ވ. އަތޮޅުގައި މި ސަރުކާރުން ފަށަން އުޅޭ ކަމަށް ބުނާ ޓޫރިޒަމްގެ ބޮޑު މަޝްރޫއަކީ ވ. ފޮއްތެޔޮފަޅު ނުއަގުގައި ގާނޫނާއި ހިލާފަށް ވިއްކާލައިގެން ހިންގަން އުޅޭ މަޝްރޫއެއް ކަމަށް އިދިކޮޅު ޕީޕީއެމުން ތުހުމަތުކޮށްފިއެވެ.
ޕީޕީއެމް އިން ނެރުނު ބަޔާނެއްގައި ބުނީ ރައީސް ސޯލިހްގެ ކެމްޕެއިނަށް ފައިސާ ހޯދުމުގެ ބޭނުމުގައި ވ.ފޮއްތެޔޮ ފަޅު ނުއަގުގައި ޤާނޫނާއި ޚިލާފަށް ވިއްކާލުމަށް ސަރުކާރުން ހިންގަމުން ގެންދާ ޖަރީމާ ހުއްޓާލުމަށް ގޮވާލާ ކަމަށާއި އެފަދަ ތަންތަން ޕީޕީއެމްގެ ވެރިކަމެއްގައި އަތުލެވޭނެ ކަމަށެވެ.
ރައީސް ސޯލިހްގެ ކެމްޕެއިނަށް ފައިސާ ހޯދުމުގެ ބޭނުމުގައި ރާއްޖޭގެ އެންމެ ބޮޑު އަދި ދުނިޔޭގެ ތިން ވަނައަށް އެންމެ ބޮޑު ފަޅުކަމަށްވާ، ވ.ފޮއްތެޔޮ ފަޅު ބޮޑު ޖަރީމާއެއްގެ ތެރެއިން ޤާނޫނާއި ޚިލާފަށް ނުއަގުގައި ސަރުކާރުން ވިއްކާލަން ނިންމާފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށާއި ރައީސް ސޯލިހްގެ ސަރުކާރު ނިމެން މަދު ދުވަސްކޮޅަކަށް ވެފައިވަނިކޮށް ރާއްޖޭގެ އަގުހުރި ދިވެހީންގެ މުދާ ވަކި ބަޔަކަށް މަންފާ ލިބޭ ގޮތަށް ނުއަގުގައި ވިއްކާ ހުސްކުރުމަކީ ޕީޕީއެމް އާއި އަދި ދިވެހި ރައްޔިތުންވެސް އެއްގޮތަކަށްވެސް ބަލައިގަންނާނޭ ކަމެއް ނޫން ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
ގާނޫނާއި ހިލާފު ކޮރަޕްޝަންގެ ބޮޑު މިއަމަލު މިހާރުން މިހާރަށް ހުއްޓާލުމަށް ސަރުކާރަށް ގޮވާލަން. ޕީޕީއެމުން ބުނެފައިވެއެވެ.
ޕީޕީއެމް އިން ބުނީ މިފަދަ ކޮރަޕްޝަންގެ ޖަރީމާތަކާއި ނުއަގުގައި ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ހެދޭ އެއްބަސްވުންތައް ބާޠިލުކޮށް އެފަދަ ތަންތަން ދޫކޮށްފައިވާ ފަރާތްތަކުގެ އަތުން އެތަންތަން ޕީޕީއެމްގެ ވެރިކަމެއްގައި އަތުލާނެ ކަމަށެވެ. އެހެންކަމުން ކުންފުނި ތަކުންވެސް ޤާނޫނާއި ޚިލާފަށް ނުއަގުގައި ދޫކުރެވޭ ތަންތަނާ ޙަވާލުވުމުގެ ބަދަލުގައި އެފަދަ އެއްބަސްވުންތަކާއި ދުރުވުމަށާއި އަދި މިފަދަ މުޢާމަލާތްތަކުގައި ބައިވެރިވާ ސަރުކާރުގެ އެކިއެކި ފަރާތްތަކާއި ޤާނޫނު އަރާ ހަމަކުރާނެ ކަމަށް ވެސް ޕީޕީއެމް އިން ބުންޏެވެ.
ފޮއްތެޔޮ ފަޅު ވިއްކާލަނީ ކިހައި ވަރަކަށް ކަމެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި އަފަޅު ވިއްކާލަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ފ.އަތޮޅު ހިމިތީ ފަޅު ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއަށް ވިއްކާލަން އުޅުނު ވަރަށް ވުރެ މާއަގުހެޔޮކޮށެވެ. ފޮއްތެޔޮ ފަޅު ވިއްކާލުމާއި ގުޅޭ ގޮތުން ސަރުކާރުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެއެވެ.
ޕީޕީއެމުން މި ތުހުމަތުތައްކޮށްފައިވާއިރު ރާއްޖޭގައި ދެން ފަށާ ޓޫރިޒަމްގެ އެންމެ ބޮޑު މަޝްރޫއު ފަށާނީ ވ. އަތޮޅުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިއުލާނު ކުރެއްވީ އިއްޔެއެވެ. އެ މަޝްރޫއުގެ ތަފުސީލު ނުދެއްވި ނަމަވެސް ރައީސް ސޯލިހު ވަނީ މަޝްރޫއުގެ ބައެއް އެއްބަސްވުންތަކުގައި ސޮއިކުރެވިފައިވާ ކަމަށާއި މިއަދު އޮންނަ އިކޮނޮމިކް ކައުންސިލްގައި މަޝްރޫއުގެ ބައެއް ކަންކަން ނިމިގެންދާނެ ކަމަށް ވިދާޅުވެފައެވެ.