ރާއްޖޭގެ އަމަން އަމާންކަމާއި، މަސްތުވާތަކެއްޗާއި ގޭންގް ކުށްތައް އޮތް ހިސާބަށް ބަލާއިރު، ދިވެހި ރައްޔިތުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ބޭނުންވަނީ، މަރުތޭލެއް ހިފައިގެން އަންނަ ވެރިއެއް ކަމުގައި އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕެއިނަށް މިހާރު އަތޮޅު ތެރެެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކެޔޮދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ، މި އަހަރަކީ ރާއްޖޭގެ ރައްޔިތުން ވަރަށް މުހިންމު ނިންމުމެއް ނިންމަން ޖެހޭ އަހަރެއް ކަމަށާއި، ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ރައްޔިތުންގެ އަތަށް އެ ލިބޭ ވޯޓު ކޮޅަކީ ވަރަށް ބޮޑު އަމާނާތެއް ކަމަށެވެ.
އުމަރު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި މިގައުމުން ކޮރަޕްޝަން ފުނޑާލާނެ ކަމަށާއި އިސްލާމީ ޝަރީއަތުގައިވާ ގޮތަށް ކަންކަން ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެ ނޫން ގޮތަކަށް ރާއްޖެ އަމާން ގައުމަކަށް ނުހެދޭނެ ކަމުގައި ތަކުރާރުކޮށް ވިދާޅުވިއެވެ. ގައުމު އަމާން ނުވެ މިތަނުގައި އިންވެސްޓް ކުރާނެ ބޭރުގެ އިންވެސްޓަރުން ނުތިބޭނެ ކަމަށްވެސް ފާހަގަކުރެއްވިއެވެ.
މިއީ ތިބޭފުޅުނަށް މަރުތޭލެއް ހިފައިގެން އަންނަ ވެރިޔަކު ބޭނުންވާ ވަގުތު. އެ ވެރިޔަކު އަންނަ ގޮތަށް އައިސް ނުވަދެފައި ހުންނަ މޮހޮރުތައް އެ މޮހޮރުތަކުގެ ބޮލުގައި މަރުތޭލުން ޖަހައި އެ މޮހޮރުތައް ވައްދާ ހަމަކޮށްލާ ކަހަލަ ވެރިޔަކު މިގައުމަށް ބޭނުންވާ ވަގުތު. އެހެންވީމާ އަޅުގަނޑު ތިބޭފުޅުންނަށް ގެނެސްދޭން ބޭނުންވަނީ އެކަހަލަ ވެރިކަމެއް. ކުޅޭކުޅޭ ވެރިކަމެއް ނޫން. ނޯން ނޮންސަސް ވެރިކަމެއް.
– އުމަރު ވިދާޅުވިއެވެ.
އުމަރަކީ މީގެކުރީގެ ކެމްޕޭންތަކުގައި ހުދުވަލަކާއި، ހަރުގަނޑެއްގެ ވަހަކަވެސް ދައްކަވައި އާންމުންގެ ސަމާލުކަން ހޯއްދެވި ލީޑަރެކެވެ. އުމަރު ވިދާޅުވީ، ވޭތުވެދިޔަ 15 އަހަރު ތެރޭގައި ރާއްޖޭގެ އެކި ޕާޓީތަކުން، ވެރިކަން ކުރައްވާފައިވާ ކަމަށެވެ. ނަމަވެސް ދިވެހިންނަށް ދިމާވެފައި ހުރި ބޮޑެތި މައްސަލަތައް ހައްލު ނުވެ އެގޮތަށް އެބަ ހުރި ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެތައް ކިލޯއަކުން މަސްތުވާތަކެތި ރާއްޖެ އަށް އެތެރެ ކުރަމުންދާ ކަމަށާއި، އެތެރެ ކުރާ މީހާ ލަހެއް ނުވެ ޖަލުތަކުން މިނިވަންވާ ކަމަށެވެ. އުމަރު ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލައެއް އާއިލާ ތެރޭގައި ނެތް ނަމަވެސް، އެފަދަ ކަމެއް ގޭގެ ދޮރައި ހަމައަށް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
130 ކިލޯގެ މަސްތުވާތަކެތި އެއީ އެއްލައްކަ 30 ހާސް ޕީސް މަގުމަތީގައި ވިއްކާ ކަހަަލަ، މި އެއްލައްކަ 30 ހާސް ޕީސް މަގުތަކުގައި ނުވިކިގެން، ނުވަތަ އޭތި ގަންނަން އައިސް ތިބޭފުޅާގެ މޯބައިލް ފޯނު ޖަހައިގަނެގެން، ވަގަށް ނަގައިގެން އެ ދަނީ، ތިބޭފުޅުންނާއި ހަަމައަށް މަސްތުވާތަކެތީގެ ނުރައްކާވެސް އައިއޭ.
– އުމަރު ވިދާޅުވިއެވެ.
އެހެންކަމުން މިފަހަރުގެ ވޯޓަކީ މަސްތުވާތަކެތީގެ ނުރައްކަލުން ރާއްޖެ ސަލާމަތް ކުރުމަށް ބޭނުން ކުރާނެ ވޯޓަކަށް ހެދުމަށް އުމަރު ގޮވާލެއްވިއެވެ.
ކޮމެންޓު ފޮނުވާ