ޚަބަރު އޮންލައިން ޕޯލް: ޔާމިނަށް ވާދަ ނުރެއްވޭ ހާލަތުގައި އެންމެ ބޮޑު ތާއީދެއް އޮތީ މުއިއްޒުއަށް!

ޚަބަރު އޮންލައިން ޕޯލް: ޔާމިނަށް ވާދަ ނުރެއްވޭ ހާލަތުގައި އެންމެ ބޮޑު ތާއީދެއް އޮތީ މުއިއްޒުއަށް!

Author
ހުސެއިން
26 ޖުލައި 2023 12:36
0

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި، އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް، ކުރީގެ ރައީސް ޔާމިންއަށް ވާދަ ނުކުރެވޭ ހާލަތެއްގައި، އެޕާޓީގެ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި އެންމެ ބޮޑު ތާއީދެެއް އޮތީ މާލޭ ސިޓީގެ މޭޔަރު ޑރ. މުއިއްޒުއަށް ކަމަށް "ޚަބަރު އޮންލައިން" އިން ނެގި ޚިޔާލު ހޯދުމުގެ ޕޯލްއިން ދައްކައިފިއެވެ.

ރައީސް ޔާމިންއަށް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެވިއްޖެ ހާލަތުގައި، އިދިކޮޅު ޕީޕީއެމްއިން ޓިކެޓަށް އެންމެ ބޮޑަށް ޝައުގުވެރިކަން ހުރިކަމަށް ބެލެވޭ، ޕީޕީއެމްގެ ލީޑަރޝިޕްގެ ހަތަރު ބޭފުޅުންގެ މެދުގައި ނެގުނު މި ވޯޓު ބޮޑު ތަފާތުކުން ޑރ. މުއިއްޒު ކާމިޔާބު ކުރެއްވީ ވޯޓު ލީ މީހުންގެ %76 ކާމިޔާބު ކުރައްވައިގެންނެވެ. މުއިއްޒުއާއި އެންމެ ގާތުން ވާދަކުރެއްވި، ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމަށް ކާމިޔާބު ކުރެއްވުނީ %8.8 ވޯޓެވެ. ދެން އެންމެ ގިބަ ވޯޓު ކާމިޔާބު ކުރެއްވީ ޕީޕީއެމް ނާއިބު ރައީސް ޢައްސާން މައުމޫންއެވެ. ޑރ. މުއިއްޒު ފިޔަވާ ދެން ވާދަ ކުރެއްވި 3 ބޭފުޅުންނަށްވެސް ދާދި އެއްވަރަކަށް ވޯޓު ލިބުނު ނަމަވެސް، އެންމެ މަދުން ވޯޓު ލިބިވަޑައިގެންނެވީ، ކުރީގެ ރައީސް ޑރ. ވަހީދަށެވެ. ރައީސް ވަހީދަށް ލިބިވަޑައިގެންނެވީ ވޯޓު ލީ މީހުންގެ %6.9 ވޯޓެވެ.

މި ވޯޓުގައި 1542 މީހުން ވޯޓު ދީފައި ވެއެވެ.

އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމިން އަދިވެސް ގެންދަވަނީ ޚިޔާނާތާއި މަނީ ލޯންޑަރިންގެ ތުހުމަތުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެހެންނަމަވެސް ރައީސް ޔާމިން މިހާރުވަނީ އިލެކްޝަނަށް ހުށަހެޅުމަށް ފޯމުގައި ސޮއި ކުރައްވާފައެވެ. އަދި ރޭ ޕީޕީއެމްގެ ލީޑަރޝިޕުންވަނީ ރައީސް ޔާމިންގެ ރަނިން މޭޓަކާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައެވެ.

ހަމައެއާއެކު، ރައީސް ޔާމީންގެ އިސްތިއުނާފް ޝަރީއަތް ނުނިމި އޮތުމުން އެ މަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ ދެވަނަ މައްސަލަ ވެސް އެ ކޯޓުން މިއަދުވަނީ ބަލައިނުގަނެ ބޭރު ކޮށްލާފައެވެ.

ހޮނިހިރު ދުވަހުގެ ރޭ ހުށަހެޅި ދުސްތޫރީ މައްސަލަ ކޯޓުގައި ރަޖިސްޓްރީ ނުކުރުމަށް ރަޖިސްޓްރާ ވަނީ މިދިޔަ އާދީއްތަ ދުވަހު ނިންމައިފައެވެ. އަދި މިއަދު މެންދުރުފަހު މުޅިން އާ މައްސަލައެއް ޔާމީންގެ ފަރާތުން ހުށަހެޅިއިރު އޭގެ ދެގަޑިއިރެއްހާ އިރު ފަހުން މައްސަލަ ސުޕްރިމް ކޯޓުން ވަނީ ބޭރު ކޮށްލާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރިޔަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އިންތިޚާބުގައި ވާދަކުރުމަށް ރައީސް ޔާމިންގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް އިދިކޮޅު ޕީޕީއެމްއިން ހުށަހަޅާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސުން
މަވެސް މުއިއްޒު.ރަނގަޅު ޗޮއިސްއެއް މުއިއްޒު.