ސިމް ކާޑުތައް ވިއްކުން ކުރިޔަށް އޮތް ދެ ހަފްތާ ތެރޭގައި ލިމިޓް ކުރުމަށް ހަމަޖެހިފައިވާކަން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) ހާމަ ކޮށްފިއެވެ.
ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ކޭމްގެ ސީއީއޯ އިލްޔާސް އަހުމަދު ވިދާޅުވެފައިވަނީ މިކަމަށްޓަކާ ހަދަންޖެހޭ ގަވައިދު މިހާރު އެކުލަވާލާފައިވާ ކަމަށާއި އެ ގަވާއިދު މިހާރު އޮތީ އެންމެ ފަހުގެ އެޕްރޫވަލްއާއި ހިސާބުގަ ކަމަށެވެ.
ކޭމްއިން މިމަކަށްޓަކާ އެކުލަވާލަންޖެހޭ ގަވާއިދު އެކުލަވާ ތަންފީޒު ކުރުމަށް ފަށަނީ، ރާއްޖޭގައި ހިނގާ ފައިސާގެ ސްކޭމްތައް މަދުކުރުމުގެ ގޮތުން، ވަކި ފަރުދަކަށް ނެގޭ ސިމް ކާޑުގެ އަދަދު ލިމިޓު ކުރުމަށް، އެ މުވައްސަސާއިން އެކުލަވާލަންޖެހޭ ގަވާއިދު ހަދާ ނިންމުމަށް 15 ދުވަހުގެ މުއްދަތެއް ދީ ރައްޔިތުންގެ މަޖިލީހުން އަންގާފައިވަނީ ފާއިތުވި އެޕްރިލްމަހުއެވެ.
އަދި ފާއިތުވި މާރޗަމަހި ކޮމިއުނިކޭޝަން އޮތޯރިޓީން ބުނެފައިވަނީ ނަހަމަގޮތުގައި ބޭނުންކުރަމުން އަންނަ ސިމްކާޑްތައް ބްލޮކްކޮށް، އެކަކަށް މޯބައިލް ސިމް ނެގޭ މިންވަރު ކަނޑައެޅުމަށް ކުރަންޖެހޭ މަސައްކަތްތައް މިއަހަރުގެ މެއި މަހުގެ ތެރޭގައި ފަށާނެކަމަށެވެ.
އެކަކަށް މޯބައިލް ސިމް ނެގޭ އުސޫލެއް ޤާއިމްކުރަން ނިންމީ އޮޅުވާލައިގެން އެކިގޮތްގޮތުން ފައިސާ ހޯދުމަށް އެހެން މީހެއްގެ ނަމުގައި ނަގާފައިވާ ސިމް ކާޑު ނުވަތަ ބިދޭސީންގެ ނަމުގައި ނަގާފައިވާ ސިމް ކާޑު ބޭނުންކުރަމުންދާ މައްސަލަތައް އިތުރުވަމުންދިއުމާއި ގުޅިގެންކަމަށްވެސް އޭރި ކޮމިއުނިކޭޝަން އޮތޯރިޓީއިން މަޢުލޫމާތު ދީފައި ވެއެވެ.
ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ކޭމްގެ ސީއިއޯ އިލްޔާސް އަހުމަދު ވިދާޅުވެފައިވަނީ، މިހާރު އެކުލަވާލާފއިވާ ގަވާއިދުގެ ދަށުން ގިނަ އަދަދެއްގެ ސިމް ނަގާފައިވާ ފަރާތްތަކަށް ކަނޑައަޅާ ލިމިޓަށް މަދު ކުރުމަށް ފުރުސަތެއް ލިބޭނެ ކަމަށެވެ. އަދި އެމުއްދަތުގައި ސިމްތަކުގެ އަދަދު މަދު ނުކޮށްފިނަމަ ނަމްބަރުތައް ބްލޮކް ކުރާނެ ކަމަށެވެ.
މިއަހަރުގެ މަރޗްމަހު ފުލުހުންވަނީ، އޮޅުވާލައިގެން ފައިސާ ހޯދާ މީހުން ހޯދުމަށް އެމުވައްސަސާއިން ކުރާ މަސައްކަތްތަކުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީއާއި ހިއްސާކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީއަށް ފުލުހުން ފޮނުވި ރިޕޯޓުގައިވާގޮތުން އެކަކުގެ ނަމުގައި 800 ސިމް ކާޑު ނަގާފައިވާއިރު، އޭގެ އިތުރުން 2 ބިދޭސީއެއްގެ ނަމުގައި 24000 ސިމް ކާޑު، 12 ބިދޭސީއެއްގެ ނަމުގައި 38000 ސިމް ކާޑު ނަގާފައިވާކަންވެސް ފުލުހުންގެ ރިޕޯޓުގައިވެއެވެ. މިޢާއެކު ޖުމްލަ 14 ބިދޭސީއެއްގެ ނަމުގައި 62000 ސިމް ކާޑު ނަގާފައިވާކަމަށް ފުލުހުންގެ ރިޕޯޓުގައި ބުނެފައި ވެއެވެ.
ފުލުހުންގެ ރިޕޯޓުގައިވާގޮތުން އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތަކުގެ ތެރެއިން 305 ނަންބަރަކީ މާފުށީ ޖަލުގައި ތިބި ގައިދީން ބޭނުންކޮށްފައިވާ ނަންބަރުތަކެވެ. އަދި މިނަންބަރުތައް ބްލޮކް ކުރަން ފޮނުވާފައިވާކަމަށްވެސް ފުލުހުން ކޮމެޓީއަށް ފޮނުވި ރިޕޯޓުގައި ވަނީ ބުނެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީއަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭއިންވެސް ވަނީ ރިޕޯޓެއް ހުށައަޅާފައެވެ. އެގޮތުން 2021 ވަނަ އަހަރު އޮޅުވާލައިގެން ފައިސާ ހޯދާ 686 މައްސަލަ ހުށައަޅާފައިވާކަމަށް އެރިޕޯޓުގައިވެއެވެ. އަދި 2022 ވަނަ އަހަރު 1459 މައްސަލަ، މިއަހަރުގެ މިހާތަނަށް 238 މައްސަލަ ހުށައަޅާފައިވާކަމަށްވެސް އެމްއެމްއޭގެ ރިޕޯޓުގައިވެއެވެ.
ކޮމެންޓު ފޮނުވާ