ގްރޭޑް އެކަކަށް އެންމެ ގިނަ ކުދިން ވައްދާފައިވަނީ މާލެ ސްކޫލްތަކަށް

ގްރޭޑް އެކަކަށް އެންމެ ގިނަ ކުދިން ވައްދާފައިވަނީ މާލެ ސްކޫލްތަކަށް

Author
އަޒްފާ ރަޝީދު
02 ޖުލައި 2023 11:49
0

އަލަށް ގްރޭޑް 1 ކަށް ވައްދާ ކުދިންގެ ތެރެއިން އެންމެ ގިނަ ކުދިން ވައްދާފައިވަނީ މާލޭގެ ސްކޫލްތަކަށްކަމަށް އެޑިއުކޭޝަނުން ބުނެފިއެވެ. މާލޭގެ ސްކޫލްތަކަށް އަކަނިވެސް 1400 ކުދިން ވައްދާފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މިއަހަރުވެސް އެންމެ ގިނަ އަދަދަކަށް ގްރޭޑް 1 ކަށް ކުދިން ވައްދާފައިވަނީ މާލޭ ސަރަޙައްދުގެ ސްކޫލްތަކަށްކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން މާލޭ ސަރަހައްދުން ގްރޭޑް އެކަކަށް 2800 ކުދިން ވައްދާފައިވާކަމަށް އެމިނިސްޓްރީން މަޢުލޫމާތުދެއެވެ. މިފެށޭ ދިރާސީ އައު އަހަރަށް، މާލެ ސަރަޙައްދުގެ ސަރުކާރު ސްކޫލްތަކުގެ ގްރޭޑް 1 އަށް ކުދިން ވެއްދުމުގެ ފުރުޞަތު ހުލުވާލީ އޭޕްރީމް މަހުގެ ތެރޭގައެވެ. އަދި މިހާރު ވަނީ އެފުރުޞަތުގެ މުއްދަތު ވަނީ ހަމަވެފައެވެ.

ގްރޭޑް 1 އަށް ކުދިން ވެއްދުމަށް ހުޅުވާލި ފުރުޞަތު ހަމަވީއިރު، މާލެ ސަރަހައްދުގައި ހިމެނޭ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ސްކޫލްތަކުގެ ތެރެއިން އެންމެ ގިނަ ކުދިން ވައްދާފައިވަނީ މާލޭގެ ސްކޫލްތަކަށެވެ. އެގޮތުން މާލޭގެ ސްކޫލްތަކަށް އަލަށް 1400 ކުދިން ގްރޭޑް1އަށް ވައްދާފައިވާކަމަށާއި، ހުޅުމާލޭ ސްކޫލްތަކުގެ ގްރޭޑް 1 ކަށް 790 ކުދިން އަދި ވިލިމާލޭގެ ސްކޫލަށް 86 ކުދިން ވައްދާފައިވާކަމަށް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން އަންނަ ދިރާސީ އައު އަހަރު އަލަށް ކިޔަވައިދޭން ފަށާ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޤާއިމްކޮށްފައިވާ ޞަލާހުއްދީން ސްކޫލަށްވެސް 500 ކުދިން ވައްދާފައިވާކަމަށާއި، އަތޮޅުތަކުގެ ސްކޫލްތަކަށްވެސް ގްރޭޑް 1 އަށް ކުދިން ވައްދާ ނިމި އެކުދިން މިހާރު އެ ސްކޫލްތަކުގައި ރަޖިސްޓްރީކޮށްފައިވާކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. އަންނަ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 6 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.