ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ކުރީގެ ރައީސް ޔާމިންގެ މައްޗަށް ކުރިޔަށްދާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ތުހުމަތުގައި ހިނގަމުންދާ ޝަރީއަތުގެ މާދަމައަށް ތާވަލް ކޮށްފައޮތް މައްސަލަ ކުރިމިނަލް ކޯޓުގެ ތާވަލުން ނަގައިފިއެވެ.
ޔާމިންގެ މައްޗަށް ކުރިމިނަލް ކޯޓުގައި ކުރިޔަށްދާ މައްސަލަ ތާވަލުން ނަގާފައި މިވަނީ މިމައްސަލާގައި ފާއތިވެދިޔަ ދޮޅުމަހެއްހާ ދުވަހުވެސް ތާވަލްކުރެވުނު ޝަރީއަތްތަކުގެ އަޑުއެހުންތައް ކެންސަލް ވެފައިވަނިކޮށެވެ.
މިގޮތުން، އެންމެ ފަހުން ކުރިޔަށް ނުގެންދެވިފައިވަނީ މި މައްސަލާގެ އިއްޔެއަށް ތާވަލްކުރި އަޑުއެހުމެވެ. އެ އަޑުއެހުންވެސް ކެންސަލް ކުރަން ޖެހުނީ، އެއް މައްސަލައެއްގައި ދައުވާލިބޭ، ކުރިކު ރިޒާ ބަލިވެ އުޅޭތީ އޭނާއަށް ޝަރީއަތަށް ހާޒިރު ނުވެވޭނަކަން އަންގާފައިވާތީ ކަމަށް ކުރިމިނަލް ކޯޓުން ވަނީ ބުނެފައެވެ. އަދި މިމަހުގެ 2 ވަނަ ދުވަހަށް ތާވަލްކުރި އަޑު އެހުންވެސް ކެންސަލް ކުރަން ޖެހުނީ ކުރިކު ރިޒާ ބަލިވެ އުޅޭކަން ކޯޓަށް އަންގާ، ލިޔެކިޔުންތައް ހުށަހަޅާފައިވާތީކަމަށް ކޯޓުން ބުނެފައި ވެއެވެ.
ހަމަ އެއާއެކު އީދު ބަންދުގެ ކުރިން، މީގެ 2 ހަފްތާ ކުރިން ތާވަލްކުރި އަޑުއެހުންވެސް ކުރިމިނަލް ކޯޓުން ކެންސަލް ކުރީ ކުރިކުރިޒާ ބަލިވެ އުޅޭކަމަށް ކޯޓަށް އެންގުމާއި ގުޅިގެންނެވެ. އަދި އޭގެ ކުރީ ދުވަހުގެ އަޑުއެހުންވެސް ކުރިކު ރިޒާ ބަލިވެ އުޅޭތީ އަޑުއެހުން ވަނީ ކެންސަލް ކޮށްފައެވެ.
ޔާމިންއާއި ކުރިކު ރިޒާއަށްވެސް އެއް މައްސަލައެއްގައި ދައުވާ ލިބޭ މިމައްސަލައިގެ އަޑުއެހުންތަކަށް ހާޒިރު ނުވެވޭ މިންވަރަށް ދިގުމުއްދަތަކަށް ކުރިކު ރިޒާ ބަލިވެ އުޅެނީ ކޮންކަހަލަ ސިއްހީ މައްސަލައެއްގައި ކަމެއް ސާފު ވެފައެއް ނުވެއެވެ.
މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އަޑުއެހުންވެސް މިހާރު ކެންސަލް ވެފައިވާއިރު، މިމަހުގެ 09 ވަނަ ދުވަހާއި 11 ވަނަ ދުވަހާއި އަދި 13 ވަނަ ދުވަހަށްވެސް ވަނީ މިމައްސަލާގެ އަޑުއެހުންތައް ތާވަލް ކޮށްފައި ވެއެވެ. އެހެންނަ މި އަޑުއެހުންތައް ތާވަލުން ނަގާފައިވާކަމެއް އަދި ސާފުވެފައެއް ނުވެއެވެ.
ދަށުކޯޓުގައި ކުރިޔަށްދާ ފުއްގިރި މައްސަލާގައި މިހާރު ކުރިއަށްދަނީ ހެކިބަސް ނެގުމުގެ މަރުހަލާއެވެ. އެގޮތުން ދައުލަތުން ހުށަހެޅި 6 ހެއްކެއްގެ ހެކިބަސް މިހާތަނަށް ކޯޓުގައި ވަނީ ނަގާފައެވެ. އޭގެތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުއާއި އަދި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ ޒިޔަތުގެ ހެކިބަސްވެސް ނަގާފައިވެއެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ އަޑުއެހުން ކުރިއަށްދާއިރު ހައިކޯޓުގައި އަންނަނީ ވ. އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައްވެސް ކުރިއަށް ގެންދަމުންނެވެ. އެގޮތުން މިއަދު ވަނީ އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާފައެވެ.
ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ދައުވާއެވެ. މިމައްސަލައިގައި ރައީސް ޔާމީންގެ އިތުރުން ދައުވާ ކޮށްފައިވަނީ އަހުމަދު ކްރިކް ރިޟާގެ މައްޗަށާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ.
One Response
ތިޔައީ ޔާމީނު ކުރިކު ރިޒާލަށްވާ ޤަްދުގައި ކުރާކަމެއް ވަރަށް ވަރަށް ސާފް އިނގޭތޯ