އިދިކޮޅު ޕީޕީއެމްއިން ކުރިޔަށް ގެންދާ އިންޑިއާއައުޓު ހަރަކާތް ހުއްޓާލުމަށް އަންގަންޖެހޭނީ، އެމްޑީޕިގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފައްދާ ދަ ޑިމޮކްރެޓްސް ޕާޓީން ނޫންކަމަށާއި، ޕީޕީއެމް/ޕިއެންސީގެ އެޖެންޑާ ކަނޑައަޅާނީ އެ ދެޕާޓީން ކަމުގައި، ޕީޕީއެމް ހިންގުމާ ހަވާލުވެ ހުންނެވި އަބުދުއްރަހީމް ވިދާޅުވެއްޖެއެވެ.
އަބުދުއްރަހީމް މިހެން ވިދާޅުވީ، ރައީސް ޔާމިންގެ ދޮރުން ދޮރަށް ކެމްޕޭން މިއަދު މާލޭގައި ފެށުމުގެ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
އަބުދުއްރަހީމް ވިދާޅުވީ، އިންޑިއާއައުޓު ހަރަކާތް ހުއްޓާލާކަމަށް ވާނަމަ ހުއްޓާލާނީ ރައީސް ޔާމިންގެ ލާފައާއެކު ކަމަށާއި، ދަ ޑިމޮކްރެޓްސްއިން ވަކިގޮތަށް ވަކި ކަމެއް ކުރުމަށް އެންގުމަކީ ޕީޕީއެމްއިން އެގޮތަކަށް އަމަލު ކުރަންޖެހޭ ސަބަބެއް ނޫން ކަމުގައެވެ.
އިންޑިއާ އައުޓުކަމަށް ވިޔަސް، އަދި އެހެން އެއްޗެއްކަމަށް ވިޔަސް، އެކަމެއް އަޅުގަޑުމެން ހުއްޓާލަންޏާ ހުއްޓާލާނީ އަޅުގަޑުމެންގެ ރައީސްގެ މަޝްވަރާއާއެކީގަ… އެބޭފުޅުން (ދަ ޑިމޮކްރެޓްސް) ވަކި ގޮތަކަށް ވިދާޅުވުން އެއީ އަޅުގަޑުމެން ހިންގަމުންދާ ހަރަކާތެއް ހުއްޓާލަން ޖެހޭ ސަބަބެއް ނޫން އެއްގޮތަކަށްވެސް. އަޅުގަޑު މި ދެންނެވީތާ އަޅުގަޑުމެން އެ ބޭފުޅުންނާއެކު މި މަސައްކަތް ކުރަނީ، ގައުމީ މައްސަލަތަކުގައޭ. މިސާލަކަށް ކަނޑު ވިއްކާލުން ކަހަލަ، އަދި އެނޫނަސް ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ކަހަލަ ކަންތައްތަކުގަ.
މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަބުދުއްރަހީމް ވިދާޅުވިއެވެ.
އިންޑިއާ އައުޓު ހަރަކާތް ހުއްޓާލުމަށް ޑިމޮކްރެޓްސްއަށް ނޭންގޭނަކަމަށް އަބުދުއްރަހީމް ވިދާޅުވެފައިވާއިރު، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ހިންގާ ކަމުގައިވާނަމަ، އެކީގައި މަސައްކަތް ކުރަން ވަރަށް އުދަނގޫވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި ޑިމޮކްރެޓްސް ޕާޓީގެ މުއައްސިސް ހަސަން ލަތީފް ވިދާޅުވީ، ދަ ޑިމޮކްރެޓްސް އުފެއްދުމަށް ބާއްވާ ޖަލްސާގެ މައުލޫމާތު ހިއްސާ ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ވިދާޅުވީ އެއްވެސް ޤައުމަކާ ދެކޮޅަށް ސިޔާސީ ހަރަކާތްތައް ހިންގުމަށް ދަ ޑިމޮކްރެޓްސްއިން ނޭދޭކަމަށެވެ. ނަމަވެސް ޕީޕީއެމްއަކީ އެފަދަ ހަރަކާތްތައް ހިންގާ ޕާޓީއެއްކަމަށާއި، އެހެންކަމުން އެ ހަރަކާތްތައް ހުއްޓާލުމަށް އެޕާޓީގައި އެދޭނެކަށެވެ.