އިދިކޮޅު ޕީޕީއެމްއިން ދަ ޑިމޮކްރެޓްސްއާއެކު ސިޔާސީ މަޝްވަރާއަށް ގޮސްފައިވަނީ ޕާޓީގެ ސެނެޓްގެ ރުހުން ނެތިކަމަށް ވިދާޅުވެ، މިހާރު ކުރިޔަށްދާ ޕީޕީއެމްއާއި ޑިމޮކްރެޓްސް ޕާޓީގެ މަޝްވަރާތަކަށް، ރައްޔިތުންގެ މަޖިލިހުގެ ނިލަންދޫ ދައިރާގެ ކުރީގެ މެމްބަރު ޑރ. ޚަލީލު ނުރުހުން ފާޅުކޮށްފިއެވެ.
މިއަދު ކުރިޔަށްދިޔަ، ޕީޕީއެމްއާއި ޑިމޮކްރަޓްސް ޕާޓީގެ ސިޔާސީ މަޝްވަރާތަކަށްފަހު، ޕީއެންސީގެ ނާއިބު ރައީސް އިބުރާހިމް ޝުޖާ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން، ޕީޕީއެމް/ޕީއެންސީގެ ސެނެޓް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި ޑރ. ޚަލީލު ވިދާޅުވެފައިވަނީ އެހެން ޕާޓީތަކާއި މަޝްވަރާ ކުރުމަށް ރައީސް ޔާމިން ނޯޓަކުން ދެއްވާނީ ގައިޑޭންސްއެއް ކަމުގައެވެ.
އެހެންނަމަވެސް އެ ގައިޑޭންސް ތަންފީޒު ކުރަންވާނީ ސެނެޓްގެ ރުހުމާއެކު ކަމަށްވެސް ޑރ. ޚަލީލްގެ މެސެޖުގައި ވިދާޅުވެފައި ވެއެވެ.
އެހެން ޕާޓީ/ގުރޫޕްތަކާ މަޝްވަރާ ކުރެއްވުމަށް ރައީސް ޔާމިން ނޯޓަކުން ދެއްވާނީ ގައިޑޭންސް. އެ ގައިޑޭންސް ތަންފީޒު ކުރެވޭނީ ސެނެޓުގެ ރުހުމާއެކު. ސެނެޓް އެއްފަރާތްކޮށްފަ މިކަހަލަ ހައްސާސީ ކަންކަން ކުރުމަށް ރައީސް ޔާމިން ބޭނުންފުޅެއް ނުވާނެ! ޑިމޮކްރެޓްސްއާއެކު މަޝްވަރާކޮށް، ނޫސް ކޮންފަރެންސް ބާއްވާ ހިސާބަށް ހަމައެކަނި ލީޑަރޝިޕްގެ ނިންމުމަކުން ދެވޭނެ ޖާގަ ޕާޓީގެ އަސާސީ ގަވައިދަކުން ނުދޭ!
މިހާރު ކުރިޔަށްދާ، ޕީޕީއެމް-ޑިމޮކްރެޓްސް ޕާޓީގެ ސިޔާސީ މަޝްވަރާތައް ކުރިޔަށްދަނީ ސެނެޓްގެ ރުހުން ނެތި، އަދި ޕާޓީގެ އަސާސީ ގަވާއިދާވެސް ޚިލާފަށްކަމަށް ވިދާޅުވަމުން ޑރ. ޚަލީލު ވިދާޅުވެފައި ވެއެވެ.
ނަޝީދު އަލަށް އުފައްދަވާ ސިޔާސީ ޕާޓީ، ދަ ޑިމޮކްރެޓްސް ޕާޓީއާއެކު ޕީޕީއެމްއިން ސިޔާސީ މަޝްވަރާތަކަށް ދިޔައީ ޕާޓީގެ ލީޑަރޝިޕްގެ މަދު ބައެއްގެ ނިންމުމަކަށް، އެޕާޓީގެ ސެނެޓް ބަހެއް ނެތިކަމަށް ބުނެ، ސެނެޓްގެ ގިނަ މެމްބަރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެހެންމަވެސް މިއަދު ކުރިޔަށްދިޔަ ދެޕާޓީގެ މަޝްވަރާތަކަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްވަމުން ޕީއެންސީގެ ނާއިބު ރައީސް، އަދި ޕީޕީއެމްގެ ނަމުގައި މާލޭ ސިޓީގައި ތަމްސީލު ކުރައްވަމުން ގެންދަވާ އިބުރާހިމް ޝުޖާ ވިދާޅުވީ ދަ ޑިމޮކްރެޓްސް އާއި ގުޅިގެން މިހާރު ކުރިއަށް ގެންދާ މަޝްވަރާ ތަކަކުގައި ވާހަކަ ދެކެވޭނީ ސީދާ ރައީސް ޔާމީން ދެއްވާ ނޯޓުގައިވާ ކަންކަމަށް ކަމަށާއި، މި މަޝްވަރާތަކާމެދު ސެނެޓްގެ މެމްބަރުންގެ ކަންބޮވުމެއްވެސް ނެތްކަމުގައެވެ.
މިހާރު ކުރިޔަށްދާ މަޝްވަރާތަކާއި ގުޅޭގޮތުން ސެނެޓްގެ މެމްބަރުންގެ ކަންބޮޑުވުމެއް ނެތްކަމަށް ޕީއެންސީގެ ނާއިބު ރައީސް އިބުރާހިމް ޝުޖާ ވިދާޅުވި ނަމަވެސް، ފާއިތުވެދިޔަ ހަފްތާގައި ފެށި މަޝްވަރާތަކާއި ގުޅޭގޮތުން ޕީޕީއެމްގެ ސެނެޓްގެ އެހެން މެމްބަރުންވެސް ވަނީ ކަންބޮވުން ފާޅު ކޮށްފައެވެ.
