މާލެ ސަރަހައްދުގައި މިވަގުތު ފެތުރެމުންދާ ހޮޑުލުމާއި ބޭރަށް ހިންގުމަކީ ނޯރޯވައިރަސްގެ ރޯގާއެއް ކަމަށާއި މިއީ ހަލުވިކަމާއެކު ފެތުރޭ ވައިރަހެއް ކަމުގައި އެޗްޕީއޭއިން ބުނެފިއެވެ.
އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ، މި ވައިރަހަކީ ޚާއްސަކޮށް ބަންދު ތަންތަނުގައި ނުވަތަ ގިނަ މީހުން އެއްވެ ތިބޭ ތަންތަނުގައި ވަރަށް ފަސޭހައިން ފެތުރޭ ކަމަށް ފާހަގަކުރެވޭ ވައިރަހެއް ކަމުގައެވެ.
މި ވައިރަހުން ފެތުރޭ ރޯގާއިން ރައް ރައްކާތެރިވުމަށް ތިރީގައިވާ ކަންކަން ކުރިމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ.
ގިނަ ގިނައިން އަތް ދޮވުން
ހޭންޑް ސެނިޓައިޒަރ އެކަނި ބޭނުންކުރުމުން ނޯރޯވައިރަސްއިން ރައްކާތެރި ނުކޮށްދޭ، ރަނގަޅަށް ސައިބޯނިލައިގެން އަތްދޮވުން.
ހޮޑު ނުވަތަ ބޮޑުކަމުދާ ތަކެތި އެޅިފައިވާ ތަންތަން ސާފުކުރާއިރު ސަމާލުވުން.
ޓިޝޫ/ޕޭޕަރ ޓަވަލް އިން ސާފުކޮށް، ރައްކާތެރިގޮތުގައި އުކާލުމަށްފަހު، ބްލީޗް އަޅާފައި 5 މިނެޓް ބަހައްޓަވާ، އަދި އެއަށްފަހު ބްލީޗް ސާފުކުރުމަށްފަހު ސައިބޯނި/ދޮންނަ ސޮލިއުޝަން ލައިގެން ސާފުކުރައްވާ.
ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ، ބަލީގެ އަލާމާތްތައް ފިލާތާ 24 ގަޑިއިރު ވަންދެން ކާބޯތަކެތި ތައްޔާރުކުރުމުގައި ބައިވެރިނުވުން
މީހުން ގިނަ ތަންތަނަށް ނުދިއުން.
މާލެ ސަރަހައްދުގައި މިހާރު ފެތުރެމުންދާ ހޮޑާއި ބޭރަށް ހިންގުމުރެ ރޯގާއަކީ ވަކި ކާއެއްޗެއްގެ ސަބަބުން ފެތުރެމުންދާ ބަލިމަޑުކަމެއްކަމުގައި ބުނެ، ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތައް އެޗްޕީއޭއިން ވަނީ ދޮގު ކޮށްފައެވެ.
މާލޭގައި ހޮޑުލާ ބޭރަށް ހިންގާތީ ގިނަ އަދަދެއްގެ ކުޑަކުދިނަށް ހޮސްޕިޓަލްތަކުން އިއްޔެއިން ފެށިގެންދަނީ ފަރުވާ ހޯދަމުންނެވެ.
އިއްޔެއާއި މިއަދު މާލެ ސަރަހައްދުގައި ފެތުރެންފެށި ބަލިމަޑުކަމުގެ ސަބަބުން އައިޖީއެމްއެޗް، އޭޑިކޭ އަދި ސެނަހިޔާގެ އީއާރުންވެސް ގިނަބަޔަކު ދަނީ ފަރުވާ ހޯދަމުންނެވެ.
އިއްޔެ އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، ހޮޑު ލުމާއި ބޭރަށް ހިންގުމުގެ ބަލިމަޑުކަން ފާއިތުވި ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި ދިޔައީ ފެތުރެމުން ކަމަށާއި، އެހެންނަމަވެސް ރެއާއި އިއްޔެ ބަލިޖެހޭ މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވެފައި ވާކަމުގައެވެ.
މިގޮތުން މާލޭގައި ފެތުރެމުންދާ މިބަލިމަޑުކަމާއި ގުޅިގެން އާންމުންގެ ތެރޭގައި ކަންބޮޑުވުން އުފެދިފައި ވަނިކޮށް، އެޗްޕީއޭއިން އިންވަނީ ސާންޕަލްތައް ނަގާ، ބަލިމަޑުކަމުގެ އަސްލު ދެނެގަތުމަށް ޓެސްޓުތައް ހަދާފައެވެ.
އަދި މި ޓެސްޓުތަކުގެ ޕްލިމިނަރީ ރިޕޯޓުތަކާ ހަވާލާދީ، އެޗްޕީއޭ އިން ބުނެފައިވަނީ، ހޮޑުލައި ބޭރަށް ހިންގުން ކުއްލިއަކަށް އިތުރުވީ، ވައިރަހެއްގެ ސަބަބުން ކަމަށާއި އެއީ ވަކި ކާއެއްޗަކާ ގުޅިގެން ވީ ކަމެއް ނޫން ކަމަށެވެ.
އެޗްޕީއޭއިން ބުނެފައިވަނީ ބަލިމަޑުކަން ފެތުރެމުންދަނީ ވަކި ކާއެއްޗަކުންކަން ފާހަގަ ވެފައި ނުވާއިރު، ބަލީގެ އަަސްލު ދެނެގަތުމަށް އަދިވެސް ތަހުލީލު ކުރަމުންދާކަމަށް ބުނެފައި ވެއެވެ. އަދި އެޗްޕީއޭއިން ދަނީ މިހާލަތުގައި އާންމު އަމަލުކުރަން ޖެހޭ ގޮތުގެ މައުލޫމާތުތައް އާންމު ކުރަމުންނެވެ.
ސޯޝަލް މީޑިއާގެ ބައެއް ވަސީލަތްތަކުން އަޑު ފަތުރާފައިވަނީ ހޮޑުލުމާއި ބޭރަން ހިންގުމުގެ ބަލިމަޑުކަން ފެތުރެން ފެށީ، ރޭ ބޭއްވުނު ފުޅަނދު ބުރުގައި ބެހި މެޓާތަކެއް ކުޑަކުދިން ކައިގެން ކަމުގައެވެ.