ރައީސް ޔާމިންގެ ކެނޑިޑަސީއާމެދު ސުވާލު އުފެދި، އެމަނިކްފާނަށް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރެވޭގޮތް ނުވެއްޖެ ހާލަތެއްގައި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ޓިކެޓް އެކިއެކި ބޭފުޅުންނަށް ރައީސް ޔާމިން ދެއްވަފާނެކަމަށް އަޑު ފެތުރެމުން ދަނިކޮށް، ރައްޔިތުންގެ މަޖިލިހުގެ ރައީސް މަސީހު މިމަހުގެ 18 ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.
މަސީހުގެ ގާތް ބޭފުޅަކު "ޚަބަރު އޮންލައިން"އަށް މައުލޫމާތު ދީފައިވާ ގޮތުގައި މިމަހުގެ 28 ވަނަ ދުވަހު މަސީހު ރާއްޖެ ވަޑައިގަންނަވަނީ މަލޭޝިއާއިންނެވެ. މަސީހު ވަނީ ރައީސް ޔާމިންގެ ދައުރުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސްކަން ކުރައްވާފައެވެ. އެހެންނަމަވެސް ޖެހިގެން އައި ދައުރުގައި މަސީހު މަޖިލިހުގެ އިންތިޚާބުގައި ވާދަކުރައްވާފައެއް ނުވެއެވެ.
އެއަށްފަހު މަސީހު ސިޔާސީ މަސްރަހުން ފެނިފައެއް ނުވެއެވެ. އަދި ދިރި އުޅުއްވާފައިވަނީ ރާއްޖެއިން ބޭރުގައެވެ.
މިއަދު ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ރައީސް ޔާމިނަށް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެއްވޭ ހާލަތެއްގައި މަސީހަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދިނުމުގެ ވިސްނުންވެސް ރައީސް ޔާމިން ގެންދަވަނީ ވިސްނަވަމުންނެވެ. އެހެންނަމަވެސް އެފަދަ އެއްވެސް ނިންމެވުމެއް އަދި މިހާތަނަށް ރައީސް ޔާމިން ނިންމަވާފައި ނުވާކަމަށްވެސް އިދިކޮޅު ލީޑަރޝިޕުން ވަނީ ބުނެފައެވެ.
އިދިކޮޅު ޕީޕީއެމްގެ އަސާސީ ގަވާއިދު ބުނާގޮތުން، ރިޔާސީ ޓިކެޓް ރައީސް ޔާމިން ނޫން އެހެން ފަރާތަކަށް ދޭނަމަ ސެނެޓްގެ ރުހުން ހޯދަން ޖެހެއެވެ.
"ޚަބަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ރައީސް ޔާމިނަށް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ކުރިމަތި ނުލެވިދާނެކަމަށް ބަލާ، ޕީޕީއެންގެ ސެނެޓްގައި ހިމެނޭ ބައެއް ފަރާތަތަކުން، މިއަދު ވަނީ އިލެކްޝަންސް ކޮމިޝަނުން، އިންތިޚާބަށް ކުރިމަތުލުމަށް ހުށަހަޅަންޖެހޭ ފޯމު ނަގާފައެވެ.
އެހެންނަަމަވެސް އިލެކްޝަންސް ކޮމިޝަނުން ފޯމު ސެޓް ނަގާފައިވަނީ ޕީޕީއެމްގެ ލީޑަރޝިޕްގެ ތެރެއިން ކޮން ބޭފުޅުންނަކަށް ނިސްބަތްވާ ފަރާތްތަކެއް ކަމެއް އަދި ސާފު ކުރެވިފައެއް ނުވެއެވެ.
