ދިވެއްސެއްނަމަ، އެކެއްގެ ނަމުގަ ދެން ގިނަވެގެން ބޭނުން ކުރެވޭނީ 10 ސިމް ކާޑުކަމަށް ކަނޑައަަޅާ، ސިމް ކާޑް ލިމިޓްކުރުމާ ބެހޭ ގަވާއިދު ޓެލެކޮމިއުނިކޭޝަން އޮތޯރޮޓީ އޮފް މޯލްޑިވްސް (ކޭމް) އިން އާންމު ކޮށްފި އެވެ. މި ގަވާއިދުގައި ވާގޮތުން ބިދޭސީއެއްނަމަ ދެން އެންމެ ގިނައިން އެކަކަށް ގެންގުޅެވޭނީ 3 ސިމް ކާޑެވެ.
މިހާތަނަށް ރާއްޖޭގައި ސިމް ކާޑު ގެންގުޅުމުގައި އެއްވެސް ލިނިޓެއް ނޯވެއެވެ.
މޯބައިލް ފޯނުގެ ޚިދުމަތް ހޯދުމަށް ބޭނުންވާ ފޯނު ނަމްބަރު ދޫކުރުމާއި، ނަންބަރު ބޭނުންކުރުމާބެހޭ ގަވާއިދު އިއްޔެ އާންމު ކޮށްފައިވާއިރު، ސިމް ކާޑު ދޫކުރެވޭނީ "ކޭމް" އިން ޓެލެކޮމިއުނިކޭޝަން ސާވިސް ޕްރޮވައިޑަރ ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކަށާއި، އަދި އެފަރާތްތަކުގެ އޭޖެންޓުންނަށް ކަމުގައެވެ.
"ކޭމް"ގެ ގަވާއިދުގައި، ޚިދުމަތަށް އެދޭ މީހާއާއި ޚިދުމަތް ދޭ ފަރާތާ ދެމެދު ހަދާ އެއްބަސްވުމާއި، އިދާރީ ފިޔަވަޅު އެޅޭނޭ ހަމަތަކާއި، ޚިދުމަތް ހޯދާ މިހާގެ މައުލޫމާތު ރައްކާ ކުރަންޖެހޭ އުސޫލުތަކާއި، ނަންބަރު ބޭނުންކުރުމުގައި ޚިދުމަތް ހޯދާ ފަރާތުން ޒިންމާދާރުވުމާއި، ސިމްކާޑު ދޫކުރުމާއި ނަމްބަރު ދޫކުރެވޭނެ އަދަދުވެސް ބަޔާން ކޮށްފައި ވެއެވެ.
އެ ގަވާއިދުގައިވާގޮތުން މޯބައިލް ނަމްބަރު ދޫކުރެވޭނީ އުމުރުން 18 އަހަރު ވެފައިވާ ފަރާތްތަކަށް އެކަންޏެވެ.
މޯބައިލް ފޯނުގެ ޚިދުމަތް ހޯދުމަށް ބޭނުންވާ ފޯނު ނަމްބަރު ދޫކުރުމާއި، ނަންބަރު ބޭނުންކުރުމާބެހޭ ގަވާއިދު "ކޭމް"އިން އެކުލަވާލީ، ރާއްޖޭގައި ހިނގާ ފައިސާގެ ސްކޭމްތައް މަދުކުރުމުގެ ގޮތުން، ވަކި ފަރުދަކަށް ނެގޭ ސިމް ކާޑުގެ އަދަދު ލިމިޓު ކުރުމަށް، އެ މުވައްސަސާއިން އެކުލަވާލަންޖެހޭ ގަވާއިދު ހަދާ ނިންމުމަށް 15 ދުވަހުގެ މުއްދަތެއް ދީ ރައްޔިތުންގެ މަޖިލީހުން ފާއިތުވި އެޕްރިލްމަހު އެންގުމާއި ގުޅިގެންނެވެ.
އެކަކަށް މޯބައިލް ސިމް ނެގޭ އުސޫލެއް ޤާއިމްކުރަން ނިންމީ އޮޅުވާލައިގެން އެކިގޮތްގޮތުން ފައިސާ ހޯދުމަށް އެހެން މީހެއްގެ ނަމުގައި ނަގާފައިވާ ސިމް ކާޑު ނުވަތަ ބިދޭސީންގެ ނަމުގައި ނަގާފައިވާ ސިމް ކާޑު ބޭނުންކުރަމުންދާ މައްސަލަތައް އިތުރުވަމުންދިއުމާއި ގުޅިގެންކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީއިން ބުނެފައި ވެއެވެ.
ކޮމެންޓު ފޮނުވާ