ރ.އަތޮޅު އުނގޫފާރުން ފުރައިގެން މާލެ ދަތުރުކުރަމުން ދަނިކޮށް "ކްރިސްޓަލް ސްޕީޑް" ނަމަކަށް ކިޔާ ފެރީ ލޯންޗެއްގައި ހާދިސާއެއް ހިނގައިގެން، އަނިޔާ ލިބުނު ބަޔަކު އެމްއެންޑީއެފް ކޯސްޓްގާޑުން މާލެ ގެނެސްދީފިއެވެ.
މާލެ އަތޮޅު އެރިޔަދޫ ރިސޯޓް ކައިރިން އެ ލޯންޗަށް ހާދިސާއެއް ދިމާވި ކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު ހަވީރު 16:00 ހާއިރެވެ. މި ހާދިސާގެ ރިޕޯޓު ލިބުމާއެކު، އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް ކޯސްޓްގާޑް "ހާބަރ ކްރާފް" ލޯންޗެއް އެ ސަރަހައްދަށް ދިއުމަށް ދަތުރުކުރަމުން ދަނިކޮށް، "ކްރިސްޓަލް ސްޕީޑް" ލޯންޗުން ވަނީ މަޑުމަޑުން އެރިޔަދޫ ރިސޯޓަށްވަދެ އަނިޔާވި މީހުން އަވަސް ފަރުވާއަށް އެރިޔަދޫ ރިސޯޓަށް ބާލާފައެވެ. އަދި އެ ރިސޯޓުން އެމީހުންނަށް ފަރުވާދީފައިވެއެވެ.
ކޯސްޓްގާޑްގެ އުޅަނދު، 17:07 ހާއިރު އެ ރިސޯޓަށް ގޮސް، މި ހާދިސާގައި އަނިޔާވި ހަތް މީހަކު ވަނީ މިރޭ 19:32 ހާއިރު އިތުރު ފަރުވާއަށް މާލެއަށް ގެނެސްދީފައެވެ.
ރ.އަތޮޅު އުނގޫފާރުން ފުރައިގެން މާލެ ދަތުރުކުރަމުން ދަނިކޮށް ފެރީ ލޯންޗެއްގައި ހިނގި ހާދިސާއެއްގައި، އަނިޔާ ލިބުނު މީހުން އެމްއެންޑީއެފް ކޯސްޓްގާޑުން މާލެ ގެނެސްދީފި.https://t.co/s7LGIJ1dVK pic.twitter.com/Zo5CRwOOBX
— Maldives National Defence Force (@MNDF_Official) July 5, 2023
39 މީހުން ދަތުރުކުރި މި ލޯންޗުގައި ހިނގި ހާދިސާގައި އެކިވަރުގެ އަނިޔާ ވެފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ އަށް މީހަކަށެވެ. އެހެން އެންމެންގެ ހާލު ވެސް ރަނގަޅެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ބެޓެރިއެއް ގޮވުމުންކަމަށް ލަފާކުރެވޭކަމަށް ކެޕްޓަން ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވެއެވެ.