ރިޔާސީ ކެނޑިޑޭޓްގެ މައްސަލާގައި ޕީޕީއެމްގެ ސެނެޓް ހޫނުވެ ބޮޑު ޒުވާބަކަށް!

ރިޔާސީ ކެނޑިޑޭޓްގެ މައްސަލާގައި ޕީޕީއެމްގެ ސެނެޓް ހޫނުވެ ބޮޑު ޒުވާބަކަށް!

ގުޅުންހުރި

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޕީޕީއެންގެ ފާރާތުން ވާދަކުރައްވާ އެޕާޓީގެ ލީޑަރ، ކުރީގެ ރައީސް ޔާމިންގެ ކެނޑިޑަސީ ބަލައި ނުގަތުމަށް މިއަދު އިލެކްޝަންސް ކޮމިޝަންއިން ނިންމާފައިވަނިކޮށް، ޕީޕީއެމް/ޕީއެންސީގެ ވަޓްސްއަޕް ގުރޫޕުގައި ރިޔާސީ ޓިކެޓްގެ މައްސަލަ ހޫނުވެ، ސެނެޓަރުންނާއި ކުރީގެ މަޖިލިސް މެމްބަރުންގެ މެދުގައި ބޮޑު ޒުވާބެއް ހިނގައިފިއެވެ.

މިގޮތުން ޕީޕީއެމް/ޕީއެންސީގެ ވަޓްސްއަޕް ގުރޫޕުގައި ސެނެޓަރުންނާއި ކުރީގެ މެމްބަރުންގެ މެދުގައި ދެކެވުނު ވާހަކަތައް ޒުވާބަކަށް ބަދަލުވީ، އިލެކްޝަންސް ކޮމިޝަނަށް ކެނޑިޑަސީ ފޯމު ލާންޖެހޭ އެންމެ ފަހު ދުވަސްކަމަށްވާ، މިމަހުގެ 7 ވަނަ ދުވަސް ފާއިތުވެދާއިރު، ރައީސް ޔާމިނަށް އިންތިޚާބުގައި ވާދަ ނުކުރެއްވިދާނެ ފަދަ ހާލަތަކަށް ތައްޔާރަށް އޮންނަން ޖެހޭކަމަށް ބައެއް ސެނެޓަރުން ވިދާޅުވުމާއި ގުޅިގެންނެވެ.

މިގޮތުން ޕީޕީއެމް/ޕީއެންސީގެ ވަޓްސްއަޕް ގުރޫޕުގައި، އެންމެ ބޮޑު ޒުވާބެއް ހިގާފައިވަނީ، ޕީޕިއެމްގެ ސެނެޓަރ އަދި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު ޑރ. ޚަލީލްއާއި، ރައްޔިތުންގެ މަޖިލިހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އަދި މާލޭ ސިޓީ ކައުންސިލްގެ މިހާރުގެ މެމްބަރު އިބުރާހިމް ޝުޖާއުއާއި ދެމެދުއެވެ.

ވަޓްސްއަޕް ގުރޫޕުގައި، ވާހަކަ ދައްކަވަމުން ކުރީގެ މެމްބަރު ޑރ. ޚަލީލު ވިދާޅުވެފައިވަނީ، ރައީސް ޔާމިން މިނިވަން ވާނެކަމަށް ބުނެ މިހާތަނަށް ދައްކަމުންއައި ވާހަކަތަކުގެ ރާގާއި ލަވަ ބަދަލުވާން ޖެހޭ ކަމަށާއި، ރައީސް ޔާމިން ޖަލުން މިނިވަން ވާނީ ޕީޕީއެމް/ޕީއެންސިގެ ވެރިކަމެއްގައި ކަމުގައެވެ.

