މާލެއިން ތިލަފުއްޓަށް އަޅާ ބްރިޖު، އަންނަ އަހަރުގެ ތެރޭގައި ބޭނުންކުރަން ފެށޭނެ: ރައީސް

މާލެއިން ތިލަފުއްޓަށް އަޅާ ބްރިޖު، އަންނަ އަހަރުގެ ތެރޭގައި ބޭނުންކުރަން ފެށޭނެ: ރައީސް

Author
މުޙައްމަދު ޝަޒައިމް
02 ޖުލައި 2023 09:37
0

މާލެއިން ތިލަފުއްޓަށް އަޅާ ބްރިޖުގެ މަސައްކަތް ނިމި އަންނަ އަހަރުގެ ތެރޭގައި ބޭނުން ކުރަން ފެށޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޚު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ގުޅިފަޅުގެ ދެވަނަ ފިޔަވަހީގެ ބިންހިއްކުމުގެ ބިޔަ މަޝްރޫޢު ފަށްޓަވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ ސާޅީހަކަށް އަހަރު ފަހުން، މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ބިންވެރިޔާ ސްކީމް ހުޅުވައިލީ، މާލޭ ރައްޔިތުންނަށް ހަމަނޭވާ ލެވޭނެ ގޮތެއް ހަދައިދޭން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މިމަޝްރޫއު މުޅިން ފުރިހަމަ ވެގެންދާނީ މާލެއާއި، ތިލަފުއްޓާއި، ގުޅީފަޅާއި، ވިލިމާލެ ހިމެނޭހެން ބްރިޖުން ގުޅާލުމުންކަމަށެވެ. މިމަސައްކަތުގެ ތެރެއިން މިފެށޭ އަހަރު މާލެއިން ތިލަފުއްޓަށް ބްރިޖުން ދަތުރުކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަޝްރޫޢު މުޅިން ފުރިހަމަވާނީ، މާލެއިން ތިލަފުއްޓަށް އަޅާ ބްރިޖުން، އެ ސަރަޙައްދާއި މާލެއާ ގުޅައިލުމުން. އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުގެ ތެރޭގައި، އެ ބްރިޖުގެ މަސައްކަތް ވެސް ނިމި ބޭނުންކުރަން ފެށޭނެ. އެއަށްފަހު ދެން ކުރަން އޮތް ކަމަކީ، އެ ބްރިޖް ގޮސް ގިރާވަރާ ގުޅައިލުން. އިރާދަކުރެއްވިއްޔާ އެ މަސައްކަތް ވެސް އަޅުގަނޑުމެން ކުރާނަން.

– ރައީސް ވިދާޅުވިއެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖްގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2022 ވަނަ އަހަރުގެ އޯގަސްޓްމަހުގެ ތެރޭގައެވެ. މި މަޝްރޫޢަކީ މާލެ ސަރަޙައްދުގައި އުމްރާނީ ގޮތުން ކުރިއަށް ގެންދެވޭ އެންމެ ބޮޑު ބިޔަ މަޝްރޫޢެވެ. މިމަޝްރޫގެ ދަށުން 4 ރަށެއް ގުޅުވާލާނެއެވެ. އެއީ މާލެއާއި ވިލިމާލެއާއި ގުޅީފަޅާއި ތިލަފުށްޓެވެ.

ތިލަފުށްޓާއި ހަމައަށް ބްރިޖް ގުޅާލުމުގެ މަސައްކަތް 2024 ވަނަ އަހަރުގެ މެދާ ހަމައަށް ނިންމުމަށް ސަރުކާރުން ވަނީ ޢަމާޒު ހިފާފައެވެ. މިމަޝްރޫއުގެ ދަށުން ޤާއިމްކުރާ 3 ބުރިޖާއި، ކޯސްވޭ އަދި މަގުތަކުގެ ނެޓްވޯކުގެ ދިގުމިނުގައި 6.7 ކިލޯމީޓަރު ހުންނާނެއެވެ. މީގެއިތުރަށް ގުޅާލާ، ކޮންމެ ރަށަކަށް އަރާ ފޭބުމަށް އިންޓަރޗޭންޖް ޕޮއިންޓްތަކާއި، ޕާކިން ސަރަހައްދުތައް ވެސް ހުންނާނެއެވެ.

މުޅި މި މަޝްރޫޢަށް 500 މިލިއަން ޑޮލަރު ހޭދަވާނެއެވެ. އެއީ 7 ބިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އަދި ދިވެހި ސަރުކާރުން ވެސް މި މަޝްރޫޢަށް ޚަރަދުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.