ރ. ފުއްގިރި މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދަން ތާވަލްކުރި ޝަރީއަތްވެސް ކެންސަލްކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ބުނި ގޮތުގައި މިއަދުގެ ޝަރީއަތް ކެންސަލްކުރީ މި މައްސަލައިގައި ދައުވާކޮށްފައިވާ ސަން ކޮންސްޓްރަކްޝަން ކުންފުނީގެ ދެ ވަކީލަކު އެހެން ކޯޓަކަށް ހާޒިރުވުމަށް އަންގާފައި އޮތުމުންނެވެ. އަދި އެ މަސަލަތައް މިއަދުގެ ޝަރީއަތް ބޭއްވުމަށް އޮތް ގަޑިއާ ފުށޫއަރާ ކަމަށް ބުނެއެވެ.
ފުއްގިރި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ސަން އިންވެސްޓްމަންޓާއި، ސަން ކޮންސްޓްރަކްޝަންގެ އިތުރުން ކުރީގެ ރައީސް ޔާމީން އާއި މއ. ކުރިކީލަހިޔާ, އަހުމަދު ކުރިކް ރިޒާގެ މައްޗަށެވެ.
ފުއްގިރި ކުއްޔަށް ދިން މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާ އަކީ ވެސް ފުއްގިރި ކުއްޔަށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތު ނަގައި އަދި އެ ފައިސާ ބޭނުން ކޮށްގެން މަނީ ލޯންޑާ ކުރުމުގެ އަމަލު ހިންގަވާފައި ކަމަށް ބުނެ ކުރި ދެ ދައުވާއެވެ. މިގޮތުން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން އެމެރިކާ ޑޮލަރު ޔާމީން ނަންގަވާފައިވާ ކަމަށް ތުހުމަތު ކޮށްފައިވެއެވެ.
ސަން އިންވެސްޓްމަންޓާއި، ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް ވެސް ކުރަނީ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ. ކުރިކް ރިޒާގެ މައްޗަށްވެސް ދައުވާ އުފުލި ނަމަވެސް ދައުލަތުން ވަނީ އަނބުރާ ގެނެސްފައެވެ.
ކޮމެންޓު ފޮނުވާ