އެއާޕޯޓް އަޅަން 3 ރަށުގެ ބިން ހިއްކަން ހަވާލުކޮށްފި

އެއާޕޯޓް އަޅަން 3 ރަށުގެ ބިން ހިއްކަން ހަވާލުކޮށްފި

Author
މުޙައްމަދު ޝަޒައިމް
12 ޖުލައި 2023 01:36
0

ށ. ބިލެތްފަހި، ބ. ތުޅާދޫ އަދި ތ. ވިލުފުށީގައި އެއާޕޯޓް އަޅަން ބޭނުންވާ ބިން ހިއްކަން 654 މިލިއަން ރުފިޔާ އަށް ބަޔަކާ މިއަދު ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު ސޮއިކުރެއްވިއިރު ކެޕިޓަލް މެރިންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސިވަރާޖާ މަނިވައްނަންއެވެ.

ރާއްޖޭގައި 2014 ވަނަ އަހަރު ރަޖިސްޓްރީކޮށްފައިވާ ކެޕިޓަލް މެރިންގެ ބޯޑުގައި ތިބެނީ ސްރީލަންކާ ދެމީހުންނެވެ. އެ ކުންފުނީގެ ހިއްސާދާރުންނަކީ މެނޭޖިން ޑިރެކްޓަރު ސިވަރާޖާ މަނިވައްނަން އާއި އިނގިރޭސިވިލާތުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ކަމަށްވާ ކެޕިޓަލް އިވެސްޓްމަންޓް އެންޑް ފައިނޭންސް ލިމިޑެޓެވެ. އެއީ ކޮންސްޓްރަކްޝަން އާއި ރިއަލްސްޓޭޓް ވިޔަފާރިކުރާ ކުންފުންޏެކެވެ.

ޕްލޭނިން މިނިސްޓްރީން ބުނި ގޮތުގައި، އެ ތިން ރަށުގައި ބިން ހިއްކަން ކެޕިޓަލް މެރިންއާ ހަވާލުކުރީ 42،450،783.48 ޑޮލަރު (654 މިލިއަން ރުފިޔާ) އަށެވެ.

ބިން ހިއްކުމަށް ހަމަޖެހިފައިވާ ގޮތް:

– ބިލެތްފަހިން 56.34 ހެކްޓަރު
– ތުޅާދޫން 44.70 ހެކްޓަރުގެ ބިން
– ވިލުފުށި 44.70 ހެކްޓަރުގެ ބިން

ކޮންސްޓްރަކްޝަން އާއި ރިއަލްސްޓޭޓް ވިޔަފާރިކުރާ ކެޕިޓަލް މެރިންގެ ހިއްސާދާރުންނަކީ މެނޭޖިން ޑިރެކްޓަރު ސިވަރާޖާ މަނިވައްނަން އާއި އިނގިރޭސިވިލާތުގައި ރަޖިސްޓްރީ އޮންނަ ކެޕިޓަލް އިވެސްޓްމަންޓް އެންޑް ފައިނޭންސް ލިމިޑެޓެވެ.

ރައީސް ވެރިކަމަށް ވަޑައިގަތުމަށްފަހު އެއާޕޯޓް އެޅުމަށް ކުރިން އިއުލާން ކުރި ރަށްތަކެއް ހުއްޓާ މާފަހުން އެއާޕޯޓެއް އެޅުމަށް އިއުލާން ކުރި ރަށެއް ކަމަށްވާ ރ. އަލިފުށި އެއާޕޯޓްގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށް އެބަދެއެވެ.

ހދ. މަކުނުދޫ، ށ. ބިލެތްފަހި، ރ. ބެރިއަންފަރު، ބ. ތުޅާދޫ، ފ. މަގޫދޫ އަދި ތ. ވިލުފުށީގައި ރީޖަނަލް އެއާޕޯޓް އަޅަން ސަރުކާރުން އޮތީ ނިންމައިފަ އެވެ. އޭގެ ތެރެއިން އަމަލީ މަސައްކަތް އަދި ފެށީ މަގޫދޫ އެއާޕޯޓުގެ އެކަންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.