ޖުމުހޫރީ ޕާޓީގެ ކުރީގެ ރައީސް އަލީ ވަހީދު އެޕާޓީގެ ލީޑަރ އަދި ރިޔާސީ ކެނޑިޑޭޓް ގާސިމް އިބުރާހިމްއާއި ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލު ކުރެއްވުން އޮތީ ގާސިމް މިހާރު ދިރިއުޅުއްވަމުން ގެންދަވާ، އަމިއްލަފުޅު ރިސޯޓު ކަމުގައިވާ ސަން އައިލެންޑްގައެވެ.
ވިލާއެއަރގައި އަލީ ވަހީދު ވަޑައިގަތުމުން އޭނާ މަރުހަބާ ވިދާޅުވީ ޖޭޕީގެ ލީޑަރ ގާސިމް އިބުރާހިމްއެވެ.
ޖުމުހޫރީ ޕާޓީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، ޖުމްހޫރީޕާޓީގެ ކުރީގެ ރައީސް އަލީ ވަހީދު މިއަދު ޖޭޕީގެ ލީޑަރ އޮނރަބްލް ގާސިމް އިބްރާހިމް އިބްރާހިމް އާއި ބައްދަލުކުރައްވައިފައިވާކަމުގައެވެ. އަދި މިބައްދަލުވުމަށް އަލީ ވަހީދު ވިލާ މާމިގިލީ އެއަރޕޯޓަށް ވަޑައިގަތުމުން މަރުހަބާ ދެއްނެވީ ޕާޓީގެ ލީޑަރ އޮނަރަބްލް ގާސިމް އިބްރާހިމްކަމަށްވެސް ޖުމުހޫރީ ޕާޓީން ކުރި ޓުވީޓުގައި ބުނެފައި ވެއެވެ.
ޖުމްހޫރީޕާޓީގެ ކުރީގެ ރައީސް އަލީ ވަހީދު މިއަދު ޖޭޕީގެ ލީޑަރ އޮނރަބްލް ގާސިމް އިބްރާހިމް އިބްރާހިމް އާއި ބައްދަލުކުރައްވައިފިއެވެ. މިބައްދަލުވުމަށް އަލީ ވަހީދު ވިލާ މާމިގިލީ އެއަރޕޯޓަށް ވަޑައިގަތުމުން މަރުހަބާ ދެއްނެވީ ޕާޓީގެ ލީޑަރ އޮނަރަބްލް ގާސިމް އިބްރާހިމްއެވެ. pic.twitter.com/IhvlbuYtCa
— JP Secretariat (@JPSecretariat) July 14, 2023
އަލީ ވަހީދު ގާސިމްއާއި ބައްދަލު ކުރައްވާފައިވާއިރު، އޭނާ ފާއިތުވެދިޔަ ހަފްތާގައި ރާއްޖެ ވަޑައިގެންފައިވަނީ، ދައުލަތުން އޭނާގެ މައްޗަށް ކުރި، ޖިންސީ ގޯނާގެ ތުހުމަތުތަކާއި ގުޅޭ ދައުވާތައް އަބުރާ ގެންދިއުމާއި ގުޅިގެންނެވެ.
ރައީސް ސާލިހުގެ ޓުއަރިޒަމް މިނިސްޓަރަކަށް ހުންނަވައިގެން މުވައްޒަފުންނަށް ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތު ކުރެވި، އެމައްސަލައިގައި ދައުވާ އުފުލުމުން އަލީ ވަހީދުފާއިތުވި ދެއަހަރު ހުންނެވީ އިނގިރޭސިވިލާތުގައެވެ. އޭނާ އިނގިރޭސިވިލާތަށް ފުރައިގެން ދިޔައީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ.
ރާއްޖެއިން ބޭރުގައި ހުންނަވަނިކޮށް، ސުޕްރީމް ކޯޓުން ވަނީ، އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ޖިންސީ ގޯނާގެ މައްސަލަތަކާއި ގުޅިގެން ކޯޓަށް ހާޒިރު ނުވުމުން ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ބުނެ އޭނާ ޖަލަށް ލާންވެސް ހުކުމް ކޮށްފައެވެ. މިގޮތުން އޭނާގެ މައްޗަށް 2021 ވަނަ އަހަރު އޮގަސްޓް މަހުގެ 11 ވަނަ ދުވަހު ދެމަހާއި 12 ދުވަހަށް އޭނާ ބަންދުކުރަން ދިވެހިރާއްޖޭގެ ސުޕްރިމް ކޯޓުން ހުކުމް ކުރިއެވެ.
އެހެންނަމަވެސް އެ މައްސަލާގައި އަލީ ވަހީދު ޖަލަށް ލާން ކުރި ހުކުމް ބާތިލްކޮށް މާފުދިނީ އޭނާ މާފަށް އެދި ކޯޓަށް އެކަން އެންގުމުން ކަމަށް ސުޕްރީމް ކޯޓުން ބުނެފައި ވެއެވެ. ސުޕްރީމް ކޯޓުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އަލީގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމް ބާތިލްކުރީ ޖޫން މަހު ކަމަށެވެ.
އަލީ ވަހީދު ފާއިތުވެދިޔަ ހަފްތާގައި ރާއްޖެ ވަޑައިގަންނެވީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވާން ނެތްކަމަށް ބުނެ، ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް އަލީ ވަހީދުގެ މައްސަލަ އަނބުރާ ގެންދެވުމުންނެވެ.
ބައެއް ފަރާތްތަކުން ވިދާޅުވާ ގޮތުގައި އަލީ ވަހީދު ގާސިމްއާއި ބައްދަލުކޮށް ކުރައްވާފައިވާ މަޝްވަރާއަކީ ގާސިމް އިބުރާހިމްގެ ތާއީދު ރައީސް ސާލިހަށް ކަށަވަރު ކޮށްދިނުމާއި ގުޅޭ މަޝްވަރާތަކެވެ.
ކޮމެންޓު ފޮނުވާ