ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އިންތިހާބަށް ކެމްޕޭން ކުރެއްވުމަށް ގޭބަންދަށް ބަދަލުކޮށްދޭން އެދިފައިވާ ކަމަށް އެމަނިކުފާނުގެ ރަނިންމޭޓު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ވ. އާރަށް މައްސަލައިގައި ރިޝްވަތު ދިނުމާއި މަނީ ލޯންޑާ ކުރެއްވި ކަން ސާބިތުވެ، ޔާމީންގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާ އިރު، އެ މައްސަލަ ހައި ކޯޓުގައި މެދުކެނޑިފައި އޮންނަތާ ދުވަސްކޮޅެއްވެއްޖެއެވެ.
ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމާ ގުޅިގެން އިންތިހާބުގައި ވާދަކުރުމަށް ގާނޫނުއަސާސީގައި އޮތް ޝަރުތެއް އުނިވެފައިވަނިކޮށް، ޕީޕީއެމް/ޕީއެންސީން ވަނީ އެމަނިކުފާނުގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފައެވެ. އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ވިދާޅުވީ ޔާމީންގެ ކެންޑިޑެސީ ގަބޫލު ކުރުމާ މެދުގައި މިއަދު އިރުއޮއްސި ހައެއްގެ ކުރިން ގޮތެއް ނިންމުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޔާމީންގެ ކެންޑިޑެސީ ފޯމް އިލެކްޝަނަށް ހުށަހެޅުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ ވީ އެންމެ އަވަހަށް ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވައި، ރިޔާސީ ކެމްޕެއިން ކުރެއްވުމުގެ ފުރުސަތު ދެއްވުމަށް ގޮވާލައްވާ ކަމަށެވެ.
ޖަމީލް ވިދާޅުވީ ސަރުކާރުގެ ނުފޫޒެއް ނެތް ނަމަ، ރައީސް ޔާމީންގެ އިސްތިއުނާފީ މައްސަލަ މިހާރު އޮންނާނީ ނިމިފައި ކަމަށާއި އެއާއެކު، އެމަނިކުފާނުގެ ކެންޑިޑެސީ ކަށަވަރުވީސް ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނަށް ނުފޫޒެއް ނެތް ނަމަ، ޔާމީންގެ ކެންޑިޑެސީ ފޯމް ގަބޫލު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޔާމީންގެ އިސްތިއުނާފީ މައްސަލަ ނުނިމިގެން އުޅެނީ ރާއްޖޭގެ ޝަރުއީ ދާއިރާ އަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާތީ ކަމަށް ޖަމީލް ވަނީ ފާހަގަ ކުރައްވައިފައެވެ.
"ރާއްޖޭގެ ނިޒާމުގެ ތެރެއިން ވެސް، ކުރައްވަން ޖެހޭ ކަމަކީ މިވަގުތުން މިވަގުތަށް ވެސް، އިސްތިއުނާފު އޮތީ ހުށަހަޅާފައި. އެހެންވީމަ، އެމަނިކުފާނަށް ކެމްޕެއިން ކުރެއްވޭނެ ގޮތަށް ދޫކޮށްލެއްވުން." ޖަމީލް ވިދާޅުވިއެވެ.