އަދި އޭނާ ވިދާޅުވެފައިވަނީ "ޕާޓީގެ އަނދިރި ކޮޓަރިއެއްގައި ކުރެވޭ މަޝްވަރާއިން ހައްލު ލިބޭތަނެއް ނުފެންނަ" ކަމުގައެވެ. އިތުރަށް ޑރ. ޚަލީލް ވިދާޅުވީ ހަމައެކަނި ރައީސް ޔާމިންގެ އިސްތަށިފުޅަށް، ކަންކަން ނިންމަން ފޮނުވުންވެސް އެއީ އެމަނިކުފާނަށް ޖެއްސޭ އިތުރު ބުރައެއް ކަމުގައެވެ. މިގޮތުން އޭނާ ވިދާޅުވީ އެނޫން އެހެން ތަސައްރަފް ފުދޭ ގޮތަކަށް ޕާޓީ ހިންގަންޖެހޭ ވަގުތަކީ މިއީ ކަމުގައެވެ.

ޑރ. ޚަލީލްގެ ވާހަކަތަކަށް ރައްދުދެމުން، މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އަދި ޕީއެންސީގެ ނާއިބު ރައީސް އިބުރާހިމް ޝުޖާއު ތުހުމަތު ކުރެއްވީ، 2018ގެ ރިޔާސީ އިންތިޚާބަށްފަހު ޖެހިގެންއައި މަޖިލިސް އިންތިޚާބުގައި ގޮނޑިތައް ޖުމުހޫރީ ޕާޓީއާ ބައިވެގެން ބެހުމުގެ އަޑީގައި ޑރ. ޚަލީލް ހުންނެވި ކަމުގައެވެ.

ޝުޖާގެ މި ތުހުމަތުތަކަށް ރައްދު ދެމުން ޑރ. ޚަލީލް ވިދާޅުވީ ޝުޖާއުއަކީ ޕީޕީއެމްގެ ވެރިކަން ވެއްޓުމުގައި އިސްދައުރެއް އަދާކުރި ފަރާތެއް ކަމުގައެވެ. އަދި ޝުޖާއަކީ ރައީސް ޔާމިނަށް ވަފާތެރިވެދާނެ ފަރާތެއްކަމާމެދު ޑރ. ޚަލީލް ސުވާލު އުފެއްދެވިއެވެ.

ތިފާޑަށް ދިމާ ކުރައްވަން ނުހައްދަވާ. ވެރިކަން ވެއްޓުމުގަ އިސް ދައުރެއް އަދާ ކުރެއްވި ބޭފުޅަކު، ފާޑު ފާޑުގެ ވާހަކަފުޅު ދައްކަވަން ހުތުރު. ސްޕޯކްސްޕާސަންކަމާ އުޅުއްވަން ފެނޭ. ރައީސް ޔާމިނަށް ވަފާތެރިވާނެކަމަށް ކިހިނެއް ނިންމާނީ؟

ރައީސް ޔާމިންގެ ވެރިކަމުގައި، ކުރީގެ ރައީސް މައުމޫނަށް ތާއީދު ކުރުމަށް ނިންމިކަން ޝުޖާ އޭރު އާންމުކޮށް އިއުލާން ކުރި ކުރުމަށް އިޝާރާތް ކުރައްވަމުން ޑރ. ޚަލީލް ވިދާޅުވިއެވެ.

ޑރ. ޚަލީލްގެ ތުހުމަތުތަކަށް ރައްދު ދެއްވަމުން ޝުޖާ ވިދާޅުވީ ލީޑަރޝިޕް އަނދިރި ކޮޓަރިއޭ ބުނެ، ޑރ. ޚަލީލް އުޅުއްވަނީ އަނދިރި ކޮޓަރީގައި ކަމުގައެވެ.

ޑރ، ޚަލީލް މަނިކުފާނު ތިއުޅުއްވާގޮތް ރައީސް ޔާމިންއަށާއި، ވަރަށް ގިނަ ބޭފުޅުންނަށް އެގިވަޑައިގަންނަވާނެ. ލީޑަރޝިޕް އަދިރި ކޮޓަރިއޭ ކިޔާފަ ގޮސް ޑރ. ޚަލީލް އުޅުއްވަނީ އަނދިރި ކޮޓަރީގަކަން އެންމެން ދަނޭ. ރައީސް ޔާމިން އަތުން މުޑުދާރުކޮށް ޕާޓީ ޖަހައިގަންނަން ނޫޅުއްވާ. ރިވެތި ގޮތުގަ ކަންކަން ވާން އެބައޮތް. ރައީސް ޔާމިނަށް ކުރިމަތި ލުމުގެ ފުރުސަތު ގެއްލުނީކަމަށް ޑރ. ޚަލީލް ނިންމެވީތީ ހިތާމަކުރަން. އަދި އެ ދޮރެއް ބަންދެއް ނުވޭ މާތްކަލާކޯ.

