މިދިޔަ ސީޒަނުގައި ދެ ވަނަ ޑިވިޝަނުގައި ފެށިއިރު ވެސް ސަސްގެ މާ ބޮޑު ޓާގެޓްތަކެއް ނެތްްކަމަށް ސުޕަ ޔުނައިޓެޑު ސްޕޯޓްސް ކުލަބުގެ ސަސްގެ ކެޕްޓަން އަހުމަދު ފަރުހާން (ގައްބެ) ބުނެފިއެވެ.
ރަނގަޅަށް ޕްރެކްޓިހެއް ނުކޮށް ސީދާ މެޗަށް ނުކުމެ ކުޅެމުން ދިޔަ ނަމަވެސް ވަކި ހިސާބަކުން ޓާގެޓަކާ ހަމަ އަށް ދެވިދާނެ ކަމުގެ އުންމީދެއް ލިބި ވަރުގަދައަށް މަސައްކަތްކުރަން ފެށީކަމަށް ގައްބެ ބުންޏެވެ. ނަތީޖާއެއްގެ ގޮތުން މުބާރާތުގެ ފައިނަލުން ފުރުސަތު ހޯދައި ފައިނަލުގައި ވެލެންސިއާ އަތުން ބަލިވި ނަމަވެސް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެ ހީނުކުރާވަރުގެ ބޮޑު ކާމިޔާބެއް ހާސިލް ވީކަމަށް ގައްބެ ބުންޏެވެ.
ލީގު ފެށުމުގެ ކުރިން އެފްއޭއެމުން ބާއްވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި ގައްބެ ބުނީ އެކުގައި އުޅުނު ކުދިންނާ އެކު ގޭދޮށުގައި ފުޓްބޯޅަ ކުޅެން ފަށައި އުފެއްދި ކްލަބް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ފުރަތަމަ ޑިވިޝަނަށް ކޮލިފައިވުމުގެ ސިއްރަކީ އެކުވެރިކަން ކަމަށެވެ.
ސަސް އެންމެ ފުރަތަމަ ތިން ވަނަ ޑިވިޝަނުގައި ކުޅުނީ 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން އައި ދެ އަހަރުގައި ވެސް އެ ޓީމު ވާދަކުރީ ތިން ވަނަ ޑިވިޝަނުގަ އެވެ. އެ ޓީމު 2018 ވަނަ އަހަރުގެ ތިން ވަނަ ޑިވިޝަނުގެ ފައިނަލުން ބަލިވީ ރޮކް ސްޓްރީޓްސް ސްޕޯޓްސް ކްލަބް އަތުންނެވެ.
"އަސްލު މި ހިސާބަށް އާދެވުނީ އެކުވެރިކަން އޮތީމަ. ވާހަކަ އަކީ އެންމެން އެކަތިގަނޑަކަށް ވެގެން ކުރި މަސައްކަތުގެ ނަތީޖާއޭ މިއީ"
– އަހުމަދު ފަރުހާން (ގައްބެ)
ކްލަބް އުފެދިގެން އައުމުގައި މުހިއްމު ދައުރެއް އަދާކުރި ގައްބެ އިތުރަށް ބުނީ އެކުވެރިކަމުގައި ދެމިތިބެ، އަމާޒަކީ ކުރިއަށް އޮތް އަހަރުތަކުގައި ރަނގަޅު ކުޅުންތެރިންތަކެއް ގެނެސް ޓީމު ބިލްޑްކުރުން ކަމަށެވެ. އަދި ޓީމުގެ ކަންކަން ކުރިއަށްދަނީ ވަރަށް ރަނގަޅަށް ކަމަށާއި، ޕްރެކްޓިސް މެޗުތަކުގައި އެޓީމުން ކުރިއެރުން ހޯދާފައިވާކަމަށެވެ.
"ޖުމްލަކޮށް ބުނަންޏާ ޓީމު ހަމަ ވަރަށް ރަނގަޅު. އިރާދަކުރެއްވިއްޔާ ޓާގެޓަށް ރީޗްވާން މަސައްކަތް ކުރާނަން"
– އަހުމަދު ފަރުހާން (ގައްބެ)
ސަސްގެ މެނޭޖަރ އިސްމާއީލް ތޯރިގު ބުނީ އެޓީމުން އަމާޒުހިފާ ގަދަ ހައެއްގެ ޓާގެޓާ އެކު އިތުރަށް މައްޗަށް ދިއުމަށް މަސައްކަތްކުރާނެ ކަމަށެވެ.
“އަޅުގަނޑުމެންގެ ޓާގެޓަކީ ގަދަ ހައެއްގައި އޮތުން. އުއްމީދުކުރަނީ އެއަށްވުރެ މައްޗަށް ދިއުން."
– ތޯރިގު
ސަސް އިން ލީގުގައި ކުޅޭ ފުރަތަމަ މެޗުގައި އަންނަ އާދީއްތަ ދުވަހުގެ ރޭ ނުކުންނާނީ އީގަލްސްއާ ދެކޮޅަށެވެ.