އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިއްޔެ ކުރި އިޙުތިޖާޖު ކުރިއަށް ގެންދިޔަ ސަރަހައްދުން ހައްޔަރުކުރި މީހާ ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފިއެވެ.
އިޙުތިޖާޖު ހިނގަމުން ދިޔަ ސަރަޙައްދުން ދަތުރު ކުރި މީހަކު، އެއްވެސް ބެލުމެއް ނެތި އޭނާއާއެކު އިން ކުޑަ ކުއްޖެގެ ހައްޔަރުކުރީ ވަރަށް އަނިޔާވެރިކަމާއެކު ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން އިއްޔެ ވަނީ ބުނެފައެވެ.
ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލާފައިވަނީ މިއަދު އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުންނެވެ.
ކުޑަކުއްޖެއްގެ ކުރިމަތީ ފުލުހުން އަނިޔާވެރިކަމާއެކު އެމީހާ ހައްޔަރުކުރުމުން ގިނަބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ.
ނަމަވެސް މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ އޭނާ ފުލުނުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުލުހުންގެ ކުރިމައްޗަށް އައިސް ފުލުހުންނާ ދިމާލަށް އެއްޗެއް އެއްލުމުން ކަމަށާއި އެ ވަގުތު އެ މީހާގެ ކައިރީގައި ކުޑަކުއްޖަކު ނެތް ކަމަށެވެ.
The Maldives Police Service would like to address the allegations regarding the arrest of an individual during yesterday's protest. 1/5
— Maldives Police (@PoliceMv) July 8, 2023
ފުލުހުން މިހެން ބުނެފައިވަނީ ސުލްޙަވެރި އިޙުތިޖާޖު ހިނގަމުން ދަނިކޮށް އެސަރަޙައްދުން ކުޑަކުއްޖަކާއެކު ސައިކަލެއްގައި ދަތުރު ކުރަމުން ދިޔަ މީހަކު އެއްވެސް ބެލުމެއް ނެތި، ވީނުވީއެއް ނޭނގި ކުޑަ ކުއްޖެއްގެ ކުރިމަތިން އަނިޔާވެރިކަމާއެކު ހައްޔަރު ކުރި ކުރުން އެއީ އެއްގޮތަކަށްވެސް ބަލައި ގަނެވޭ ކަމެއް ނޫންކަމަށްބުނެ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ނެރުނު ބަޔާނާއި ގުޅިގެންނެވެ.
ފުލުނުން ބުނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހާ އަކީ އެތުރިގެން ތިބި ފުލުހުންގެ ސަފުގެ ކުރިމައްޗަށް އަރައި ފުލުހުންނާ ދިމާ އަށް އެއްޗެއް އެއްލި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއް ކަމަށެވެ. އަދި އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން މަސައްކަތް ކުރި އިރު އެމީހާ ކައިރީ ކުޑަކުއްޖަކު ނެތްކަމަށް ފުލުހުން ބުނެފައިވެއެވެ.
އެކަމަކު އާންމުވެފައިވާ ވީޑިއޯތަކުގައި ފުލުހުން އެ މީހާ ހައްޔަރުކޮށް ވެހިކަލަށް އެރުވި އިރު ކުޑަކުއްޖާ ފެންނަން ހުރެއެވެ. ކުޑަކުއްޖާ ހުއްޓާ މުޒާހަރާގެ ބައިވެރިން ހުތުރު ބަހުން ވާހަކަ ދައްކާތީ ވެސް ވީޑިއޯ އިން އަޑު އިވެއެވެ.