދު ބަހުސް ނުކޮށް ވޯޓަށް އަހަން ޔާމީނުގެ ސަޕޯޓަރުން އެދުމުން، އެކަމާ ބައެއް ސެނެޓަރުން ދެކޮޅު ހެދުމުންނެވެ. ބައެއް ސެނެޓަރުން އެދުނީ އިންތިހާބު ބޮއިކޮޓްކުރުމާ މެދު ވޯޓަށް އެހުމުގެ ކުރިން އެކަމާ ބަހުސްކުރާށެވެ.
އެނގިފައިވާ ގޮތުގައި ޕީޕީއެމް އޮފީސް ތެރެއަށް ވަނީ އާންމުން ވެސް ވަދެގެންފައެވެ. އަދި ހިންގަމުން އަންނަ މާރާމާރީ ހުއްޓުވަން ފުލުހުން ވެސް ޕީޕީއެމް އޮފީސް ތެރެއަށް ވަންނަން މަސައްކަތް ކުރަމުންނެވެ.
އެކަމަކު، ފުލުހުން އޮފީސް ތެރެއަށް ވައްދަން އާންމުން ދަނީ ދެކޮޅު ހަދަމުންނެވެ. އަދި އާންމުން ވަނީ ގަދަބާރު ބޭނުންކޮށްގެން ފުލުހުން ވަނުން ހުއްޓުވައިފައެވެ. އެނގިފައިވާ ގޮތުގައި ޕީޕީއެމް އޮފީސް ދޮރު މިހާރު ވަނީ ބަންދުކޮށްފައެވެ.
ކޮމެންޓު ފޮނުވާ