އަހަރުގެ މިހާތަނަށް 1 މިލިއަން ފަތުވެރިން ރާއްޖެއަށް!

އަހަރުގެ މިހާތަނަށް 1 މިލިއަން ފަތުވެރިން ރާއްޖެއަށް!

Author
މުޙައްމަދު ޝަޒައިމް
16 ޖުލައި 2023 02:19
0

ރާއްޖެއަށް މިއަހަރު އައި އެއްމިލިއަން ވަނަ ފަތުރުވެރިޔާއަށް ރާއްޖެއިން މަރުހަބާ ކިޔައިފިއެވެ.

ރާއްޖެއަށް މިއަހަރު އައި އެއް މިލިއަން ވަނަ ފަތުރުވެރިޔާއަކީ ރަޝިއާގެ ރައްޔިތެއް ކަމަށްވާ އެންޓޮން ޕަވްލޯއެވެ. އޭނާ ރާއްޖެ އައިސްފައިވަނީ އޭނާގެ އާއިލާއާއެކުއެވެ. އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް އާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

ރަޝިއާއަކީ މިހާރު ރާއްޖެއަށް 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމެވެ. އެ ޤައުމުން އަހަރުގެ މިހާތަނަށް ރާއްޖެއަށް 114000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ.

އެމް.އެމް.ޕީ.އާރު.ސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުޙައްމަދު ވިދާޅުވީ، މިއީ މި އަހަރުގެ ފަތުރުވެރިކަމުގެ ވަރަށް އުފާވެރި ދުވަހެއްކަމަށެވެ. އަދި މިއީ ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށްދިއުމަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

އަހަރުގެ ކުރިއަށްއޮތް ތަނުގައިވެސް ފަތުރުވެރިން އަންނަ ޢަދަދު އިތުރުވެ މި އަހަރު ރާއްޖޭގެ ފަތުރުވެރިކަމުގައި ކަނޑައެޅި އަމާޒަށް ވާސިލްވެވޭނެކަމުގެ އުންމީދު ބޮޑުކަމަށް އޭނާ ވިދާޅުވިއެވެ. ތޮއްޔިބު ވަނީ މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖެ އިޝްތިހާރުކުރުމަށް އެމް.އެމް.ޕީ.އާރު.ސީން ވަރުބަލިކަމެއްނެތި މަސައްކަތް ކުރަމުންދާނެކަމަށް ވިދާޅުވެފައެވެ.

އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް ރާއްޖެއިން މަރުހަބާ ކިޔާފައިވާއިރު ސަރުކާރުން މިއަހަރަށް ކަނޑައެޅި އަަމާޒަކީ 1.8 މިލިއަން ފަތުރުވެރިންނެވެ. ރިޔާސީ ކެމްޕޭންގައި ރޭ މ. މުލަކަށް ވަޑައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ މިހާރުގެ ނަންބަރުތަކަށް ބަލާއިރު މިހާރުގެ އަމާޒަކީ އަހަރު ނިމުމުގެ ކުރިން 1.9 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުން ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.