އެގޮތުން ޕީޕީއެމްގެ ސެނެޓްގެ މެމްބަރު އަދި އެޕާޓީގެ އިސް އެކްޓިވިސްޓެއްކަމަށްވާ އަހުމަދު ސިއްދީގެ ޕާޓީގެ ސެނެޓް ވަޓްސްއަޕް ގުރޫޕަށް އިއްޔެ ކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ ޕީޕީއެމްގެ ސެނެޓަކީ ނެތް އެއްޗަކަށް ހަދައިގެން ނުވާނޭ ކަމުގައެވެ. އަދި އޭނާވެސް ވިދާޅުވެފައިވަނީ ޕާޓީގެ އާންމު މަސްލަހަތާއި ގުޅިފައިވާ ބޮޑެތި ނިންމުންތަކުގައި ސެނެޓާއި މަޝްވަރާވެސް ކުރުން މުހިންމު ކަމުގައެވެ.
ޕާޓީގެ ސެނެޓުން ޕާޓީގެ ލީޑަރޝިޕަށް އިޚްތިޔާރުތަކެއް ދިން ކަމުގައިވިޔަސް ޕާޓީގެ ސެނެޓް އެއީ ނެތް އެޗެއްކަމަށް ހަދައިގެން ނުވާނެ. ލީޑަރޝިޕްގެ ނިންމުންތަކުގެ މައުލޫމާތު ޕާޓީގެ ސެނެޓަށް އަރުވަން ވާނެކަމަށް ދެކެން. އަދި ޕާޓީގެ އާންމު މަސްލަހަތާއި ގުޅިފައިވާ ބޮޑެތި ނިންމުންތަކުގައި ސެނެޓާއި މަޝްވަރާވެސް ކުރުން މުހިންމު. އެއީ ކަންކަން ކާމިޔާބު ކުރުމަށާއި، މަސްލަހަތު އެކަމުގައި އޮތްގޮތް ކަމުގައި ދެކޭތީ މިވާހަކަ ހިއްސާ ކޮށްލީ. މި ޚިޔާލާމެދު ރަނގަޅު ނަޒަރަކުން ވިސްނުމަށް ހުރިހާ ބޭފުޅުންގެ އަރިހުން އެދެނެ.
ޕީޕިއެމް ލީޑަރޝިޕްގެ މަދު ބޭފުޅުންކޮޅެއް އިސްވެ ތިއްބަވައިގެން ޑިމޮކްރެޓްސް ޕާޓީއާއެކު ބާއްވަމުންދާ މަޝްވަރާތަކާމެދު ނުރުހުން ފާޅުކުރަމުން ވަޓްސްއަޕް ގުރޫޕުގައި ސިއްދީގު ވިދާޅުވިއެވެ.
ޕީޕީއެމްގެ އިސް ބައެއް ފަރާތްތަކުން ވިދާޅުވަމުން ގެންދަވަނީ، ވާދަވެރި ޕާޓީތަކާއެކީ ޕީޕީއެމްގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން ސިޔާސީ މަޝްވަރާއަށް ވަޑައިގެންނެވީ ސެނެޓްގެ ބަހެއް ނެތިކަމުގައެވެ. އަދި ކުޑަމިނުން، މިހާރު ކުރިަޔަށްދާ ސިޔާސީ މަޝްވަރާތަކާއި ގުޅޭގޮތުން ރައީސް ޔާމިންގެ ޢެޑްވައިޒަރުންނާވެސް، މަޝްވަރާތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅުން މަޝްވަރާ ކޮށްފައި ނުވާކަމަށްވެސް "ޚަބަރު އޮންލައިން"އަށް މައުލޫމާތު ލިބިފައި ވެއެވެ.
އަދި މި މަޝްވަރާތަަކަށް ވަޑައިގަންނަވާ، ޕީޕީއެމްގެ ލީޑަރޝިޕްގެ މަދު ބޭފުޅުންކޮޅެއް ޑިމޮކްރެޓްސް ޕާޓީއާއެކު ސިޔާސީ މަޝްވަރާތަކަށް ފެށީ އެބޭފުޅުންގެ އަމިއްލަ މަސްލަހަތު ހިމާޔަތްކުރުމަށް ކަމަށްވެސް ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ވިދާޅުވެއެވެ. އަދި "ރައީސް ޔާމިން ވިދާޅުވިކަމަށް ބުނެ" މި މަޝްވަރާތައް، އެބޭފުޅުން ކުރިޔަށް ގެންދަވަނީ ބޮޑު އޮޅުވާލުމެއްގެ ތެރެއިންކަމަށްވެސް ޕީޕީއެމް ލީޑަރޝިޕްގެ އިސް ބައެއް ބޭފުޅުން ގެންދަވަނީ ތުހުމަތު ކުރައްވަމުންނެވެ.
One Response
މުއިއްޒު ގެ ބަހެއް ވަރަށް މުހިންމު ކަމަށް ފެނެއެވެ. ދެޕާރޓީން ވެސް މުއިއްޒު ވާނީ އެންޑޯޒް ކޮއްފައެވެ. ނޯޓްގައި އޮތީ ކާކުކަމެއް ނޭގެއެވެ.