މިއަހަރު ހައްޖަށް ދިޔަ އިތުރު ދިވެހި ހައްޖާޖީއަކު ނިޔާވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ހަވާލުގައި މިއަހަރު ދިވެހިރާއްޖެއިން ޙައްޖަށް ދިޔަ ޙައްޖުވެރިޔަކު ކަމުގައިވާ ދ. މާއެނބޫދޫ، ފިޔާތޮށިގެ، ޢަލީ ޙަސަން (72) މައްކާގެ ސަޢުދީ ޖާމަން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައި ވާކަމުގައެވެ.
އަލީ ހަސަން ނިޔާވެފައިވަނީ ދިވެހިރާއްޖެ ގަޑިން އިއްޔެ 18:17 ގައި ކަމަށްވެސް އިސްލާމިކް މިނިސްޓްރީމް ބުނެފައި ވެއެވެ.
އަލީ ހަސަންއަކީ މިއަހަރު ރާއްޖެއިން ހައްޖަށްދިޔަ މީހުންގެ ތެރެއިން ނިޔާވި ދެވަނަ މީހާއެވެ. މިގޮތުން އަލް-ހަރަމައިން ހައްޖު ގްރޫޕުގެ ބެލުމުގެ ދަށުން ހައްޖަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުން ދިޔަ ރ. މާކުރަތު، އުމުރުން 72 އަހަރުގެ މުހައްމަދު ނަސީމް ނިޔާވެފައި އޮއްވާ ފެނިފައިވަނީ ގެއްލިގެން ހޯދަމުން ދަނިކޮށް 4 ދުވަސްް ފަހުންނެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވަނީ، އޭނާ ނިޔާވެފައި ވަނިކޮށް ފެނިފައިވަނީ ނޫރު ފަރުބަދައާއި ދިމާލުން އިއްޔެ ރޭގެ ދަންވަރުގެ ވަގުތެއްގައި ކަމުގައެވެ. އަދި އޭނާ ފެނިގެން ހޮސްޕިޓަލަކަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަން ހޮސްޕިޓަލުން ކަށަވަރު ކޮށްދީފައިވާކަމަށްވެސް އިސްލާމިކް މިނިސްޓްރީ މައުލޫމާތު ދީފައި ވެއެވެ.