އިންތިޚާބަށް ކުރިމަތި ލުމަށް ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމުން ޕީޕީއެމްގެ އިސް ބައެއް ފަރާތްތަކުން މިއަދު އިލެކްޝަންސް ކޮމިޝަނުން ނަގާފައިވާއިރު، ރައީސް ޔާމިން މިހާރުވަނީ އިލެކްޝަނަށް ހުށަހެޅުމަށް ފޯމުގައި ސޮއި ކުރައްވާފައެވެ. އަދި ރޭ ޕީޕީއެމްގެ ލީޑަރޝިޕުންވަނީ ރައީސް ޔާމިންގެ ރަނިން މޭޓަކާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އިދިކޮޅު ލީޑރޝިޕްގެ ތެރޭގައި ވަނީ ރަނިން މޭޓަކާއި ގުޅޭގޮތުން ޚިޔާލު ތަފާތުވެފައެވެ. މިގޮތުން ބައެއް ބޭފުޅުން ރަނިން މޭޓަކަށް ކުރީގެ ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރަށް ތާއީދު ކުރާއިރު، އަނެއްބަޔަކު ތާއީދު ކުރައްނީ ރަނިން މޭޓަކަށް އައްސާން މައުމޫން ހަމަޖެއްސުމަށެވެ. އެހެންނަމަވެސް ޕީޕީއެމްގެ ލީޑަރޝިޕުން ބުނެފައިވަނީ ރަނިން މޭޓަކު އިޚްތިޔާރު ކުރުމުގެ ފުރިހަމަ ބާރު އޮންނާނީ ރައީސް ޔާމިނަށް ކަމުގައެވެ.
ހަމައެއާއެކު، ރައީސް ޔާމީންގެ އިސްތިއުނާފް ޝަރީއަތް ނުނިމި އޮތުމުން އެ މަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ ދެވަނަ މައްސަލަ ވެސް އެ ކޯޓުން މިއަދުވަނީ ބަލައިނުގަނެ ބޭރު ކޮށްލާފައެވެ.
"ޚަބަރު އޮންލައިން"އަށް މައުލުމާތު ލިބިފައިވާ ގޮތުގައި، ރައީސް ޔާމިނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ނުލިބިއްޖެ ނަމަ، އިންތިޚާބަށް ކުރިމަތިލުމަށް ފޯމު ހުށަހެޅުމަށް، އިދިކޮޅު ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން މިހާރު ތިބީ ތައްޔާރަށެވެ. އެގޮތުން، އެފަދަ ހާލަތެއްގައި ޓިކެޓަށް ޝައުގުވެރިވާ ބޭފުޅުންގެ ތެރޭގައި މާލޭ ސިޓީގެ މޭޔަރު ޑރ. މުއިއްޒުއާއި، ކުރީގެ ރައީސް ވަހީދުއާއި، ޕީޕީއެމްގެ ނާއިބު ރައީސްގެ މަގާމްގައި ހުންނެވި އައްސާން މައުމޫންއާއި އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހިމެނޭކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.
ހަމައެއާއެކު، ރައީސް ޔާމިންއަށް ފުރުސަތު ހަނިވަމުން ދާއިރު، އެފުރުސަތު ރައީސް ޔާމިނަށް އެކީ ގެއްލިއްޖެނަމަ ދެން ގޮތެއް ނިންމަން ޖެހެނީ ޕާޓީގެ ސެނެޓުން ކަމަށްވާތީ، ސެނެޓް ނިންމުމުގައި ބައިވެރިވުމަށް ޕީޕީއެމްގެ ދާއިރާތަކުގެ ރައީސުންވެސް މިހާރު މާލެ އަންނަން ފަށާފައިވާކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.
2 Responses
ހުސްދޮގު ޚިޔާލީފޮލާއެއް.
ޕީޕީއެމް ވެންޓިލޭޝަންގައި އޮތީމާ ރާއްޖޭގެ އެކިއެކި ކަންކޮޅުގައި ތިބި ސެނެޓަރުން މޫނުދެކެލަން ހާޒިރުވަން އަންގައިފި ވަރަށް ވަރަށް ސާފް އިނގޭތޯ