ޝުޖާގެ ވާހަކަތަކަށް ރައްދު ދެމުން، ޑރ. ޚަލީލް ތުހުމަތު ކުރެއްވީ ޝުޖާއު މަސައްކަތް ކުރައްވަމުން ގެންދަވަނީ ޑީލް ހައްދަވަން ކަމުގައެވެ. އަދި އެންމެންވެސް ބޭނުންވަނީ ރައީސް ޔާމިނަށް ކުރިމަތި ލެއްވޭނެ ގޮތްވުން ކަމަށާއި، އެހެންނަމަވެސް، އޮގަސްޓް 7 އަންނައިރު އެމަގު ބަންދުވެފައި އޮތްނަމަ، އެކަމުގެ ހައްލު މިވަގުތު ނެރެންޖެހޭކަމަށްވެސް ޑރ. ޚަލީލް ވިދާޅުވިއެވެ.

ޑީލްތައް ހަދާކަށް ފުރުސަތެއް ނުލިބޭނެ. ރައީސް ޔާމިންއަށް ކުރިމަތި ލެވޭގޮތްވުން އެއީ ޕާޓީގެ އެންމެ މެމްބަރުން އެދޭ ގޮތް. އެކަމަކު އެމަނިކުފާނަށް ނުލެވޭ ހާލަތެއް 7 އޮގަސްޓު އަންނައިރު އޮވެއްޖެނަމަ، އެކަމުގެ ހައްލު މިވަގުތު ނެރެންޖެހޭ. އަޅުގަޑަކީ ރައީސް ޔާމިނަށް ޚިޔާނާތްތެރި މީހެއް ނޫން. އަދި ވާނެ މީހެއްވެސް ނޫން.

އޮގަސްޓު 7 އަންނައިރު، ރައީސް ޔާމިނަށް ކުރިމަތި ނުލެވޭ ހާލަތުގައި، ޑިލް ހެދުމަށް ޝުޖާ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ތުހުމަތު ކުރައްވަމުން ޑރ. ޚަލީލް ވިދާޅުވެފައި ވެއެވެ.

ޕީޕީއެމް/ޕީއެންސީގެ ވަޓްސްއަޕް ގުރޫޕުގައި ޝުޖާއާއި ޑރ. ޚަލީލްގެ އަރާރުމަށް ރައްދު ދެމުން، އެހެން ބައެއް ސެނެޓަރުންވެސް ވަނީ، ރައީސް ޔާމިނަށް ކުރިމަތި ނުލެއްވޭ ހާލަތުގައި، ޕާޓީން ދެން އަމަލުކުރާނެ ގޮތެއް އޮންނަންޖެހޭކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

މިގޮތުން ޕީޕީއެމްގެ ސެނެޓްގެ މެމްބަރެއް ކަމުގައިވާ، ރައްޔިތުންގެ މަޖިލިހުގެ މަޑަވެރި ދާއިރާގެ ކުރީގެ މެމްބަރު މުއާޒު ވިދާޅުވެފައިވަނީ، ރައީސް ޔާމިނަށް ކުރިމަތި ނުލެވޭނެ ހާލަތުގެ ވާހަކަ ދެކެވެން ޖެހޭ ކަމަށާއި، މިހާރު އެ ހާލަތު އައިސްފައިވާކަމުގައެވެ.

