މާލެ ސަރަހައްދުގައި މިހާރު ފެތުރެމުންދާ ހޮޑާއި ބޭރަށް ހިންގުމުރެ ރޯގާއަކީ ވަކި ކާއެއްޗެއްގެ ސަބަބުން ފެތުރެމުންދާ ބަލިމަޑުކަމެއްކަމުގައި ބުނެ، ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތައް އެޗްޕީއޭއިން ދޮގު ކޮށްފިއެވެ.
މާލޭގައި ހޮޑުލާ ބޭރަށް ހިންގާތީ ގިނަ އަދަދެއްގެ ކުޑަކުދިނަށް ހޮސްޕިޓަލްތަކުން މިއަދު ވަނީ ފަރުވާ ހޯދަން ޖެހިފައެވެ. މިގޮތުން އައިޖީއެމްއެޗްގެ ޑޮކްޓަރެއް ކަމުގައިވާ އަހުމަދު ފައިސަލް މިއަދު ވިދާޅުވެފައިވަނީ މުޅި މާލެ އޮތީ ހޮޑު ލުމުގައި ކަމަށާއި، ހޮޑުލާ ކުދިން ގިނަވެ އައިޖީއެމްއެޗްގެ އީއާރު އޮތީ ފުރިފައި ކަމުގައެވެ.
ރެއާއި މިއަދު މާލެ ސަރަހައްދުގައި ފެތުރެންފެށި ބަލިމަޑުކަމުގެ ސަބަބުން އައިޖީއެމްއެޗް، އޭޑިކޭ އަދި ސެނަހިޔާގެ އީއާރުންވެސް ގިނަބަޔަކު ދަނީ ފަރުވާ ހޯދަމުންނެވެ.
މިއަދު އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، ހޮޑު ލުމާއި ބޭރަށް ހިންގުމުގެ ބަލިމަޑުކަން ފާއިތުވި ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި ދިޔައީ ފެތުރެމުން ކަމަށާއި، އެހެންނަމަވެސް ރެއާއި މިއަދު ބަލިޖެހޭ މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވެފައި ވާކަމުގައެވެ.
މިގޮތުން މާލޭގައި ފެތުރެމުންދާ މިބަލިމަޑުކަމާއި ގުޅިގެން އާންމުންގެ ތެރޭގައި ކަންބޮޑުވުން އުފެދިފައި ވަނިކޮށް، އެޗްޕީއޭއިން އިންވަނީ ސާންޕަލްތައް ނަގާ، ބަލިމަޑުކަމުގެ އަސްލު ދެނެގަތުމަށް ޓެސްޓުތައް ހަދާފައެވެ.
އަދި މި ޓެސްޓުތަކުގެ ޕްލިމިނަރީ ރިޕޯޓުތަކާ ހަވާލާދީ، އެޗްޕީއޭ އިން ބުނެފައިވަނީ، ހޮޑުލައި ބޭރަށް ހިންގުން ކުއްލިއަކަށް އިތުރުވީ، ވައިރަހެއްގެ ސަބަބުން ކަމަށާއި އެއީ ވަކި ކާއެއްޗަކާ ގުޅިގެން ވީ ކަމެއް ނޫން ކަމަށެވެ.
އެޗްޕީއޭއިން ބުނެފައިވަނީ ބަލިމަޑުކަން ފެތުރެމުންދަނީ ވަކި ކާއެއްޗަކުންކަން ފާހަގަ ވެފައި ނުވާއިރު، ބަލީގެ އަަސްލު ދެނެގަތުމަށް އަދިވެސް ތަހުލީލު ކުރަމުންދާކަމަށް ބުނެފައި ވެއެވެ. އަދި އެޗްޕީއޭއިން ދަނީ މިހާލަތުގައި އާންމު އަމަލުކުރަން ޖެހޭ ގޮތުގެ މައުލޫމާތުތައް އާންމު ކުރަމުންނެވެ.
ސޯޝަލް މީޑިއާގެ ބައެއް ވަސީލަތްތަކުން އަޑު ފަތުރާފައިވަނީ ހޮޑުލުމާއި ބޭރަން ހިންގުމުގެ ބަލިމަޑުކަން ފެތުރެން ފެށީ، ރޭ ބޭއްވުނު ފުޅަނދު ބުރުގައި ބެހި މެޓާތަކެއް ކުޑަކުދިން ކައިގެން ކަމުގައެވެ.