ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ ޚިޔާނާތުގައި މައްސަލާގެ ޝަރީއަތަށް ދަޢުލަތުން ހެކިންގެ ގޮތުގައި ހުށަހަޅުއްވަފައިވާ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި، ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ މަޢުރޫފް ހެކިބަސް ދެއްވަން ބޭނުން ނުވާތީ އެމީހުންގެ ހެކިބަސް ނުނެންގެވުމަށް ނިންމައިފިއެވެ.
ފުއްގިރީގެ މައްސަލައިގައި ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑަރިންގގެ ދައުވާއެވެ. އެގޮތުން ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްޤީކުރަން ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި މަޤާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯއްދަވާފައިވާކަމަށް ދަޢުލަތުން ތުހުމަތުކުރެއެވެ. މިމައްސަލާގައި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަށް ކޮށްފައިވަނީ އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާކަމަށް ތުޙުމަތެވެ.
މިމައްސަލައިގެ މިއަދުގެ އަޑު އެހުމުގައި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ ހެކިބަސް ދެއްވަން ކޯޓަށް ހާޒިރުވާން ބޭނުން ނުވާ ކަމަށް ބަޔާންކޮށް، ސިޔާމާއި މައުރޫފް ސިޓީ ފޮނުއްވާފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ޕްރޮސިކިއުޓާ ޖެނަރަލްގެ ވަކީލް ވިދާޅުވީ އެ ދެ ބޭފުޅުންގެ ހެކިބަސް ނަގަން މިހާރު ދައުލަތުން ބޭނުން ނުވާ ކަމަށެވެ.
މިއަދު އޮތް އަޑުއެހުމުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޮޑީގާޑް އަހުމަދު އާމިރު ހެކިބަސް ދެއްވާފައިވެއެވެ. އޭނާ ވަނީ އަދީބާއި ޒިޔަތާ އެކު ބޭއްވި ބައްދަލުވުމެއްގައި މައުރޫފާއި ސިޔާމްގެ ކޮއްކޮއެއް ކަމަށްވާ ސާލިމް ބައިވެރިވި ކަމަށެވެ. އެބައްދަލުވުމަށް އަދީބު އަންގަވައިގެން ދަބަހެއް ގެންގޮސް ދިން ކަމަށް އާމިރު ވަނީ ބުނެފައެވެ. މިބައްދަލުވުމުގައި މިމައްސަލާގައި މިހާރު ދައުވާތައް އަބުރާ ގެންގޮސްފައިވާ އަހުމަދު ކްރިކް ރިޒާވެސް ބައިވެރިވި ކަމަށް އާމިރުވަނީ ބުނެފައެވެ.
ސިޔާމާއި މައުރޫފްގެ އިތުރުން މުހައްމަދު ޝާކިރާއި އަދީބުގެ ޑްރައިވަރަކަށް އުޅުނު މުހައްމަދު ހުސައިން ވެސް ވަނީ ހެކިބަސް ދޭން ބޭނުން ނުވާ ކަމަށް ބުނެ ކޯޓަށް ސިޓީއެއް ފޮނުވައިފައެވެ. އެހެންވެ އެ ދެ މީހުންގެ ހެކިބަސް ވެސް ނަގަން ބޭނުން ނުވާ ކަމަށް ދައުލަތުން މިއަދު ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން ދެން ބާކީ އޮތީ ދައުލަތުން ހުށަހަޅާފައިވާ ދެ ހެއްކެއްގެ ހެކިބަހެވެ. އެ ދެ މީހުންގެ ހެކިބަސް ނެގުން އަންނަ ބުރާސްފަތި ދުވަހަށް ތާވަލު ކުރައްވާނެ ކަމަށް ގާޒީ ނަދީމް ވިދާޅުވިއެވެ.
ފުއްގިރި މައްސަލާގެ ޝަރީއަތް ކްރިމިނަލް ކޯޓުން ބާރުސްޕީޑްގައި ކުރިއަށް ގެންދާއިރު ވ. އާރަށު މައްސަލާގައި ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފު ހައި ކޯޓުގައި ވަނީ މަޑުޖެހިފައެވެ. ޖިނާއީ ކުށެއް ސާބިތުވެފައި އޮތުމަކީ ރައީސް ކަމަށް ކުރިމަތިލުމަށް ޝަރުތެއް އުނިވާ ކަމެކެވެ.
ކޮމެންޓު ފޮނުވާ