ތަޅާފޮޅުމުގެ ބޭނުމެއް ނެތް. ރައީސް ޔާމިނަށް ކުރިމަތި ނުލެވިދާނެ ހާލަތުގެ ވާހަކަ ދެކެވެން އެބަޖެހޭ. އަދި މިއޮތީ އެހާލަތު. ރައީސް ޔާމިނަށް ފުރުސަތު ނުލިބިއްޖެނަމަ ދެން އަމަލު ކުރާނެ ގޮތެއްވެސް އޮންނަން ޖެހޭނެކަމަށް ދެކެން.

ކުރީގެ މެމްބަރު މުއާޒު ވިދާޅުވެފައި ވެއެވެ. އިތުރަށް މުއާޒު ވިދާޅުވެފައިވަނީ، "މިއަދު މި ފެންނަނީ ކަންކަމުގައި މަޝްވަރާ ނުކޮށް، ޚުދުމުކްތާރުކޮށް ކަންކަން ނިންމުމުގެ ހިތު ނަތީޖާ" ކަމުގައެވެ.

މުހިންމު ކަަމަކާ މަޝްވަރާ ކުރަންޖެހޭ ވަގުތު ތަޅާފޮޅާ ދެކޮޅުވެރި ވެވެނީ އެހެންވެ.

މުއާޒު ވިދާޅުވިއެވެ.

ވަޓްސްއަޕް ގުރޫޕުގައި ޑރ. ޚަލީލް ދެއްކެވި ވާހަކަތަކަށް ތާއީދު ކުރައްވަމުން ޕީޕީއެމްގެ ކުރީގެ ސެކެޓްރީ ޖެނެރަލް އަދި އިލެކްޝަންސް ކޮމިޝަންގެ ކުރީގެ މެމްބަރު ޝަކީލް ވިދާޅުވެފައިވަނީ، މިއުޅެނީ ރައީސް ޔާމިނަށް އިތުބާރު ނެތިގެން ނޫންކަމަށާއި، މިއުޅެނީ މި ސަރުކާރުން ދައްކާ ދަޅަޔަށް ހެއްލި ޕާޓީއެއް އޮޔާދާތަން ފެންނާތީ ކަމުގައެވެ.

ރަގަޅު ވާހަކައެއް ޑރ. ޚަލީލް. މިއުޅެނީ ރައީސް ޔާމިނަށް އިތުބާރު ނެތިގެނެއް ނޫން. މިއުޅެނީ ސޯލިހުގެ ސަރުކާރުން ދައްކާ ދަޅައަށް ހެއްލި، ޕާޓީއެއް އޮޔާ ދާތަން ފެންނާތީ.

ޝަކީލް ވިދާޅުވިއެވެ.

ޕީޕީއެމް/ޕީއެންސީގެ ވަޓްސްއަޕް ގުރޫޕުގައި ކުރީގެ މެމްބަރުންނާއި ސެނެޓަރުންގެ މެދުގައި ރިޔާސީ ޓިކެޓްގެ މައްސަލާގައި ޚިޔާލު ތަފާތުވެ، ޒުވާބު ހޫނުވުމުން، ލީޑަރޝިޕްގެ ބައެއް ބޭފުޅުންވަނީ، ޒުވާބު ނުކޮށް، އެއްބައިވަންތަކޮށް ތިބުމަށްވެސް އިލްތިމާސް ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

3 Responses

  1. އަދި އޮތީ ޒުވާބު! ޝުޖާމެން ރާވާފާ އޮތްގޮތަށް މުއިޒަށް ފުރުސަތު ލިބޭ ހިސާބުން ނުވަތަ ނުލިބޭ ހިސާބުން ޕާޓީ އަކާ ޕާޓީއެއް! މިތިބީ ބަލަން! ކޮންމެ މީހަކު ޔާމިން ޔާމީން ކިޔާއިރު ކޮންމެ ލީޑަރަކު އެ ޅިޑަރެއްގެ އެޖެންޑާ މިތިބީ ވަގުތު ޖެހެންދެން ފޮރުވައިގެންނެވެ.

  2. ބޮނޑިބަތް ބާޒެއް އައިސް ޓެރަރިސްޒަމްއަށް ފަންޑުކުރާ ކުންފުންޏެއް މެދުވެރިކޮށް ޕީޕީއެމް ހައިޖެކް ކޮއްފި

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