ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ބޭއްވި ކުއްލި ކައުންސިލް ބައްދަލުވުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރުމަށް ފެނޭތޯ ބެލުމުން، ރައީސަށް ތާއީދުނުކޮށް ޖޭޕީން ކުރިއެކޭ އެއްގޮތަށް ވަކިން އިންތިހާބުގައި ވާދަކުރަން ޕާޓީގެ ކައުންސިލުން ފާސްކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި ޖޭޕީން ރިޔާސީ އިންތިހާބުގައި ވާދަނުކޮށް، އެމްޑީޕީގެ ފަހަތަށް އެރުމަށް ކައުންސިލަށް ހުށަހެޅުއްވީ ގާސިމްގެ އެޑްވައިޒަރު އަދި ރައްޔިތުންގެ މަޖިލިހުގެ ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދެވެ. ކައުންސިލް ބައްދަލުވުމުގައި ރިޔާޒް ވިދާޅުވީ މިހާތަނަށް ރާއްޖޭގެ ރަށްތަކަށް ކުރެއްވި ދަތުރުގައި ގާސިމަށް އެކަށީގެންވާ ތާއީދެއް އޮތް ތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ. އެހެންވެ، އެމްޑީޕީ ފަހަތަށް އަރަން އޭނާ ހުށަހެޅުއްވިއެވެ.
އެކަމަކު، ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި މަޝްވަރާ ކުރުމަށް ފަހު ފާސްކޮށްފައި ވަނީ ރައީސް ސޯލިހްއާ އެކުގައި ކޯލިޝަން ހަދަން ނުފެންނަ ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ޖޭޕީ ވަކިން ވާދަކުރަން ނިންމީ އެޕާޓީން މިދިޔަ ފެބްރުއަރީ މަހު ބޭއްވި ކޮންގްރެސްގައެވެ. ކޮންގްރެސްގެ ނިންމުން ޖޭޕީގެ ކައުންސިލަށް ހުށަހެޅުމުން ކައުންސިލުން ވެސް ނިންމާފައި ވަނީ ކެންޑިޑޭޓަކު ނެރުމަށެވެ.
އެ ނިންމުމާ އެއްގޮތަށް ޖޭޕީން ނެރޭނެ ކެންޑިޑޭޓަކު ކަނޑައަޅަން ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލިއެވެ. އެކަމަކު، ގާސިމް ފިޔަވައި އިތުރު ބޭފުޅަކު ޕްރައިމަރީގައި ވާދަކުރެއްވުމަށް ފޯމް ހުށަހަޅުއްވާފައެއް ނުވެއެވެ. އެހެންވެ، ގާސިމަށް ރިޔާސީ ޓިކެޓު ކަށަވަރުވިއެވެ.
ޖޭޕީގެ ފަރާތުން ގާސިމް ވާދަކުރައްވަނެކަމަށް އިއުލާންކޮށް، ކެމްޕޭންވެސް ދަނީ ކުރައްވަމުންނެވެ. ނަމަވެސް ރަސްމީކޮށް ގާސިމް އަދި ކެމްޕޭންގައި ބައިވެރިވެ ވަޑައި ނުގަންނަވައެވެ.
އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލާފައިވާއިރު، މިހާތަނަށް އަދި ގާސިމް ފޯމު ހުށަހަޅުއްވަފައި ނުވެއެވެ. އަދި ރަނިންމޭޓަކުވެސް ކަނޑައަޅާފައި ނުވެއެވެ.