އެއްވެސް މީހަކު ރޭޕްކޮށް، ޖިންސީ ފުރައްސާރަ ކޮށްފައި ނުވާނެކަމަށާއި، މިކަމުގައި އޭނާ ފްރޭމް ކުރުމުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ އަތެއް ނުވާ ކަމުގައި މިސަރުކާރުގެ ފުރަތަމަ ޓުވަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
އަލީ ވަހީދު ރާއްޖެއަށް އައީ ޖިންސީ ގޯނާ އާއި ރޭޕް ފަދަ ތުހުމަތުތަކުގައި އުފުލި ދައުވާތަކުގައި ހެކިބަސް ދޭން ތިބި މީހުން މިހާރު ހެކިބަސް ދޭން ބޭނުން ނުވާ ކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ސިޓީ ފޮނުވުމުން ދައުވާތައް އަނބުރާ ގެންދިއުމުންނެވެ. އެކަމަކު ސުޕްރީމް ކޯޓުގައި ބޭއްވި ޝަރީއަތްތަކަށް ހާޒިރުނުވުމުން ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ކުށުގައި އޮތީ ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން އޮގަސްޓު 11، 2021 ގައި ހުކުމް ކޮށްފައެވެ.
މިގޮތަށް ހުކުމް ކުރި ނަމަވެސް، ސުޕްރީމް ކޯޓުގެ އިދާރީ އޮޅުމަކުން އަލީ ވަހީދަށް ފޮނުވާފައި އޮތީ އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވުމުގެ ޗިޓެއް ކަމަށް ވަނީ އެނގިފައެވެ.
މިއަދު މާލެ ވަޑައިގެން ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ އޭނާ ފްރޭމްކުރުމުގައި އިސްކޮށް އުޅުނީ ސަރުކާރުގެ ބޮޑުންތަކެއް ކަމަށެވެ. އޭނާ ވިދާޅުވީ މިކަމުގައި ރައީސް ޞާލިހުގެ އެއްވެސް އަތެއް ނެތްކަން ޔަގީންވާކަމަށެވެ. އޭނާގެ ވާހަތަކުން ސާފުވީ މިއީ ރައީސް ނަޝީދަށް ތާއީދު ކުރާ ފަރާތްތަކުން ކުރިކަމެއްގެ ގޮތުގައެވެ.
އަލީ ވަހީދު ވިދާޅުވީ އޭނާއަށް ލިބުނު އަނިޔާގެ ބަދަލު ހޯދަން ކޯޓަކަށް ނުދާނެކަމަށެވެ. ވަރަށް އަނިޔާވެރިކޮށް މިކުރި ކަންތަކުން އެންމެ ބޮޑު އަނިޔާއެއް ލިބުނީ އާއިލާގެ މެމްބަރުންނަށް ކަމަށެވެ. ނަމަވެސް އެލިބުނު އަނިޔާތަކަށް ބަދަލު ހޯދަން ދައުލަތާއި ދެކޮޅަށް އުފުލާނެ ދައުވާއެއް ނޯންނާނެކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސިޔާސީ ގޮތުން މަސައްކަތް ކުރާނެ ގޮތަކާއިމެދު އަދި ވަކި ގޮތެއް ނުނިންމާކަމަށެވެ. އޭނާ ފްރޭމްކޮށް އެކަން ކުރަން އުޅުނު ބަޔަކު ކުރަން އުޅުނީ 35 އަހަރުގެ ޖަލު ހުކުމެއް އަންނަ ގޮތެއް ހެދުން ކަމަށެވެ. ނަމަވެސް އެކަންވެސް ނުވެ ދިއުމަކީ ލިބޭ ބޮޑު ހިންހަމަޖެހުމެއްކަމަށެވެ.
އަލީ ވަހީދު ވަނީ ރައީސް ޔާމީނާއި، ރައީސް ޞާލިހާއި، ރައީސް ނަޝީދާއި، ރައީސް މައުމޫނަށްވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ތައުރީފް ކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