އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި "ދަ ޑިމޮކްރެޓްސް" ޕާޓީން އެޕާޓީގެ ރިޔާސީ ޕްރައިމަރީއަށް ހުޅުވާލުމުން ކުރިމަތިލާފައިވަނީ ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ކަމުގައި އެޕާޓީން ބުނެފިއެވެ.
ޑިމޮކްރެޓްސް ޕާޓީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތި ލުމަށް އިލްޔާސް ލަބީބު ފޯމު ހުށަހަޅުއްވާފައިވަނީ މިއަދު 13:00 ގައެވެ.
ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލުމުގެ މުއްދަތު ހަމަވީ މިއަދު ހަވީރު 4:00 އަށެވެ. އަދި އެޕާޓީގެ އަސާސީ ގަވާއިދުގައި ވާގޮތުގެމަތިން، އެންމެ މީހަކު ކުރިމަތި ލައިފިނަމަ ބާއްވަން ޖެހެނީ ފެންނަ ނުފެންނަ ވޯޓެކެވެ. އަދި ރިޔާސީ ޓިކެޓް ކަށަވަރު ކުރުމަށް އިލްޔާސް ލަބީބު އެޕާޓީގެ މެމްބަރުންގެ މަދުވެގެން %10 ވޯޓު ހޯއްދަވަން ޖެހެއެވެ.
މިއަދު އިލެކްޝަންސްއަށް ފޯމު ހުށަހެޅުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިލްޔާސް ލަބީބު ވިދާޅުވީ އޭނާގެ މަގުސަދަކީ ފާޓީގެ ފިކުރުގައި ކުރިޔަށް ދިއުން ކަމަށާއި، ޕާޓީ އުފެއްދުމުގެ މަގުސަދު ހާސިލް ކުރުމަށް އޭނާ މަސައްކަތް ކުރައްވާނެ ކަމުގައެވެ.
މިކަމުގައި އަޅުގަނޑާ އެކުގައި މަސައްކަތް ކުރައްވާ ރައީސް މުހައްމަދު ނަޝީދާއި އަޅުގަނޑާ އެކު މަސައްކަތް ކުރައްވާ ޕާޓީގެ އިސް ބޭފުޅުންނާއި، ޕާޓީގެ މެންބަރުންގެ ވިސްނުމާ ފިކުރާ އެކުގަ އަޅުގަނޑު ކުރިއަށްދާނީ. ޕާޓީ އުފެދުނު މަޤްސަދު އަޅުގަނޑު ހަދާން ނައްތާނުލާނަން. ޕާޓީއަށާއި މެންބަރުންނަށް އަޅުގަނޑު ވަރަށް އިޚުލާސްތެރިކަމާއެކު މަސައްކަތްކޮށްދޭނަން.
ނޫސްވެރިންނާއި ބައްދަލުކޮށް ވާހަކަ ދައްކަވަމުން އިލްޔާސް ލަބީބު ވިދާޅުވިއެވެ.
އިލްޔާސް ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް މި ސަރުުކާރު އޭނާ ބަދަލު ކުރައްވާނެ ކަމުގައެވެ. އަދި އޭނާވަނީ ރައްޔިތުން އޭނާއަށް ތާއީދު ކުރުމަށް ގޮވާލައްވާފައެވެ.
ކޮމެންޓު ފޮނުވާ