ޑިފެންސްގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒަމީލު ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވަނީ

ޑިފެންސްގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒަމީލު ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވަނީ

Author
ހުސެއިން
23 ޖުލައި 2023 07:28
0

ޑިފެންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒަމީން ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވައިފިއެވެ. ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޒަމީލް ވިދާޅުވެފައިވަނީ މިހާރު އޮތް ޕާޓީ ސިސްޓަމަކީ ރާއްޖޭގައި ވެރިކަން ހިންގަން އޮތް އެންމެ ރަގަޅު ނިޒާމު ނޫންކަން ފާއިތުވެދިޔަ ތަނުގެ ތަޖުރިބާއިން އެގެން އޮތް ކަމުގައެވެ.

އޭނާ ވިދާޅުވީ ރައްޔިތުން އެކަންކަމަށް އިންސާފު ބޭނުންވި ކަންކަމުގެ ވައުދުތައް އަދިވެސް އޮތީ ނުފުއްދި ކަމަށެވެ. އޭގެ ތެރޭގައި ނޫސްވެރިޔަކު ގެއްލުވާލުމާއި، އެމްއެމްޕީއާރުސީގެ މައްސަލަ އޭނާ ފާހަގަ ކުރެއްވިއެވެ.

މިކަން ރަނގަޅު ކުރެވޭނީ ހަރުދަނާ އަދި ވާންޖެހޭ ހާލަތުގައި ހަރުކަށިވެސް ވެވޭނެ ވެރިއަކު ޤާއިމު ކުރާ، ބާރުހުރި ސަރުކާރަކުން. އެފަދަ ވެރިއަކީ ވެރިކަން ދެމެހެއްޓުމަށްޓަކައި އެއްވެސް މީހަކު ރުއްސަން ޖެހޭފަދަ ހާލަތުތައް މެދުވެރިވެފައިވާ ފަރާތަކަށް ވެގެން ނުވާނެ. މިނިވަން ކެންޑިޑޭޓަކަށް މެނުވީ އެފަދަ ސަރުކާރެއް އުފެއްދުމަކީ ވާނެކަމެއް ނޫން.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވެފައިވެއެވެ.

ރިޔާސީ އިންތިޚާބާބެހޭ ގާނޫނުގައި ވާގޮތުން އަމިއްލަގޮތުން ވާދަކުރާ މީހަކު 1،500 މީހުންގެ ތާއީދު އޮތްކަން ހާމަކޮށްދީ އިލެކްޝަނަށް ސޮއި ހުށަހަޅަންޖެހެއެވެ. އަދި އިންތިޚާބަށް ކުރިމަތިލުމަށް ދައްކަންޖެހޭ ފީއެއްގެ ގޮތުގައި 100،000 ރުފިޔާވެސް ކޮމިޝަނަށް ދައްކަން ޖެހެއެވެ.

ހަސަން ޒަމީލު ޑިފެންސް މިނިސްޓްރީގެ ނައިބުގެ މަގާމުގައި ހުންނަވަނިކޮށް 2021 ވަނަ އަހަރު އޭނާ ރައްޔިތުންގެ މަޖިލިހުގެ އިމްތިޔާޒަށް އަރައިގެންފައިވާކަމަށް ތުހުމަތުކޮށް، އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގައި ރައްޔިތުންގެ މަޖިލިހުގެ އިދާރާއިން އެދިފައި ވެއެވެ.

މިކަމަށް މަޖިލީހުގެ އިދާރާއިން އެދިފައިވަނީ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އަށް 40 ސިފައިން ވަކިވަކިން ހާޒިރުކޮށްދޭން އެމްއެންޑީއެފްގައި އެދުމުން އެކަން ނުވާނެ ކަމަށް އަންގަވައި މަޖިލީހަށް ފޮނުވި ސިޓީގައި ޒަމީލްގެ ސޮއި އޮތުމުންނެވެ. އެހެންނަމަވެސް ޕީޖީން ފަހުން ވިދާޅުވެފައިވަނީ އެމައްސަލަ ފުރަތަމަ ހުށަހަޅަން ޖެހޭނީ ޕޮލިހަށް ކަމަށެވެ. އެއަށްފަހު އެމައްސަލަ ކުރިޔަށް ގޮސްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.