އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެހުންނަވާ އުފައްދަވާ ދަ ޑިމޮކްރެޓްސްގެ ވަގުތީ ޗެއަރޕާސަންއަކަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު އިންތިޚާބު ކޮށްފިއެވެ.
ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމަށް ޢިޔާސުއްދީން ސްކޫލުގައި ރޭ ބޭއްވި ޖަލްސާގައި އެޕާޓީގެ ވަގުތީ ދެއަރޕާސަންއަކަށް ހަސަން ލަތީފުގެ ނަން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.
އޭގެ އިތުރުން ރޭވަނީ އެ ޕާޓީގެ ވަގުތީ ޗެއަރޕާސަންގެ ނާއިބުންވެސް ހޮވާފައެވެ. މިގޮތުން ވަގުތީ ޗެއަރޕާރސަންގެ ނާއިބުންނަށް 3 ނަމެއް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލިހުގެ ނާއިބު ރައީސް އީވާއެވެ.
އޭނާ ހުށަހެޅުއްވި ނަންތަކަކީ:
1- ނ.އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު
2- އެންވަޔަރްމެންޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަންސަރު
3- އެލްޖީއޭގެ ކުރީގެ ސީއީއޯ އަފްޝަން ލަތީފު
3 ބޭފުޅުންވެސް ޗެއަރޕާސްންގެ ނައިބުންނަށް އިންތިޚާބު ކުރުމަށް 355 ވޯޓު ލިބިފައި ވެއެވެ.
ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ރޭ ބޭއްވި އާންމު ޖަލްސާގައި ވަނީ އެޕާޓީގެ ޕާޓީގެ ނަމާއި، ލޯގޯއާއި، ކުލަ ފާސްކޮށްފައެވެ.
ރޭ ޣިޔާސުއްދީން ސްކޫލު ހޯލުގައި ގިނަ ބަޔަކާއިއެކު ބޭއްވި މިޖަލްސާގައި ރައީސް ނަޝީދާއި، އެމްޑީޕީން ވަކިވި ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ.
އެޖަލްސާގައި ޕާޓީގެ ނަމަކަށް ދަ ޑިމޮކްރެޓްސް ކިޔަން ފާސްވީ ވޯޓުގައި ބައިވެރިވި 481 ބޭފުޅުންގެ ވޯޓުންނެވެ. ޕާޓީގެ ކުލައިގެ ގޮތުގައި ފާސްވީ މަޑު ނޫކުލައެވެ. ލޯގޯއަކީ ސަމުގާއެއްގެ ގޮތަށް އިންނަ ލޯގޯއެކެވެ. ގަދަ ނޫކުލައިން ލޯގޯ ކުރެހިފައިވާއިރު، އެތެރޭގައި ވަނީ މަޑު ނޫކުލައެވެ. ލޯގޯއާއި، ދިދަ ފާސްވީ ވޯޓުގައި ބައިވެރިވި 478 މެމްބަރުންގެ ވޯޓުންނެވެ. ލޯގޯއާއި، ކުލަ ހުށަހެޅިގޮތަށް ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދިނީ 7 މެމްބަރުންނެވެ.
ޣިޔާސުއްދީން ސްކޫލްގައި ކުރިޔަށްދިޔަ ޖަލްސާގައި އެޕާޓީގެ މުއައްސިސު ހަސަން ލަތީފު އިއުލާނުކުރެއްވި ގޮތުގައި އެ ޖަލްސާ ކުރިއަށް ދިޔައީ 500 އަށް ވުރެ ގިނަ މެމްބަރުންނާ އެކުގައެވެ.
ރޭގެ ޖަލްސާ ތަޢާރަފް ކުރައްވަމުން ހަސަން ލަތީފް ވިދާޅުވީ އެޕާޓީ އުފައްދަވަން ޖެހުނީ އެމްޑީޕީ މަގުން ކަސިޔާރުވެ، ކޮރަޕްޝަނާއި ފަސާދައަށް ދިއުމުން ކަމަށެވެ.
ކޮމެންޓު ފޮނުވާ